އިންޑިއާ ނުލައި ރާއްޖެއަށް ނޫޅެވޭނެ: ސައުދު

ދައުރުން ބޭރުގައި ބާއްވާ ޙާއްޞަ ޖަލްސާ-- ފޮޓޯ / މަޖިލިސް އިދާރާ

ބޮޑު ގައުމެއްގެ ގޮތުގައި ރާއްޖެ ކައިރީ އިންޑިއާ އޮތް އިރު ބޮޑު ގައުމެއް ކައިރީ އޮންނަ ކުޑަ ގައުމަކަށް އެ ގައުމުގެ އެހީއާ ނުލާ ނޫޅެވޭނެހެން ރާއްޖެއަށް ވެސް އިންޑިއާއާ ނުލައި ނޫޅެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅިގެން ވާހަކަދައްކަވަމުން ސައުދު "ސަން"އަށް ވިދާޅުވީ އެއްވެސް ގައުމަކަށް އެކަނި ނޫޅެވޭނެކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާ ނުވާނެހެން އެއްބަސްވުންތައް ހެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ޗައިނާ ސަރަހައްދުގައި ވެސް އެ ސަރަހައްދުގައި ހިމެނޭ ކުދި ގައުމުތަކަށް ޗައިނާއާ ނުލައި އުޅެވޭނެތޯ؟ ނޫޅެވޭނެ. ޔޫއެސް ސަރަހައްދުގައި ޔޫއެސް ނުލައި ކުދި ގައުމުތަކަށް އުޅެވޭނެތޯ؟ ނޫޅެވޭނެ. އެހެންވީމާ އިންޑިއާ ނުލައި އިންޑިއާ ކައިރީ ތިބ ކުދި ކުދި ގައުމުތަކަކަށް ނޫޅެވޭނެ މާ ދުރު ގައުމުތަކެއްގެ އެހީ ހޯދައިގެން،" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު ގިނަ ކަންކަމުގައި މަސައްކަތް ކުރުމަށް ފަސޭހަވަނީ ވެސް އެ ސަބަބަށް ޓަކައިކަމަށެވެ. އަދި ކޮންމެ ސަރުކާރަކުން ވެސް އަސްކަރ އެއްބަސްވުންތައް އިންޑިއާއާއެކު ހަދާ އެންމެ ބޮޑު ސަބަބަކީ ވެސް އެއީކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ސަރުކާރުގައި ވަރަށް ގާތްކޮށްލާފައި އޮތީ ޗައިނާ. ހުރިހާ ކަމެއްގައި ވެސް. ތަރައްގީއާއި އިގްތިސާދީ ބައިވެރިއެއް. އެެހެންނަމަވެސް އަސްކަރީ އެއްބަސްވުމެއް ހަދާފައި އޮތީ އިންޑިއާއާއެކު. ޗައިނާއާ ގުޅުން ރަނގަޅު ނަމަވެސް އެފަދަ ކަމެއް ނުކުރައްވާ. ކޮންމެ ސަރުކާރަކުން ވެސް ދަނީ އިންޑިއާ ކައިރިއަށް" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ ދުނިޔެ ވެސް ހިފަހައްޓާ މިންގަނޑެއްކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާ ދޭތެރޭ ޒަމާނުއްސުރެ ވެސް އަސްކަރީ ގޮތުން ގުޅުން ބަދަހިކުރަމުން އައިކަމަށް ސައުދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތް ރާއްޖެއަށް ވެސް އަދި އިންޑިއާއަށް ވެސް އެކަނި ނުބެލެހެއްޓޭނެކަމަށެވެ. އެހެންކަމުން ދެ ގައުމު އެކުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް ވެސް ލިބޭ ގިނަ ފައިދާތަކެއްް ހުންނާނެކަމަށް ވިދާޅުވިއެވެ.

"ސާޗް އެންޑް ރެސްކިއުއާ، ޑްރަގް އޮޕަރޭޝަންތަކާއި، ދެން ވެސް ހުރި ކަނޑުގެ އެހެނިހެން އޮޕަރޭޝަންތަކުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބޭނެ،" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް މިނިވަންކަމަށް ގެއްލުން ވާނެހެން ކަމެއް ކުރާނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި އެކަމާ ދެކޮޅަށް ނިކުންނަވާނެކަމަށް ވެސް ވިދާޅުވިއެވެ.

އެއާއެކު ސައުދު ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވާނެހެން ކުރާ މަސައްކަތްތަކަކީ ސިޔާސީ ބޭނުމެއްގައި ކުރާ ކަންތައްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

comment ކޮމެންޓް