މޫސުމީ ބަދަލުތަކުގެ މައުލޫމާތު ގައުމީ މަންހަޖުގައި ހިމެނުމަށް ނިންމުމުން ސަބްރާގެ ތައުރީފް!

ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޯރ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން -- ފޮޓޯ/ ރައީސް އޮފީސް

ޔުނިސެފާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތުތައް ރާއްޖޭގެ ގައުމީ މަންހަޖުގައި ހިމެނުމަށް ކުރަމުންގެންދާ މުހިންމު މަސައްކަތްތަކަށް ފާހަގަކުރައްވައި، ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން، އެކަމަށް ތައުރީފު ކުރައްވައިފިއެވެ.

މޫސުމީ މައުލޫމާތު ގައުމީ މަންހަޖުގައި ހިމެނުމަށް ކުރަމުން އަންނަ މަސައްކަތަށް ސަބްރާ، ތައުރީފް ކުރެއްވީ ކޮޕް-26 ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ރޭ ބޭއްވި "އަވަރ ކްލައިމެޓް، އަވަރ ޕްރެޒެންޓް، އަވަރ ފިއުޗަރ- އަ އެސް.އައި.ޑީ.އެސް ޕާސްޕެކްޓިވް" އިވެންޓުގައި ވާހަކަދައްކަވަމުންނެވެ.

މި އިވެންޓަކީ ރާއްޖެއާ ރާއްޖޭގައި ހަރަކާތްތެރިވާ އ.ދ.ގެ އެޖެންސީތައް ގުޅިގެން ބޭއްވި އިވެންޓެކެވެ. އެގޮތުން މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާ އަދި ރާއްޖޭގައި ހަރަކާތްތެރިވާ އ.ދ.ގެ އެޖެންސީތަކުގެ ތެރޭން ހާއްސަ ގޮތެއްގައި ޔޫ.އެން.ޑީ.ޕީ އަދި ޔުނިސެފްގެ އެއްބާރުލުމާއެކު ކުރިޔަށްގެންދިޔަ އިވެންޓެކެވެ.

އެ އިވެންޓުގައި ވާހަކަދައްކަވަމުން ސަބްރާ ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި އެ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަކީ ޕެރިސް އެގްރީމަންޓުގައި ހިމެނޭ ވަރަށް މުހިންމު ބައެއްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ އަބަދުވެސް އެކަމަށް ލިބެންޖެހޭ މިންވަރަށް ސަމާލުކަން ނުލިބޭ ކަމެއްކަން ވެސް ސަބްރާ ފާހަގަކުރެއްވިއެވެ.

ސަބްރާގެ ވާހަކަފުޅުގައި، ދުނިޔޭގެ ފިނިހޫނުމިން އިތުރުވަމުންދިއުމާއެކު ޒުވާނުން އެމީހުންގެ މުސްތަގްބަލާމެދު ހުރި ހިތްނުތަނަވަސްކަމާއި، ކަންބޮޑުވުމާއި، އެމީހުން އެދޭ ކަންކަމާއި އަދި އެ ކަންކަމަށް ހޯދަން އެދޭ ހައްލުތަކާ ގުޅޭގޮތުން ފާޅުކުރާ ޝުއޫރުތައް އަޑުއެހުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. އަދި ޒުވާނުންގެ މި އެދުންތަކުގެ މައިގަނޑު އަސާސަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުން ކަމަށް ވިދާޅުވިއެވެ.

ހަމަ އެހެންމެ، މޫސުމަށް އަންނަ ބަދަލުތަކަށް އަޅާފިޔަވަޅުތަކާއި ނިންމުންތައް ނިންމުމަށް ބާއްވާ މަޝްވަރާތަކުގެ އެންމެ ކުރީސަފުން ޕޮލިސީ މޭކަރުން ފަދަ މުހިންމު މަސްއޫލިއްޔަތުތައް ޒުވާނުން އަދާކުރަންޖެހޭކަން ސަބްރާ ފާހަގަކުރެއްވިއެވެ.

ސަބްރާ ވަނީ ސަރުކާރުން ކުރިޔަށްގެންދާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާގުޅޭ ޕްލޭނުން މިސާލު ޖައްސަވަމުން، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޕޮލިސީތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދާއިރު ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިޔަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރަކީ ކުޑަމިންވަރެއްކަމުން ރާއްޖެއިން ބޭނުންކުރާ ހަކަތައަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ހެދިއްޖެނަމަ، ވިލުންވެރިކަން އެ ބިނާކުރެވިގެން ދަނީ ކުރިޔަށް އޮތް އެތައް އަހަރަކަށްކަން ވެސް ސަބްރާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް