މުއިއްޒު އުޅުއްވަނީ ރައްޔިތުންނަށް އޮޅުވައިލައި، ފިތުނަ އުފައްދަވަން: ޔައުގޫބް

މެންބަރު ޔައުގޫބް އަބްދުﷲ-- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ހިޔާ މަޝްރޫއުގެ އޮޑިޓް ރިޕޯޓާ ގުޅިގެން، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ ހިޔާ ފްލެޓާ ގުޅޭ މައްސަލައަށް ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ މިހާތަނަށް އެމްޑީޕީ ސަރުކާރުގައި އޮޑިޓާ ޖެނެރަލުން ނެރުނު އެއްވެސް އޮޑިޓް ރިޕޯޓެއް ސަރުކާރުން ވެސް އަދި މަޖިލީހުން ވެސް ދޮގުކޮށްފައި ނުވާ ކަމަށެވެ.

"އެ ރިޕޯޓު ދޮގުކޮށް، އެ ރިޕޯޓަކީ ސިޔާސީ ރިޕޯޓެއްގެ ގޮތުގައި ސިފަކޮށް، އޮޑިޓާ ޖެނެރަލްގެ އޮފީހާއި އެ ތަނުގެ މުވައްޒަފުންގެ ކްރެޑިބިލިޓީ ގެއްލޭ ގޮތަށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނެތް،" ޔައުގޫބް ވިދާޅުވިއެވެ.

މިކަން ފާހަގަކުރައްވައި ޔައުގޫބް ވިދާޅުވީ ޕީޕީއެމްއާ ގުޅުން ހުރި އޮޑިޓް ރިޕޯޓެއް ނެރެފިނަމަ، އޮޑިޓް އޮފީސް ގޯސްވާ ހިސާބަށް ދާ ކަމަށެވެ.

ޔައުގޫބް އިތުރަށް ވިދާޅުވީ ހިޔާ ފްލެޓާ ގުޅޭ އޮޑިޓް ރިޕޯޓަށް ބަލާލުމުން، މޭޔަރު މުއިއްޒު މިހާތަނަށް ދައްކަވަމުން އައީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަން ހާމަވެގެން ދާ ކަމަށެވެ.

"މި ވީހާ ދުވަހު، މާލޭ ސިޓީގެ މޭޔަރު މި ދައްކަމުން ދިޔަ ވާހަކައަކީ ރައްޔިތުންނަށް އޮޅުވައިލައި، ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެއްދުމަށް ކަނޑައެޅިގެން ކަންކަންވި ނުވަތަ ކަންކަން ކުރި ގޮތް އެނގި ހުރެމެ، ފިތުނަ އުފައްދަން ގަސްތުގަ ނުވަތަ ގަސްތުގަ ދެއްކި ވާހަކަތަކެއްގެ ގޮތުގަ އަޅުގަނޑަށް ސިފަ ވަނީ،" ޔައުގޫބް ވިދާޅުވިއެވެ.

ހިޔާ ފްލެޓުގެ އޮޑިޓް ރިޕޯޓަށް އަލި އަޅުވައިލައި ޔައުގޫބް އިތުރަށް ވިދާޅުވީ ކޮންމެ ޔުނިޓެއްގެ އިންޓްރެސްޓްގެ ގޮތުގައި މަހަކަށް 415 ރުފިޔާގެ ރޭޓުން 240 މަހަށް ބަހައިފައި، ޔުނިޓަކަށް އިންޓްރެސްޓް ގޮތުގައި 99 ހާސް ރުފިޔާ ކަނޑައެޅައިފައިވާ ކަމަށެވެ.

"7000 ޔުނިޓަށް ބަހާލީމާ 98 މިލިއަން ރުފިޔާ އެއީ އިންޓްރެސްޓް. އެކަމަކު އެ ރިޕޯޓުގަ އެބައިން މިހާރު 2021 ވަނަ އަހަރުގެ 31 މާޗްގެ ނިޔަލަށް 888 މިލިއަން ރުފިޔާ އިންޓްރެސްޓްގެ ގޮތުގަ ދެއްކި ވާހަކަ، އެކަމަކު މުއިއްޒު އެ ވިދާޅުވަނީ ޖުމްލަ ދައްކަން ޖެހޭނީ ޔުނިޓަކަށް 99000 އޭ. އެހެންވީމާ އެ ހިސާބުތައް ބައްލަވާލީމަ ވެސް އެބަ އިނގޭ އެނގި ހުރި ގޯސް ހަދަނީ ކަން،" ޔައުގޫބް ވިދާޅުވިއެވެ.

މީގެ އިތުރުން 1000 ފްލެޓަށް ވާ 1.3 ބިލިއަން ރުފިޔާ ނަގައިފައިވާ ކަން ރިޕޯޓުން ހާމަވާ ކަން ޔައުގޫބް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީ މެންބަރުން ވަނީ ހިޔާ މަޝްރޫއާއި ރައީސް ޔާމީންގެ އިތުރުން މާލޭ މޭޔަރު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަދައްކަވައިފައެވެ.

comment ކޮމެންޓް