"އާސިޔާން" ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް ފަށައިފި

ބަންދާ ސެރީ ބަގެވާން (26 އޮކްޓޯބަރު) : ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ސަރަހައްދީ ޖަމްއިއްޔާ، "އާސިޔާން" ގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.

ވާޗުއަލްކޮށް ބާއްވާ މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަނީ ބުރުނާއިގެ ރަސްގެފާނެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން "އާސިއާން" ގެ ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވެގެންދިޔަ ހީނަރުކަމުން އަރައިގަނެވޭނެގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރުމެވެ. "އާސިއާން" ގެ ގިނަ ގައުމުތަކަކީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އަދި އެގެއްލުންތަކުން އަރައިގަތުމަށް އަދިވެސް ހުރަސްތައް ކުރިމަތިވެފައިވާ ގައުމުތަކެވެ.

"އާސިއާން" ގައި ހިމެނޭ ތައިލެންޑް، އިންޑޮނީޝިއާ، މެލޭޝިއާ އަދި ކެންބޯޑިއާއާއި ފިލިޕީންސްގެ އިގްތިސާދަށް ކޮވިޑް-19 ގެ ސަބަބުން އެތަށް ބިލިޔަން ޑޮލަރެއްގެ ގެއްލުންތަކާ ކުރިމަތިލާންޖެހިފައެވެ. މިއަޑިގަނޑުން އާސިއާންގެ އިގްތިސާދުތަކަށް އަރައިގަނެވޭނީ އަންނަ އަހަރުގެ ކުރީކޮޅުގައި ކަމަށް އެޖަމާއަތުގެ ގައުމުތަކުން ބުނެއެވެ.

"އާސިޔާން" ގައި ދެކުނު އިރުމަތީ އޭޝިއާގެ 10 ގައުމު ހިމެނޭއިރު ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ޖަމާއަތްކަމަށްވާ "ރީޖަނަލް ކޮމްޕްރިހެންސިވް އެކޮނޮމިކް ޕާޓްނަޝިޕް" (އާރްސީއީޕީ) ގެ އެންމެ ބޮޑު ބައިވެރިއަކީވެސް "އާސިއާން" ގެ ގައުމުތަކެވެ.

"އާރްސީއީޕީ" އަކީ "އާސިއާން" ގެ 10 ގައުމާއި އޮސްޓްރޭލިޔާ، ޗައިނާ، ޖަޕާން، ދެކުނު ކޮރެޔާ އަދި ނިއުޒީލޭންޑް ގުޅިގެން 2020 ވަނައަހަރު އުފެއްދި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ބުލޮކެވެ. ނުވަތަ ދުނިޔޭގެ އިގްތިސާދާއި ވިޔަފާރީގެ އެންމެ ބޮޑު ސަރަހައްދެވެ. "އާރްސީއީޕީ" އަކީ ޔޫރަޕްގެ އިއްތިޙާދަށް ވުރެވެސް އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން މާބޮޑު އަދި މާބިޔަ ޖަމާއަތެކެވެ. މާ މުއްސަނދި އަދި މާ އުފެއްދުންތެރި ޖަމާއަތެކެވެ. އާބާދީ މާބޮޑު ޖަމާއަތެކެވެ.

މިވަރުގަދަ ޖަމާއަތުގައި އޭޝިއާގައި ތިންވަނައަށް އެންމެބޮޑު އިގްތިސާދު ކަމަށްވާ އިންޑިއާއާއި ދުނިޔޭގެ އެއްވަނަ އިގްތިސާދުކަމަށްވާ އެެމެރިކާ ބައިވެރިއެއް ނުވެއެވެ. އިންޑިއާ ބައިވެރި ނުވީ "އާރްސީއީޕީ" ގެ ގައުމުތަކުގެ އުފެއްދުންތަކާ ވާދަކުރެވޭ ހިސާބަށް އިންޑިއާގެ އިގްތިސާދު އަދި ނުދާތީ އެގައުމުތަކާ ވާދަކޮށްގެން އިންޑިއާގެ އުފެއްދުންތަކަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށް އިންޑިއާއަށް ފެންނާތީއެވެ. އެމެރިކާ ބައިވެރިވެފައި ނުވަނީ "އާރްސީއީޕީ" އަކީ ޗައިނާގެ ނުފޫޒު އޮންނާނެ ޖަމާއަތަކަށްވާތީ ޗައިނާއާ އެމެރިކާއާ ދެމެދު އޮންނަ އަރާރުންތަކާ ގުޅިގެންނެވެ.

"އާސިޔާން" ގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބުރުނާއީ، އިންޑޮނޭޝިޔާ، ކެމްބޯޑިޔާ، ލާއޯސް، މެލޭޝިޔާ، ތައިލޭންޑް ފިލިޕީންސް، މިޔަންމާ، ސިންގަޕޫރު، އަދި ވިއެޓްނާމެވެ. މި 10 ގައުމުގެ އިތުރުން "ރީޖަނަލް ކޮމްޕްރިހެންސިވް އެކޮނޮމިކް ޕާޓްނަޝިޕް" (އާރްސީއީޕީ) އެއްބަސްވުމުގައި ހިމެނެނީ އޮސްޓްރޭލިޔާ، ޗައިނާ، ޖަޕާން، ދެކުނު ކޮރެޔާ އަދި ނިއުޒީލޭންޑް އެވެ.

މިއަދު ވާޗުއަލްކޮށް ފެށި "އާސިޔާން" ގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިޔަންމާގެ އަސްކަރީ ވެރިޔާއަށް ދީފައެއް ނުވެއެވެ. މިއީ "އާސިޔާން" ޖަމާއަތުން އެޖަމާއަތުގެ މެންބަރު ގައުމެއްގެ އެންމެ އިސްވެރިއާއަށް ދައުވަތު ނުދީ ސަމިޓް ބައްދަލުވުމެއް ބޭއްވި ފުރަތަމަ ފަހަރެވެ.

"އާސިޔާން" ގެ ސަމިޓް މިޔަންމާގެ އަސްކަރީ ވެރިޔާއަށް ދައުވަތު ނުދިނީ އޭނާ އިސްކޮށް ހުންނަވައިގެން މިއަހަރުގެ ކުރީކޮޅު މިޔަންމާގެ ޑިމޮކްރެޓިކް ވެރިކަން ވައްޓާލާފައިވާއިރު އެއީ "އާސިޔާން" ގެ ގައުމުތައް ގަބޫލުނުކުރާ ކަމަކަށްވާތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު