ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮދޭނެ ސިސްޓަމެއް ގާއިމްކުރަން މޯލްޑިވް ގޭސްއާ ހަވާލުކޮށްފި

ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދޭނެ ސިސްޓަމެއް ގާއިމުކުރުމަށް "މޯލްޑިވް ގޭސް"އާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދޭނެ ސިސްޓަމެއް ގާއިމުކުރުމަށް "މޯލްޑިވް ގޭސް"އާ ހަވާލުކޮށްފިއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން މިއަދު ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ. އަދި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމްއެވެ.

އެޗްޑީސީން ބުނީ އެ ސިސްޓަމް ގާއިމްކުރުމުން ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދޭން ފަސޭހަވާނެ ކަމަށެވެ. މިއީ ސޯޝަލް ހައުސިން މަޝްރޫއެއްގައި ކުރާ މިފަދަ ފުރަތަމަ މަސައްކަތެވެ.

މި މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ނިންމުމަށް ހަމަޖެހިފާވާއިރު މި ޚިދުމަތް ދިނުމަށް މޯލްޑިވް ގޭސްއާ ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ހަމައެހެންމް ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް އެޅުމަށް ނިންމާފައިވަނީ، ހިޔާ ފުލެޓްތަކަކީ ނިސްބަތުން އުސް އިމާރާތްތަކަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައި އާއްމު ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށް ކަމުގައި އެޗްޑީސީން ބުންޏެވެ.

"ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކުން އުފުލުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫން،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީ އާއި މޯލްޑިވް ގޭސްއިން އެއްބަސްވުމުގައި ސޮއިކުރަނީ --- ފޮޓޯ/ އެޗްޑީސީ

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާގޮތާ ގުޅޭގޮތުން އެޗްޑީސީން ބުނީ މަސައްކަތް ކުރިއަށް ގެންދާނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖް ޔުނިޓްތަކެއް ގާއިމުކޮށްގެން ކަމަށެވެ.

އެ މަސައްކަތް ކުރާނީ އެމްއެންޑީއެފްގެ އުސޫލުތަކާއެއްގޮތަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މީގެއިތުރުން ހިޔާ ފްލެޓްތަކަށް މީޑިއާ ނެޓްގެ ޚިދުމަތް ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ދާދިފަހުން ވަނީ ސޮއިކޮށްފައެވެ. އެ ޚިދުމަތް ދޭން ހަމަޖެހިފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެނެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިތާ މަހެއްހާ ދުވަސް ވަނީ ވެފައެވެ. ހިޔާގެ ހުރިހާ ފްލެޓްތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް މިހާރު ވަނީ ދީފައެވެ. ބައެއް ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ނިމިފައިވިޔަސް ގިނަ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް އަދި ނުނިމެއެވެ.

ފިނިޝިންގެ މަސައްކަތް ނިންމަން ދީފައި ވަނީ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ތިން މަސް ދުވަހެވެ. ކުލި ނަގަން ފަށާނީ އެ މުއްދަތު ހަމަވުމުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ފްލެޓުތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހެނީ މަހެއްގެ މައްޗަށް 7،500 ރުފިޔާއެވެ.

comment ކޮމެންޓް