ދިވެހި ޤައުމުގެ ހީރަސް ކެނޑެމުން ދާ އިރު ...

ޤައުމަކީ ކޮން އެއްޗެއްކަން އެނގޭ ބަޔަކަށް މެނުވީ، ޤައުމެއް ބިނައެއް ނުކުރެވޭނެއެވެ. ޤައުމަކީ ކޮން އެއްޗެއްކަން ނުދަންނަ ބަޔަކަށް، އެހެން ބަޔަކު ބިނާ ކޮށްފައި އޮތް ޤައުމެއް ނުވެސް ބެލެހެއްޓޭނެއެވެ. ދުނިޔޭގެ ޙަޤީޤަތްތަކުގެ ސިޔާގުގައި، މިނިވަން އަދި މުސްތަޤިއްލު ޤައުމެއް އުފައްދައި ދަމަހައްޓާން އެދޭ ކޮންމެ ބަޔަކު ވެސް، ކުރާން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ޤައުމަކީ ކޮބައިކަން ދެނެގަތުމެވެ. ޤައުމެއް އުފެދެނީ ކިހިނެއްކަމާއި، ޤައުމެއް ސަލާމަތުން ބޭއްވެނީ ކިހިނެއްކަން ދެނެގަތުމެވެ. ޤައުމެއް ހަލާކު ވެގެން ފަނާ ވެގެން ހިނގައިދާނޭ ގޮތްތަކާއި މަގުތަކަކީ ކޮބައިކަން ވެސް ފިސާރި ރަނގަޅަށް ދެނެގެން ތިބުމެވެ.

ޤައުމެކޭ ކިޔެނީ އެއްބައެއްވަންތަކަމާއި ޝަނާކަތީ ވަޙްދަތެއްގެ މައްޗަށް އެއް ޖަމާޢަތަކަށް ވެ، އެ އެއް ޖަމާޢަތްވަންތަކަމަށް ވަކި ކަހަލަ ސިފަތަކެއް ލިބިގެން ވާ ބޮޑު އިންސާނީ ޖަމާޢަތަކަށެވެ. ޝަނާކަތު މި ލަފުޒު އަޅުގަނޑު މި ބޭނުން ކުރަނީ އިނގިރޭސި ބަހުން ކިޔާ "އައިޑެންޓިޓީ" ގެ މަފްހޫމުގެ މާނައިގައެވެ. ޝަނާކަތީ ވަޙްދަތޭ މި ދަންނަވަނީ، ބަޔަކުގެ ޝަނާކަތު ކަނޑައަޅާ ސިފަތަކުގެ ސަބަބުން އެ މީހުންނަކީ އެއް ޖަމާޢަތަކަށް ނިސްބަތް ވާ ބަޔަކަށް ވެފައި އޮންނަ އޮތުމަށެވެ. އެއް ބައެއް ކަމަށް ވެފައި އޮންނަ އޮތުމަށެވެ. ޤައުމެއް ކަމަށް ބެލެވޭ ޖަމާޢަތުގައި ހިމެނޭ މީހުންގެ ޢަދަދާ މެދުގައި އެއްވެސް ކަހަލަ ޤަޠުޢީ މިންވަރެއް ޢިލްމީ ގޮތަކުން ކަނޑައެޅިފައެއް ނޯވެއެވެ. މަދު ވެގެން މިތައް މީހުންނޭ، ގިނަ ވެގެން މިތައް މީހުންނެކޭ، ކަނޑައެޅިފައެއް ނޯވެއެވެ. ނަމަވެސް ޢަމަލީ ނަޒަރަކުން ވިސްނާ އިރު، ޤައުމެއްގައި ހިމެނޭ މީހުންގެ ޢަދަދު ގުނޭން ވާނީ އެންމެ މަދު ވެގެން ވެސް ހާސްތަކަކުން ކަމަށް ބުނެވިދާނެއެވެ. ގިނަ ވެގެން ގޮސް، ޤައުމެއްގައި އެތައް ސަތޭކަ މިލިއަން މީހުން ވެސް ތިބެދާނެއެވެ.

