ބިދޭސީންނަށް މިނިމަމް ވޭޖު ނުދީފިނަމަ ގެއްލުންވާނީ ދިވެހީންނަށް: ޓްރާންސްޕޭރެންސީ

މާރުކޭޓު ސަރަހައްދުގައި ބިދޭސީއަކު އަލުވި ބަސްތާ ގުދަން ކުރަނީ -- ސަން ފޮޓޯ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް ދޭނެ މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާފައި ނެތުމުން އޭގެ ގެއްލުން ދިވެހި މަސައްކަތްތެރިންނަށް ވެސް ލިބޭނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖެއް ކަނޑައަޅައި، އިއުލާން ކުރީ މިދިޔަ ހޯމަ ދުވަހުގައެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ މިނިމަމް ވޭޖުގެ ނިޒާމުގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ އެންމެން ހިމަނަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން މިނިމަމް ވޭޖު ނިޒާމުގެ ތެރޭގައި ނުހިމެނުމަކީ އޭގެ ނުސީދާ ގެއްލުން ދިވެހިން މަސައްކަތްތެރިންނަށް ލިބޭނެ ކަމެއް ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ބުނެއެވެ.

"މީގެ ސަބަބުން ވަޒީފާ ދޭ ފަރާތްތަކުން، މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުދިނުމުގެ މަގުސަދުގައި ކުޑަ މުސާރައަކަށް ބިދޭސީ މަސައްކަތްތެރިން ލައްވައި މަސައްކަތް ކުރުމަށް މަގު ފަހިވެގެންދާނެއެވެ،" މިކަމާ ގުޅޭގޮތުން ޓްރާންސްޕޭރެންސީއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުލިބުމަކީ މިހާރު ވެސް ބިދޭސީ މަސައްކަތްތެރިންނާ ދޭތެރޭ އޮންނަ ތަފާތު ކުރުންތައް އިތުރުވެ، އެ މީހުންގެ ހައްގުތައް ގެއްލި، އެ މީހުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ފާހަގަކުރެއެވެ.

ހަމައެއާއެކު ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމަކީ ރާއްޖޭގައި މިހާރު ވެސް އޮތް އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސް ވެދާނެ ކަމެއް ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ވަނީ ލަފާކޮށްފައެވެ.

މިނިމަމް ވޭޖެއްގެ މަގުސަދަކީ މަސައްކަތްތެރިން މަސައްކަތް ކުރާ ގައުމެއްގައި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށާއި އެހެންކަމުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމް ވޭޖު ނުދެވޭނެ ސަބަބެއް ކަމަށް، އެމީހުންގެ ރަށްވެހިކަން އޮންނަ ގައުމުގެ މިނިމަމް ވޭޖު ދޭ އަދަދުތައް ރާއްޖޭގެ މިނިމަމް ވޭޖު އަދަދުތަކަށް ވުރެ ކުޑަ ކަމަށް ބުނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ބުނެއެވެ.

ސަރުކާރުން މިނިމަމް ވޭޖަށް ކަނޑައެޅި އަދަދުތަކާ މެދު ބައެއް މީހުން ފާޑުކިޔަމުންދާއިރު، މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ދިން ލަފަޔާ ހިލާފަށް ސަރުކާރުން މިނިމަމް ވޭޖު ކަނޑައެޅުމުން ޓްރާންސްޕޭރެންސީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ހުރިހާ މަސައްކަތްތެރިންނަށް ދިރިއުޅެވޭ ވަރުގެ އުޖޫރައެއް ނުވަތަ ލިވަބަލް ވޭޖެއް ކަނޑައެޅުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް