ވަޒީފާ ނެތް މީހުންނަށް އަންނަ އަހަރު އެލަވަންސް ދޭން ފަށަނީ

މާލޭ މަގުމަތި: ރާއްޖޭގައި ވަޒީފާ އަދާ ނުކުރާ ޒުވާނުންގެ އާބާދީގެ ބޮޑު --ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާ ނެތް މީހުންނަށް ދޭ އަންއެމްޕްލޯއިޑް އެލަވަންސް އަންނަ އަހަރު ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ ދުވަސްވަރު ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ބޮޑު އެހީއެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން ވޯލްޑް ބޭންކުގެ އެހީގައި 450 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކަމަށް ހޭދަކުރި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންކަމް ސަޕޯޓު އެލަވަންސް ދިނުމުގެ ސަބަބުން އިގްތިސޯދު ވެއްޓުނު އަނދަވަޅުން އަރައިގަތުމަށް ބޮޑު އެހީއަކަށްވި ކަމަށެވެ. އަދި ކޮވިޑް ދުވަސްވަރު ލިބުނު ތަޖުރިބާއާއެކު، ވޯލްޑް ބޭންކުގެ އެހީގައި ވަޒީފާ ނެތް މީހުންނަށް އެލަވަންސް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި އަންނަ އަހަރުގެ ތެރޭގައި އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމް ގާއިމް ކުރެވިގެންދާނެ. އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމާ ބެހޭ ދިރާސާތައް ވޯލްޑް ބޭންކުން މިހާރު ވަނީ ނިމިފަ، ގާތްގަނޑަކަށް،" ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އުންމީދަކީ 2022 ވަނަ އަހަރުގެ މެދު ތެރޭގައި މި އެލަވަންސްގެ ޕައިލެޓް ޕްރޮގްރާމް ފެށުން ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ނަތީޖާއަށް ބަލައި، މުޅި ރާއްޖެއަށް އެކަން ފުޅާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސްކީމާ ގުޅޭ އިތުރު ތަފްސީލު މިނިސްޓަރު ދެއްވައިފައެއްނުވެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ވަޒީފާ އަދާނުކުރާ މީހުންގެ އަދަދު އުޅެނީ 10،000 އަށް ވުރެ މަތީގައެވެ.

ވަޒީފާއެއް ނުލިބޭ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އިނާޔަތެއް ދިނުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ.

comment ކޮމެންޓް