ކުޅުދުއްފުށީ ކޮޅަށް ހަ ލަނޑު ޖަހާ ގައުމީ ޓީމުން ކުރިހޯދައިފި

ގައުމީޓީމާއި ކުޅުދުއްފުށީ ޓީމު ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ ކުޅުދުއްފުށި އޮންލައިން

ހދ. ކުޅުދުއްފުށީ ޒިގްޒެގް ދަނޑު ހުޅުވުމަށް އެ ރަށުން ހޮވާލެވޭ ޓީމަކާއި ގައުމީ ޓީމު ކުޅުންތެރިން ހިމެނޭ އެފްއޭއެމްގެ ޓީމު ބައްދަލު ކުރި މެޗު، ގައުމީ ޓީމުން ކާމިޔާބު ކޮށްފިއެވެ.

ގައުމީ ޓީމުން މެޗު ކާމިޔާބު ކޮށްފައިވަނީ 6-0ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކުޅެފައިވަނީ 25 މިނެޓުގެ ދެ ހާފެވެ.

މިއަދުގެ މެޗު ކިކްއޮފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އަދި އެ ދަނޑު ހުޅުއްވައިދެއްވީ ވެސް އެމަނިކުފާނެވެ.

ގައުމީޓީމާއި ކުޅުދުއްފުށި ޓީމު ކުޅުނު މެޗް ކިކްއޮފް ކޮށްދެއްވީ ރައީސް ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

މިއަދުގެ މެޗުގައި ގައުމީ ޓީމުގެ ގޯލުތައް ކާމިޔާބު ކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ)، އަސަދުﷲ އަބްދުﷲ، އިސްމާއިލް އީސާ (މެސީ) އަދި އިބްރާހިމް ވަހީދު (އިއްބެ)އެވެ.

މެޗުގައި ދަގަނޑޭއާއި އަސަދުﷲ ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި މެސީއާއި އިއްބެ ވަނީ ގޯލެއް ޖަހާފައެވެ.

މި މެޗުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވެސް ގައުމީ ޖާޒީގައި ދަނޑުމަތިން ފެނުނެވެ. ދެވަނަ ހާފު ގައުމީ ޓީމުން ފެށީ މަހުލޫފުއާ އެކުގައެވެ.

މިއަދު ދަނޑު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މަހުލޫފް ވިދާޅުވީ ދަނޑު ހުޅުވި ނަމަވެސް ދަނޑުގެ މަސައްކަތް އެއްކޮށް ނިމިފައިނުވާ ކަމަށެވެ. އަދި ދަނޑުގައި ލައިޓް ޖެހުމާއި ރޮސްޓްރަމްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ މެޗު ބަލާލުމަށް ކުޅުދުއްފުށީގެ ގިނަ ބަޔަކު ވަނީ ގޮސްފައެވެ.

comment ކޮމެންޓް