ދެން އޮތް ސުވާލަކީ، ޤައުމަކަށް ނިސްބަތް ވާ މީހުންނަކީ އެއްބައެއް ކަމަށް، އަދި ޝަނާކަތީ ވަޙްދަތު ލިބިގެން ވާ ބައެއް ކަމަށް ކަނޑައެޅެނީ، އެމީހުންގެ ކިބައިގައި ކޮންކޮން ސިފަތަކެއް ހުރެގެން ހެއްޔޭ، މިއެވެ. މި ސުވާލުގެ ޖަވާބުގައި ވަރަށް ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިދާނެއެވެ. ފުރަތަމަ ކަމަކަށް، ޢާއްމު އުޞޫލެއްގެ ގޮތުން، ޤައުމަކަށް ނިސްބަތް ވާ މީހުންނަކީ ދުނިޔޭގެ ބިމުގެ ސަރަޙައްދުގެ ތެރެއިން އިމުން ވަކި ކުރެވިފައި ވާ ވަކި ސަރަޙައްދެއްގައި، އެމީހުންގެ އަމިއްލަ ވަޒަނެއްގެ ގޮތުގައި ބެލެވޭ ބިމެއްގައި، އެހެން ޤައުމުތައް ނުވަތަ އެހެން ޤައުމުތަކުގެ ސަރަޙައްދުތަކާ ވަކީން، ދިރިއުޅޭ ބަޔަކަށް ވާން ޖެހެއެވެ. ދެވަނަ ކަމަކަށް، އެ ބަޔަކު ދުނިޔެ އާއި ދުނިޔަވީ ޙަޔާތާއި ދުނިޔަވީ ދިރިއުޅުމުގެ މަޤްޞަދުތަކާއި ލަނޑުދަނޑިތަކާ މެދު ދެކޭ އަދި ފިކުރު ކުރާ ގޮތުގައި އެކަށޭނަ މިންވަރެއްގެ އެއްގޮތްކަމެއް ހުރުން ލާޒިމެވެ. ތިންވަނަ ކަމަކަށް، އެ ބަޔަކުގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގޮތް ނުވަތަ ސަގާފަތަކީ އެކަށޭނަ މިންވަރެއްގައި އެއްގޮތް ކަންތައްތަކަކަށް ވާން ޖެހެއެވެ. މި ތަނުގައި ސަގާފަތް މި މާނަ ކުރަނީ އެ ބަޔަކު ތަބަޢަ ވާ ދީނަކީ ވެސް ސަގާފަތުގެ އުންސުރެއް ކަމަށް ބަލައިގެންނެވެ. ހަތަރުވަނަ ކަމަކަށް، އެ ބަޔަކީ އެއް ބަޔަކު އަނެއް ބަޔަކުގެ ހިތްތަކާއި ސިކުނޑިތަކާ ހަމަޔަށް ވާޞިލު ވެވޭ ފަދައިން އެއް ބަހަކުން މޮށިއުޅޭ ބަޔަކަށް ވާން ޖެހެއެވެ. އެއް ބަހަކުން ވާހަކަ ދައްކާ ބަޔަކަށް ވާން ޖެހެޔޭ މި ދަންނަވަނީ، ލުޣަވީ ގޮތުން ވެސް، އަދި ފިކުރީ ގޮތުން ވެސް އެއް ބަހަކުން ވާހަކަ ދައްކާ ވާހަކައަށެވެ. ފަސްވަނަ ކަމަކަށް، އެ ބަޔަކީ އެއް ތާރީޚެއް ޙިއްޞާ ކުރާ ބަޔަކަށް ވާން ޖެހެއެވެ. ހަވަނަ ކަމަކަށް، އެ ބަޔަކީ ނަސްލީ ގޮތުން އެއް ޖަމާޢަތެއް ކަމަށް ވުމަކީ ވެސް މުހިއްމު ކަމެކެވެ.

