އެމްއޭސީއެލްގެ 240 މުވައްޒަފަކަށް ދިގު މުއްދަތަކަށް ހިދުމަތްކުރުމުގެ އެވޯޑު ދީފި

އެމްއޭސީއެލްގެ ސީއީއޯ އެވާޑު ހަފްލާގައި ވާހަކަދައްކަނީ.. ފޮޓޮ/އެމްއޭސީއެލް

މޯލްޑިވިސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއްޔެ ބޭއްވި "ރިޓަޔަމެންޓް އަދި ލޯންގް ސާވިސް" އެވާޑު ހަފްލާގައި އެ ކުންފުނީގެ 240 މުވައްޒަފަކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ކަމުގެ އެވޯޑު ދީފިއެވެ.

މި ހަފްލާގައި ވަނީ ޖުމްލަ 265 މީހަކު އެމްއޭސީއެލްއަށް ކޮށްދީފައިވާ ހިދުމަތްތަކާއި އެމީހުންގެ ބުރަމަސައްކަތް ވަޒަންކޮށް އެވޯޑު ދީފައެވެ.

މި އެވޯޑު ދީފައިވަނީ އެމްއޭސީއެލްއަށް ދެގޮތެއް ނެތި 20 އަހަރާއި، 25 އަހަރާއި، 30 އަހަރާއި، 35 އަހަރުގެ އިތުރުން 40 އަހަރަށް ހިދުމަތްކޮށްފައިވާ މީހުންނަށެވެ.

މި 240 މުވައްޒަފުންގެ އިތުރުން އެމްއޭސީއެލްގެ 25 މުވައްޒަފަކަށް ވަނީ އެ ކުންފުނިން ރިޓަޔާވުމާ ގުޅިގެން, އެ މުވައްޒަފުންގެ ބުރަ މަސައްކަތް ވަޒަންކޮށް އެވޯޑު ދީފައެވެ.

އެމްއޭސީއެލްގެ މިހާ ގިނަ މުވައްޒަފުންނަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އެވޯޑު ލިބުން މިއީ މުވައްޒަފުންގެ އިތުރުން އެ ކުންފުންޏަށްވެސް ލިބޭ ފަހުރެއް ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑޮން އެންޑްރިއު ސްޓިއުވާޓް ވިދާޅުވިއެވެ.

"ކުންފުންޏަށް ހިދުމަތް ކުރުމުގައި ދެވަނައެއް ނެތް ގޮތަށް ތިބޭ މުވައްޒަފުން ތިބުމަކީ ފަހުރުވެރިވާ ކަމެއް. ތި އެންމެހާ މުވައްޒަފުންގެވެސް ބުރަ މަސައްކަތާއި ހިދުމަތްތައް ޝުކުރުވެރިކަމާއެކީ ބަލައިގަންނަން،" ސްޓިއުވާޓް ވިދާޅުވިއެވެ.

ހަމައެހެންމެ އޭނާ ވަނީ ދިގު މުއްދަތަށް ހިދުމަތްކޮށްގެން އެވޯޑު ލިބުނު މުވައްޒަފުންނަކީ މިހާރު އެމްއޭސީއެލްގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނާއި އަދި އަލަށް އެ ކުންފުންޏަށް ވަންނަ މުވައްޒަފުން ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނާނެ ބައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެމްއޭސީއެލް އަކީ 3400 މުވައްޒަފުންނާއެކީ ރައްޖޭގެ އެންމެ ގިނަ މުވައްޒަފުން ތިބޭ ކުންފުންޏެވެ. ކޮވިޑާ ގުޅިގެން މިދިޔަ އަހަރު މި އެވާޑު ހަފްލާ ނުބޭއްވުނު ނަމަވެސް، އެމްއޭސީއެލް އިން ވަނީ މީގެ ކުރިންވެސް އެކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިފަދަ ހަފްލާތައް ބާއްވާފައެވެ.

comment ކޮމެންޓް