ލިމިޓެއް ނެތި ޑޮލަރުން މުއާމަލާތް ކުރެވޭނެ ކްރެޑިޓް ކާޑެއް ބީއެމްއެލްއިން ތައާރަފްކޮށްފި

ފޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް) އިން އާ ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑެއް މިއަދު ތާއާރަފްކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު ތައާރަފް ކުރި ކާޑަކީ ރާއްޖެއިން ބޭރުގެ މުއާމަލާތުތައް ކުރުމަށް މިހާރު ބީއެމްއެލްއިން ކަނޑައަޅާފައިވާ ލިމިޓްތައް ނުހިމެނޭ ކާޑެކެވެ.

މި ކާޑުގެ ލިމިޓް ކަނޑައަޅާނީ ކަސްޓަމަރަކު ބޭނުންވާ މިންވަރަކަށެވެ. ނަމަވެސް މިކާޑަށް ފައިސާ އަނބުރާ ދެއްކޭނީ ހަމައެކަނި ޑޮލަރުންނެވެ.

ބީއެމްއެލްގެ ވިސާ ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިންގެ ޒަރިއްޔާއިން މިހާރު ބޭނުންކުރަމުންދާ ކްރެޑިޓް ކާޑު، ޑޮލަރު ކާޑަކަށް ބަދަލުކުރުމަށް އެދި ހުށަހެޅޭނެއެވެ.

މީގެ އިތުރުން އަލަށް ޑޮލަރު ކާޑަށް އެދެން ބޭނުންވާ ފަރާތްތަކަށްވެސް އިންޓަނެޓް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހެޅޭނެއެވެ.

"ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް އާންމު ގޮތެއްގައި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު މި ތައާރަފް ކުރެވުނު ކާޑާއެކު އިތުރު ހައްލެއް ލިބިގެންދާނެ. އަދި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓް ނުހިމެނޭ ގޮތަށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑުގެ ލިމިޓާ ހަމަޔަށް މި ކާޑު ބޭނުންކޮށްގެން ވިޔަފާރިވެސް ކުރެވޭނެ،" ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވިއެވެ.

އަލަށް ތާއާރަފްކުރި މި ކާޑު ކޯޕަރޭޓް ކާޑެއްގެ ގޮތުގައި ވިޔަފާރިތަކަށްވެސް ދޫކުރާނެއެވެ.

comment ކޮމެންޓް