62 މިލިއަން ރުފިޔާއަށް ދެ ރަށެއްގެ ބަނދަރު މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ދެ ރަށެއްގެ ބަނދަރު މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުން -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ދެ ރަށެއްގެ ބަނދަރުގެ މަސައްކަތް 62 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ ބ. ހިތާދޫ ބަނދަރުގެ މަސައްކަތާއި، ރ. ކިނޮޅަހުގެ ބަނދަރު މަސައްކަތެވެ.

ހިތާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 17.7 މިލިއަަން ރުފިޔާއަށެެވެ. އެ ބަނދަރުގެ މަސައްކަތް 540 ދުވަހުގެ ތެރޭ ނިންމަން ޖެހޭއިރު މި މަސައްކަތުގެ ދަށުން 14،929.60 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރުފުން ކުރުމުގެ މަސައްކަތް ކުރާނެއެވެ.

ހަމައެއާއެކު ބަނދަރަށް ވަންނަ ނެރު ފުންކުރުމުގެ އިތުރުން ބޮޑު ހިލައިން ބޭރު ތޮށި ޖެހުމާއި، މަގު ބައްތި ޖެހުން ވެސް މަޝްރޫގައި ހިމެނެއެވެ.

ކިނޮޅަސް ބަނދަރުގެ މަސައްކަތަކީ 45.1 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެެވެ.

މި މަޝްރޫގެ ދަށުން ވެސް ބަނދަރު ފުންކުރުމާއި، ބަނދަރަށް ބައެއް އިތުރުކޮށް އެ ސަރަހައްދު ފުން ކުރުމާއި، އެއްގަމު ތޮށިލުމުގެ އިތުރުން ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި ރިވެޓްމަންޓް ޖެހުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން އެހެން މަސައްކަތްތައް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް