ދިއްދޫއަށް އައި ރާގޮނޑި އީދު، ޒުވާނުން ދިރުވީ އިހުގެ ތާރީހު

ހއ. ދިއްދޫ އަށް މިއަދު ވަދުނު ރާގޮނޑި އައިނުން މަސްތައް އެެއްގަމަށް އެރުވުމުގެ ތެރެއިން -- ފޮޓޯ / ހއ. ދިއްދޫ ކައުންސިލް

މި ޒަމާނުގައި ވަރަށްވެސް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. މަންޒަރު ދުށް މީހުން ސިފަ ކުރީ ގައުމީ މަސައްކަތެއްގެ ގޮތުގައެވެ. ވެހެމުންދިޔަ ބޯ ވާރެއަށް ބެލުމެއް ނެތި ހއ. ދިއްދޫގެ ރައްޔިތުން އުޅުނީ މަސް އައިނެއް ތިލަ ކުރުމުގެ މަސައްކަތުގައެވެ. އެއީ އާންމުކޮށް މި ޖީލުގައި ދާ އަޅައިގެން ކުރަމުން އަންނަ މަަސައްކަތެއް ނަމަވެސް، އެމީހުން އެކަން ކުރަމުން ދިޔައީ އިހު ދިވެހިވަންތަ ކަމާއެކުގައެވެ.

ދިއްދޫގެ ފަޅު ތެރެއަށް ވަން ރާގޮނޑި އައިނު ހިފުމަށް ޓަކައި ދިއްދޫގެ ރައްޔިތުން ފަން ރޮދު ލަނީއެވެ. ވަލެއްގައި ފަން އައްސައިގެން އޭގެ ތެރޭގައި މަސްތައް ބަހައްޓައި ގޮނޑުދަށަށް ތިލަ ކުރުމުގެ މަސައްކަތް ފޯރީގައި ކުރަމުން ގެންދިޔައެވެ. މަސްތައް ގޮސްދާނެ ކަމުގެ ބިރަށް ފަހަތުން ދެ ޑިންގީއެއްގައި ދާ އެޅުމުގެ މަސައްކަތްވެސް ޖޯޝުގައި ކުރިއަށް ދަނީއެވެ.

އެއްގަމާ ދިހަ ވަރަކަށް ފޫޓު ދުރުމިން، ރާގޮނޑި އައިނުގައި ހުރިއިރު، ފަން ރޮދުގައި އެ ތިލަ ކުރުމަށް ފޫގަޅައިގެން ތިބި ދިއްދޫ ރައްޔިތުންނަށް ހިތާމައަކަށް ވީ މަސްތަކުގެ މިސްރާބު ބަދަލުވުމުންނެވެ. ފަން ރޮދަކާއި ރޮދެއް ކިޔައި، ރާގޮނޑިތައް އަނބުރާ ކަނޑާއި ދިމާއަށް މިސްރާބު ޖެހީ އެއްގަމަށް އެ މަސްތައް ތިލަ ކުރުމަށް ގާތްގަނޑަކަށް ފޫޓެއްހާ ދުރުމިން ހުއްޓައި ކަމުގައި ފޭސްބުކަށް މި މަންޒަރު ލައިވް ކުރަމުން ދިޔަ ފަރާތަކުން ބުންޏެވެ.

އެންމެންގެ މޫނުމަތިން މާޔޫސްކަން ފެނުނު ނަމަވެސް ބައެއް މަސްތައް ދަލުގައި ތާށިވެފައި ހުރުމުން ހިތްވަރު އެލުވާނުލައި އެއް ޑިންގީ މިިސްރާބު ޖެހީ އަނެއްކާވެސް ރާގޮނޑި އައިން އަތުވޭތޯއެވެ. ރަށުގެ ގިނަ ބަޔަކު މި މަސައްކަތުގައި ޝާމިލްވެ އުޅުނުއިރު ގިނަ ބަޔަކު މަންޒަރު ބަލަންވެސް ދިއްދޫގެ ގޮނޑު ދޮށަށް އެއްވެ ތިއްބެވެ.

ދޮޅު ގަޑިއެއް ހާއިރަށް ފަހު އަނެއްކާވެސް ފޭސްބުކް ލައިވްއިން ފެނިގެން ދިޔައީ ދިއްދޫގެ ރައްޔިތުންގެ ހިތްވަރު ގަދަ ކަމެވެ. ކެތްތެރިވެ ތިބެ އެއްބައިވަންތަކަމާ އެކު ކުރި މަސައްކަތުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. ކަނޑާ ދިމާއަށް ނުކުންނަން ދިޔަ ރާގޮނޑި އައިން ހިފައި، ދިއްދޫގެ ގޮނޑު ދޮށަށް ޖޯޝާއި ފޯރީގައި ތިލަ ކުރިއެވެ. މިފަހަރު ވެސް ފަން ރޮދީގައި މި މަސައްކަތް ކުރުން ވެގެން ދިޔައީ ނެތެމުންދާ އިހުގެ މަސައްކަތް ދިރުވުމަށް ދިއްދޫގެ ޒުވާނުން އިސްކަން ދޭ މިންވަރު ހާމަވެގެން ދިޔަ ކަމަކަށެވެ.

ފޭސްބުކް ލައިވްއިން ފެނުނު ގޮތުގައި ދިއްދޫ ގޮނޑު ދޮށުގެ ބޮޑު ބައެއް އޮތީ ރާގޮނޑި އަރުވައި ފުރާލާފައެވެ. ދިއްދޫގެ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިފަދަ ގޮތަކަށް މަސް އައިނެއް ދިއްދޫގެ ފަޅަށް ވަން މިއީ ފުރަތަމަ ފަހަރެވެ. ރައްޔިތުންގެ މޫނު މަތިން ހިނިތުންވުން ފާޅުވަމުން ދިޔައިރު މި މަސައްކަތުގައި ރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުން ބައިވެރިވިކަން ދިއްދޫ ކައުންސިލުގެ ރައީސް ނުހަނު އުފަލާއެކު ވަނީ ފާހަގަ ކުރައްވާފައެވެ.

ދިއްދޫގެ ގޮނޑުދޮށަށް ރާގޮނޑި އަރުވާފައި -- ފޮޓޯ / ދިއްދޫ ކައުންސިލް

"މިއީ އަޅުގަނޑުމެން ރައްޔިތުންގެ އެއްޗެއް. ހިތްވަރާއި މަސައްކަތުން މީތި ލިބޭނީ. ހުރިހާ އެންމެންގެ ލަފަޔާއި އިރުޝާދުގެ މަތިން ގޮނޑުދޮށް ކޮށްފަ މިއޮތީ،" މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި ދިއްދޫ ރައްޔިތުންގެ ނަމުން ނަމަ އަލިބެ ބުންޏެވެ.

ދިއްދޫގެ ރައްޔިތުން ސިފަ ކުރި ގޮތުގައި މިއީ ދިއްދޫއަށް އައި މަސް އީދެކެވެ. ބޮޑު އީދަށް ވުރެވެސް ދިއްދޫއަށް ލިބުނު އުފާވެރިކަން ބޮޑެވެ.

ފޭސްބުކް ލައިވްއިން އިތުރަށް ފެނުނީ ކަނބަލުންވެސް އެމީހުންނަށް ވީ ވަރަކުން މަސް ހިފައި ގޮނޑުދޮށަށް އުކަމުން ދިޔަ މަންޒަރެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސަން"އަށް ވިދާޅުވީ މިއީ ދިއްދޫއިން އާންމުކޮށް ފެންނަ މަންޒަރެއް ނޫން ކަމަށެވެ.

"9،000 އަށް ވުރެ ގިނަ މަސް މިތާވާނެ ކަމަށް ގަބޫލު ކުރެވޭ. ދިއްދޫގައި 12،000 ގޭބިސީގެ މަގުން ހަމަ ރައްޔިތުންނަށް ބަހާ ގޮތަށް ނިންމީ. އެމީހަކަށް ގެންދެވުން ވަރަކަށް ގެންދަން ވީ ގެއަށް. މިއީ ހަމަ އެންމެ ކުރީ ޒަމާނުގައި މަސް ހިފާ ގޮތަށް ރާގޮނޑިތައް އެއްގަމަށް އަރުވާފަ މިހުރީ،" ދިއްދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ދިއްދޫގެ ބައެއް ރައްޔިތުން މަސްތައް ހިފައި ގެއަށް ދިއުމަށް ތައްޔާރު ވަނީ -- ފޮޓޯ / ދިއްދޫ ކައުންސިލް

ދިއްދޫއަށް އައި ރާގޮނޑި މަސް އައިނުގެ އީދު ނިމުނީ އެ ރަށު ރައްޔިތުންނަށް ބޮޑު އުފާވެރިކަމެއް ގެނެސްދީފައެވެ. މިދިޔަ ފަހަރު މަސްތައް އަތޮޅު އޮފީސް ތެރެއަށް އުކާލިހެން މިފަހަރު ނުހަދާނެ ކަމަށް ބުނަމުން ކޮންމެ ރައްޔިތަކުވެސް ގެއަށް އެނބުރި ދިޔައީ ރާގޮނޑިއަކާއި ހިނިތުންވުމަކާ ވެސް އެކުގައެވެ.

comment ކޮމެންޓް