މިނިމަމް ވޭޖުގެ ނަމުގައި މަސައްކަތްތެރިންގެ ގައިގައި ޖެހީ ކޮޅުފައިން: ޑރ. ޖަމީލު

ޑރ. މުހައްމަދު ޖަމީލް އަހްމަދު-- ފޮޓޯ/ ޕީޕީއެމް

ސަރުކާރުން މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ މަސައްކަތްތެރިންގެ ގައިގައި ކޮޅުފައިން ޖަހާ ފަދަ ގޮތަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖެއް މިއަދު ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ކަނޑައެޅި އަދަދުދަތަކާ މެދު ބައެއް މީހުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ޖަމީލު ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމުގެ ނަމުގައި މި ސަރުކާރު އައިސް މި ވީހާ ދުވަހު ދެއްކީ ހުވަފެނެއް ކަމަށެވެ.

"މިނިމަމް ވޭޖޭ ކިޔާފައި މިހާ ދުވަސް ވަންދެން ރާއްޖޭގައި ތިބި ހުރިހާ ޒުވާނުން، މަސައްކަތްތެރި ހުރިހާ ޒުވާނުންނަށް ހުވަފެން ދެއްކީ. މިއަދު އައިސް އެ ހުރިހާ ކުދިން ގައިގައި ކޮޅުފައިން އެ ޖެހީ. ކަލޭމެންނަށް ދޭނީ 100 ނުވަތަ 200 ޑޮލަރޭ ބުނީ." ޖަމީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާންމު ރައްޔިތުންނަށް ކުޑަ އަދަދަކުން މިނިމަމް ވޭޖެއް ކަނޑައެޅި ނަމަވެސް، ސަރުކާރުގެ އިސް ބޭފުޅުންނަށް ރައްޔިތުންގެ ޖީބު ފައިސާ ހަރަދު ކުރަން ޖެހިފައިވާ ކަމަށެވެ.

މިނިމަމް ވޭޖު ކަނޑައެޅި ގޮތާ މެދު ބައެއް މީހުން ނުރުހުންވީ، ވޭޖު ބޯޑުން ސަރުކާރަށް ލަފާދިން އަދަދަށްވުރެ ކުޑަ ކުރުމަށް ފަހު ވޭޖު ކަނޑައެޅުމުންނެވެ.

މިނިމަމް ވޭޖު ބޯޑުން، ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅަން ސަރުކާރަށް ލަފާދިނީ ގަޑިއިރަކަށް 42.72އެވެ. އެއީ މަހަކު 8900 ރުފިޔާއެވެ. އެހެން ނަމަވެސް ސަރުކާރުން ކަނޑައެޅި އަދަދަކީ ގަޑިއިރަކަށް 38.90 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް 8000 ރުފިޔާއެވެ.

ސަރުކާރުން މިނިމަމް ވޭޖު ކަނޑައެޅި ގޮތާ މެދު ރިސޯޓު މުވައްޒަފުންނާއި އެ ދާއިރާ ތަމްސީލު ކުރާ ބައެއް ޖަމާއަތްތަކުން ވަނީ ފާޑުކިޔާފައެވެ.

މިނިމަމް ވޭޖާ ގުޅިގެން ރިސޯޓް ވޯކާސް މޯލްޑިވްސްއިން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ 10،000 ރުފިޔާ ދޭން ވައުދުވެ އައި މިސަރުކާރަށް ބޯޑުން ކަނޑައެޅި އަދަދު ދޭން ނުކެރުމަކީ ވަރަށް ފިނޑި ނިންމުމެއް ކަމަށެވެ.

ޓުއަރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަނުން ބުނީ މިއީ ރިސޯޓު މުވައްޒަފުންނަށް ހައްގު މިންވަރު ނޫން ކަމަށާއި މިއީ އުންމީދު ކުރި އަދަދެއް ވެސް ނޫން ކަމަށެވެ.

"މިކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ރިސޯޓު މުވައްޒަފުން ކުރާނެ. މަސައްކަތްތެރިންނަށް ލަނޑެއް ދިނީ ކަމަށް ބެލެވެނީ،" އެ އެސޯސިއޭޝަންގެ ރައީސް މައުރޫފް ޒާކިރު މިއަދު "ސަން"އަށް ވިދާޅުވިއެވެ.

ސަރުކާރުން މިނިމަމް ވޭޖު ކަނޑައެޅިއިރު ކުދި ވިޔަފާރިތަކަށް ގަޑިއިރަކަށް ދޭން ނިންމީ 21 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް 4500 ރުފިޔާއެވެ. މިނިމަމް ވޭޖު ބޯޑުން ލަފާދިން އަދަދަކީ ގަޑިއިރަކަށް 24.4 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް 5000 ރުފިޔާއެވެ.

ޕްރައިވެޓް ސެކްޓާގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަމުގެ މިނިމަމް ވޭޖުގެ ގޮތުގައި ބޯޑުން ލަފާ ދިނީ ގަޑި އިރަކަށް 42.79 ރުފިޔާ ނަމަވެސް މިނިސްޓްރީން ކަނޑައަޅައިފައިވަނީ ގަޑިއިރަކަށް 38.90 ރުފިޔާއެވެ.

ޕަބްލިކް ސެކްޓަރަށް ކަނޑައަޅައިފައިވަނީ ބޯޑުން ދިން ލަފަޔާ އެއްގޮތަށް ހަ ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް މަހަކު 7،000ރ. ނުވަތަ ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތް ކުރާ މުވައްޒަފުންނަށް ގަޑިއިރަކަށް 33.65 ރުފިޔާއެވެ.

comment ކޮމެންޓް