ރާއްޖެއައީ އަބަދުވެސް މޫސުމީ ބަދަލުތަކަށް ވަކާލާތުކުރަމުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުބާއީ އެކްސްޕޯގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ޓަކައި ކުރާ މަަސައްކަތުގައި ރާއްޖެއައީ އަބަދުވެސް ހަރު އަޑުން ވަކާލާތުކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ޓަކައި މަޝްވަރާ ކުރުމަށް ގްލާސްގޯގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ވާހަކަ ވެސް ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ 2030ވަނަ އަހަރާ ހަމައަށް އަންނަ އިރު ނެޓް ޒީރޯ ގައުމަކަށް ރާއްޖެ ހެދުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި ކުދި ގައުމުތަކުން ކުރާ މަސައްކަތުން ވެސް ހެޔޮ ބަދަލެއް ފެންނާނެކަމަށެވެ.

"މޫސުމީ ބަދަލުތަކާ ގުޅޭ ކަންބޮޑުވުންތަކަކީ ހަމައެކަނި ކުޑަ ގައުމުތަކުން އުފުލާ ކަންބޮޑުވުންތަކެއް ނޫން. އެއީ މުޅި ދުނިޔެ ސަމާލުވާންޖެހިފައިވާ ކާރިސާއެއް. ކޮންމެ ދުވަހަކު ވެސް މިއަދު މިވަނީ ލަފާކުރަން ނޭނގޭނެހެން ތަފާތު އެކި ތޫފާންތަކާއި މޫސުމީ ބަދަލުތައް ފެންނަމުން. ޖަންގަލިތަކުގައި ރޯވުމާއި، ފެންބޮޑުވުމުގެ އެތައް ހާދިސާއެއް އަންނަނީ ހިނގަމުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހުރިހާ ގައުމަކަށް ވެސް މޫސުމީ ބަދަލުތަކުން ކުރިމަތިލާންޖެހޭ ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާކަމަށެވެ.

މިހާރުގެ އަމަލުތަކަށް އިސްލާހު ނުގެންނަނަމަ ވެށީގެ ފިިނި ހޫނުމިން ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރުވާނެކަމަށް ވެސް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ ރާއްޖެއާއި ރާއްޖެފަދަ ކުދި ގައުމުތަކުން މޫސުމީ ބަދަލުތަކުން ރައްކާތެރިވެ ސަމާލުވުމަށް އެދި މީގެ އެތައް އަހަރެއްކުރިން ބައިނަލްއަގްވާމީ މައިދާނުގައި އަޑު އުފުލަން ފެށިކަމަަށެވެ. އެއާއެކު ބޮޑެތި ގައުމުތަކާ ވެސް މުސްތަގުބަލުގައި ކުރިމަތިލާންޖެހޭނީ މިއަދު ކުދި ޖަޒީރާ ގައުމުތަކުން ތަހައްމަލުކުރަމުން އަންނަ ކަންކަމާކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް