ވޯލްޑް ޓްރެވެލް އެވޯޑްސް: އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ

ޖުލައި 19، 2021: ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހޮވިއްޖެއެވެ.

މިއީ 1994 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް ޓްރެވެލް އެވޯޑްސްގައި ރާއްޖެއަށް އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ލިބުނު 13 ވަނަ ފަހަރެވެ.

އެ އެވޯޑުގެ އިތުރުން މިފަހަރު ރާއްޖެއަށް ވަނީ އިންޑިއާ ކަނޑުގެ ލީޑިން ބީޗް ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑުވެސް ލިބިފައެވެ. އަދި މި ސަރަހައްދުގެ ލީޑިން ޓުއަރިސްޓު ބޯޑުގެ އެވޯޑު ހޯދީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިންނެވެ.

މީގެ އިތުރުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ވަނީ އިންޑިއާ ކަނޑުގެ ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑު ހޯދާފައެވެ.

ރާއްޖޭގެ ހޮޓެލްތަކާއި ރިސޯޓުތަކަށް މި ސަރަހައްދުން ލިބުނު އިތުރު އެވޯޑުތަކުގެ ތެރޭގައި:

  • ލީޑިން އެއާޕޯޓް ހޮޓެލް - ހުޅުލޭ އައިލެންޑް ހޮޓެލް
  • ލީޑިން ރިސޯޓް - ވައްކަރު މޯލްޑިވްސް
  • ލީޑިން ބުޓީކް ހޮޓެލް - ނަލަދޫ ޕްރައިވެޓް އައިލެންޑް
  • ލީޑިން ޑައިވް ރިސޯޓް - ކޮންސްޓެންސް މޫފުށި
  • ލީޑިން ފެމިލީ ރިސޯޓު - ކުރުނބާ މޯލްޑިވްސް

ވޯލްޑް ޓްރެވެލް އެވޯޑްސްގައި މިދިޔަ އަހަރު ރާއްޖެއަށް ވަނީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ލިބިފައެވެ. އަދި މިއަހަރުވެސް ރާއްޖެ އެ އެވޯޑަށް ނޮމިނޭޓުވެފައިވާ އިރު، އެ އެވޯޑު ލިބޭ ގައުމެއް އިއުލާން ކުރާނީ އަންނަ މަހު ރަޝިއާގައި ބާއްވާ ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ އިތުރުން އެ އެވޯޑަށް ނޮމިނޭޓުވެފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، އިންޑޮނޭޝިއާ އަދި ވިއެޓްނާމް ހިމެނެއެވެ.

މިދިޔަ އަހަރު ކޮވިޑް-19 ބަލިމަޑިކަމުގެ ސަބަބުން ރާއްޖެ ފުރަބަންދު ކުރުމަށް ފަހު ގައުމުގެ ބޯޑަރުތައް އަލުން ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި 15ގައެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް ފަސް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ނުވަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.

comment ކޮމެންޓް