"ގޯލްޑް 100 ގާލާ" މި މަހުގެ 16ވަނަ ދުވަހު ބާއްވަން ނިންމައިފި

2020 ވަނަ އަހަރު ބޭއްވި ގޯލްޑް 100 އެވޯޑްސް ނައިޓް ގެ ތެރެއިން -- ސަން ފޮޓޯ / އަހްމަދު ސައީދު

ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ބާއްވާ ގޯލްޑް 100 ގާލާގެ ފަސްވަނަ އެޑިޝަން މި މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރި އަދި ހޮސްޕިޓާލިޓީ މެގަޒިނެއް ކަމަށްވާ ކޯޕަރޭޓް މޯލްޑިވްސްއިން، ކުރިއަށް ގެންދާ އިވެންޓެކެވެ. މި އިވެންޓުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ޗެއާމަނުން، މެނޭޖިން ޑިރެކްޓަރުން އަދި ސީއީއޯއިންވެސް ބައިވެރިވާނެއެވެ.

ނިމިދިޔަ އޮކްޓޯބަރުގެ މަހުގެ ތެރޭގައި ބާއްވަން ފުރަތަމަ ނިންމި، މި އަހަރުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. ނަމަވެސް މި ތާރީހު ލަސްވި ސަބަބެއް ކޯޕަރޭޓް މޯލްޑިވްސްއިން ހާމަ ކުރައްވާފައެއް ނުވެއެވެ.

މި އަހަރުގެ "ގޯލްޑް 100 ގާލާ" ހަފްލާގެ ޕްލެޓިނަމް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. ގޯލްޑް ޕާޓްނަރުންގެ ގޮތުގައި އެމްޓީސީސީ، އުރީދޫ، މެޑްޓެކް މޯލްޑިވްސް، ދަ ހޯކްސް، އަލް ޝާލީ މެރިން މޯލްޑިވްސް، އެޗްޑީސީ އަދި ކްރޮސްރޯޑްސް މޯލްޑިވްސް ހިމެނެއެވެ.

ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ އެންމެ އިސްފަރާތްތައް ބައިވެރިވާ މި އިވެންޓުގައި ގޯލްޑް 100 އަށް ހޮވޭ ފަރާތްތަކަށް އެވޯޑު ދިނުމާއި ގޯލްޑް 100 މެގަޒިން ލޯންޗްކުރުން އޮންނާނެއެވެ.

2019 ވަނަ އަހަރުގެ "ގޯލްޑް 100" އެވޯޑްސް ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިޔަފާރީގެ ދާއިރާގައި އެންމެ ކުރިއަރައިފައިވާ ކުންފުނިތަކަށް މި ހަފްލާގައި އިނާމު ދެވޭއިރު އެ ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުގައެވެ. އަދި އެ ލިސްޓު އާންމުކުރަނީ ވިޔަފާރިތައް ރޭންކުކުރުމުގެ ބަދަލުގައި އަލްފަބެޓިކް އޯޑަރުންނެވެ.

އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސްއިން ދަނީ ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ދާއިރާއިން "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ދެމުންނެވެ.

ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތައް ކްރައިޓީރިއާކޮށް މާކެޓްގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ 100 ކުންފުނި ހޮވުމަށް އެންމެ ފުރަތަމަ "ގޯލްޑް 100" ގެ ނަމުގައި އެވޯޑެއް ދޭންފެށީ 2017 ވަނަ އަހަރުގައެވެ.

comment ކޮމެންޓް