ޕޯލް ވޯކާގެ ދަރީގެ ކައިވެނީގައި އަތުގައި ހިފައިގެން ދިޔައީ ވިން ޑީސަލް

ފާސްޓް އެންޑް ފިއުރިއަސް އިން މަޝްހޫރުވި އެމެރިކާގެ އެކްޓަރު ޕޯލް ވޯކާ ވަނީ 2013 ވަނަ އަހަރު ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ.

ޕޯލް ވޯކާގެ އިތުރުން ވިން ޑީސަލް އަކީ ފާސްޓް އެންޑް ފިއުރަސް ސީރީސްގައި އެންމެ މުހިއްމު އެއް ރޯލުން ފެނިގެންދާ އެކްޓަރެކެވެ. މި ދެ މީހުންނަކީ ވަރަށް ކުރީއްސުރެ ވެސް ގާތް ރަހުމަތްތެރިންނެވެ. އަދި އެ ފިލްމުތަކުން އެދެމީހުންގެ ފަރާތުން ފެނުނު އާދަޔާ ހިލާފު މޮޅު ހުނަރަށް އަދިވެސް ގިނަ ބަޔަކު ދަނީ ތައުރީފު އޮއްސަމުންނެވެ.

ޕޯލް ވޯކާގެ 22 އަހަރުގެ ދަރިފުޅު މެޑޯ ވޯކާ ވަނީ ހޮލީވުޑްގެ އެކްޓަރު ލުއިޒް ތޯންޓޮން އަލަން އާ މިމަހުގެ ކުރީކޮޅު ކައިވެނިކޮށްފައެވެ.

މި ކައިވެނި ހަފްލާއަށް ދައުވަތު ދީފައިވަަނީ ވަރަށް މަދު ބަޔަކަށެވެ. އެ ހަފްލާގައި ވިން ޑީސަލް ވެސް ބައިވެރިވިއެވެ.

އެ ކައިވެނި ހަފްލާގައި، އާއްމުކޮށް ބައްޕައަކު އަދާ ކުރާ ރޯލު ފުރިހަމަކޮށްދިނީ ވިން ޑީސަލްއެވެ. އެގޮތުން އެ ހަފްލާގައި މެޑޯ ވޯކާގެ އަތުގައި ހިފައިގެން ދިޔައީ ވިން ޑީސަލެވެ.

މިކަންތައް ވެގެންދިޔައީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަކަށެވެ. އަދި އެމީހުންގެ ފޭނުން ދަނީ އެވާހަކަ ސޯޝަލް މީޑިއާގައި ދައްކަމުންނެވެ.

މީގެ އިތުރުން މެޑޯވެސް ވަނީ ކައިވެނީގެ ހަފްލާގައި އޭނާގެ އަތުގައި ހިފައިގެން ވިން ޑީސަލް ދާ މަންޒަރު ފެންނަ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ޕޯލް ވޯކާ މަރުވިތާ ހަތް އަހަރު ވުމާ ގުޅިގެން މިދިޔަ އަހަރު ވިން ޑީސަލް އިންސްޓަގްރާމްއަށް ޕޯސްޓު ކުރި ފޮޓޯއެއްގައި ވަނީ އޭނާ ހަނދާން ނުވާތާ އެންމެ ދުވަހެއްވެސް ފާއިތު ނުވާ ކަމަށާއި އަބަދުވެސް ލޯބިވާނެ ކަމަށް ބުނެފައެވެ.

އެ ޕޯސްޓަށް ކޮމެންޓު ކުރަމުން މެޑޯ ވަނީ އޭނާގެ ބައްޕަ އާއި ވިން ޑީސަލްއަކީ އޭނާއަށް ދިމާވާ ކޮންމެ ހާލަތެއްގައި ވެސް އެހީވާ ދެމީހުން ކަމަށެވެ. އަދި "ބައްޕަ އަބަދުވެސް އެމީހުންނާއެކު ދެމިހުންނާނެ" ކަމަށެވެ.

ވިން ޑީސަލް ގެ އިތުރުން ފާސްޓް އެންޑް ފިއުރިއަސް ޖޯޑަނާ ބްރޫސްޓާ ވެސް ވަނީ އެ ކައިވެނީގެ ހަފްލާގައި ބައިވެރި ވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު