ސަސްޕަޓިސްގެ ކޯޗަކަށް އިންމަ ހަމަޖައްސައިފި

ސަސްގެ ކޯޗުގެ މަގާމާ ހަވާލުވި އިސްމާޢީލް މަހްފޫޒް (އިންމަ) --- ފޮޓޯ/ސަސް

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗުގެ މަގާމަށް، ތަޖުރިބާކާރު ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) ހަމަޖެއްސިކަން އެކުލަބުން އިއުލާންކޮށްފިއެވެ.

މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ސަސްގައި އެންމެ ފަހުން ކޯޗަކަށް ހުރީ މުހައްމަދު ޝިޔާޒު (މޯހަން)އެވެ. އެކަމަކު މިދިޔަ މަހުގެ ތެރޭގައި މޯހަން ކޯޗުކަމުން ވަކިކޮށްފައިވާކަން ސަސްއިން އިއުލާން ކުރުމުން މޯހަން ވަނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސްގެ ކޯޗުކަމާ ހަވާލުވެފައެވެ.

ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު އިންމަ ސަސްއާ އެކު މިއަދު ސޮއިކުރީ ކުރިއަށް އޮތް ސީޒަނަށެވެ. އިންމަ އަކީ ސަސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިފަހުން އެ ޓީމަށް ކޯޗުކަން ކޮށްދޭނެ ތިންވަނަ ކޯޗެވެ. މިދިޔަ ސީޒަން ފެށި އިރު އެ ޓީމުގެ ކޯޗަކަށް ހުރީ އަހްމަދު ނާޝިދު (ނާދު)އެވެ.

މިދިޔަ ދެ ސީޒަންގައި އިންމަ މަސައްކަތް ކުރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގަ އެވެ. މިދިޔަ ސީޒަންގެ ކުރީކޮޅު އޭނާގެ ކޯޗުކަމުގެ ދަށުން ރަނގަޅު ނަތީޖާތަކެއް ގްރާންޑޭއިން ނެރުނެވެ. އެކަމަކު އެ ޓީމުގެ މާލީ ހާލަތު ގޯސްވެ، ސީޒަންގެ ފަހުބައިގައި ކުޅުންތެރިންގެ ކޮމިޓްމެންޓް ނުފެނި ނަތީޖާއަށް ވަނީ އަސަރުކޮށްފައެވެ.

އިންމަ އެންމެ ފަހުން މަސައްކަތް ކުރީ މިދިޔަ މަހު އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. މީގެ ކުރިންވެސް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އިންމަ ވަނީ އޭރު ދެ ފަހަރެއްގެ މަތިން ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗެއްގެ ޒިންމާވެސް އުފުލާފައެވެ.

ކުލަބު ކޯޗިން ކެރިއަރުގައި އިންމަގެ ހަމައެކަނި ކާމިޔާބީއަކީ މާޒިޔާއާއެކު 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރުމެވެ.

ކުރިއަށް ސީޒަނަށް އިންމަ ސަސްއާ ހަވާލުވިއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕުންނެވެ. އަދި އެއަށްފަހު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

comment ކޮމެންޓް