އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓް އިފްތިތާހް ކޮށްފި

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓް އިފްތިތާހް ކުރުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓް އިފްތިތާހް ކޮށްފިއެވެ.

މި ވެބްސައިޓް އިފްތިތާހް ކޮށްދެއްވާފައި ވަނީ އެކަމަށް ޓަކައި އިސްލާމީ މަރުކަޒުގެ ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަފުޅުކަ ދައްކަވަމުން މިނިސްޓަރު ވަނީ ދީނީ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވެބްސައިޓެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.

މީގެ އިތުރުން ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ހޯދޭނެ އިންތިޒާމް، ވެބްސައިޓް މެދުވެރިކޮށް ހަމަޖެއްސުމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މުވައްޒަފުންގެ ކިބައިން އެދިލެއްވިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓް އިފްތިތާޙްކުރި މިރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެ ވެބްސައިޓުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އާންމުކުރާ ފަތުވާތަކާއި އިސްތިޝާރީ ލަފާތަކާއި، ފޯރުކޮށްދޭ ހިދުމަތްތަކުގެ އެންމެ ފަހުގެ މައުލޫމާތާއި ފޮޓޯއާއި، އަދި ޝާއިއުކޮށްފައިވާ ފޮތްތައް ހިމެނިފައި ވެއެވެ.

ސްމާޓް ފޯނުތަކާއި ޓެބްލެތްތަކުންނާއި އަދި ލެޕްޓޮޕާއި ކޮމްޕިޔުޓަރުން ވެސް އެއްވެސް އުނދަގުލެއްނެތި ބެލޭނެ ގޮތަށް ތައްޔާރުކޮށްފައިވާ މި ވެބްސައިޓްގައި، އެ އިދާރާއިން ދެމުން ގެންދާ ޚިދުމަތްތަކާގުޅޭ ހިޔާލާއި މަޝްވަރާގެ އިތުރުން އެކިއެކި ދީނީ މައްސަލަތައް ސީދާ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭ އިންތިޒާމް ހަމަޖެހިފައި ވެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.fatwamajlis.gov.mv އެވެ.

comment ކޮމެންޓް