މި ވާހަކަ މިހެން ދެންނެވީމާ، ސިޔާސީ ގޮތުން އުފެދިފައި ހުންނަ ދައުލަތްތަކުގައި އެތައް ނަސްލެއްގެ، އެތައް ބަހަކުން ވާހަކަ ދައްކާ، އެތައް ދީނެއްގެ މީހުން އުޅޭ އުޅުމަށް ބައެއް ބެއިފުޅުން އިޝާރާތް ކުރައްވައިފާނެއެވެ. ނަމަވެސް، އެފަދަ ދައުލަތްތަކަކީ ޙަޤީޤީ މާނައިގައި ޤައުމުތަކެއް ނޫނެވެ. އެއީ އެތައް ޤައުމުތަކެއްގެ މައްޗަށް އެކުލެވޭ ސިޔާސީ ކިޔާންތަކެއް ނުވަތަ "ޕޮލިޓީ" ތަކެކެވެ. ދެން، އެކަން ކޮންމެ ގޮތަކަށް އޮތަސް، އަޅުގަނޑު މި މަސައްކަތް ކުރަނީ ޤައުމުގެ މަފްހޫމުގެ ފުރިހަމަ ޢިލްމީ ބަޙުޘެއް ކުރެވޭތޯއެއް ނޫނެވެ. ދުނިޔޭގައި ހުންނަ އެކިއެކި ވައްތަރުވައްތަރުގެ ޤައުމުތަކުގެ ވާހަކަ ދައްކާކަށެއް ވެސް ނޫނެވެ. ދައްކާން މި އުޅެނީ ދިވެހި ޤައުމުގެ ވާހަކައެވެ. އަޅުގަނޑުމެންގެ އަމިއްލަ ވާހަކައެވެ.

އަޅުގަނޑުމެންގެ ޤައުމަކީ، ޤައުމެއްގެ ސިފަތައް ކަމަށް އަޅުގަނޑު މި ބަޔާން ކުރި ހަތް ސިފަ ވެސް ފުރިހަމަ ވާ ޤައުމެކެވެ. އެހެން އެއްވެސް ބަޔަކާ ބެހުމެއް ނެތް، އަޅުގަނޑުމެންގެ އަމިއްލަ ވަޒަނެއް ކަމަށް ވާ ބިމެއްގައި އަޅުގަނޑުމެން އުޅޭތާ އެތައް ހާސް އަހަރެއް ވެއްޖެއެވެ. އިއްޔެއާ ހަމަޔަށް ވެސް، ދުނިޔަވީ ޙަޔާތާއި، އެ ޙަޔާތަށް ފަހު ދެން އޮތް ޙަޔާތާ މެދުގައި ވެސް، ދިވެހީންގެ ފިކުރާއި ވިސްނުމާއި އުއްމީދުތަކާއި މަޤްޞަދުތައް އެއްގޮތެވެ. އެކަންކަމާ މެދު ދިވެހީން ދެކޭ ނަޒަރިއްޔާ އެއްގޮތެވެ. ދިވެހީންގެ ސަގާފަތް އިއްޔެއާ ހަމަޔަށް އޮތީ އެއް ސަގާފަތެއްގެ ގޮތުގައެވެ. އެ ސަގާފަތުގެ މައިގަނޑު އަސާސަކީ، އަދި މުޅި ދިވެހި ޤައުމިއްޔަތުގެ ވެސް މައިގަނޑު އަސާސަކީ މާތް ވެގެން ވާ އިސްލާމް ދީނެވެ. ދިވެހީން ނަމާދު ކުރަނީ އެއް ހިތަކުންނެވެ. ހުކުރު ކުރަނީ އެއް ހިތަކުންނެވެ. ރޯދަ މަސް ފާހަގަ ކޮށް އިޙްޔާ ކުރަނީ އެއް ހިތަކުންނެވެ. ބޮޑު ޢީދާއި ކުޑަ ޢީދު ފާހަގަ ކުރަނީ އެއް ހިތަކުންނެވެ. ޙައްޖަށް ދެވޭތޯ އުއްމީދު ކުރަނީ އެއް ހިތަކުންނެވެ. މި ކަންކަމުގެ އިތުރުން، ސަގާފަތުގެ އެހެން ބައިތަކަށް ބަލަންޏާ، ދިވެހީން ހެދުން އަޅައި އުޅުނީ އެއް ގޮތަކަށެވެ. ތިލަދުންމަތީ ކެލައިން ފުރައިގެން އައްޑޫ ހިތަދުއަށް ދާ ދިވެއްސަކަށް، ހިތަދޫން ކާން ލިބޭނީ ކެލާގައި ވެސް އޭނާ ކައި އުޅޭ ބާވަތުގެ، އެ ރަހަތައް ހުންނަ، ދިވެހި ކާނާއެވެ. ދިވެއްސެއްގެ ގޭގައި ދިވެއްސަކު މި ކަންކަމުގައި ބިދޭސީއަކަށް ނުވަތަ ބީރައްޓެއްސަކަށް ނުވެއެވެ. ދިވެހީން ވާހަކަ ދައްކައި އުޅުނީ ދިވެހި ބަހުންނެވެ. ކިޔައި އުޅުނީ އެއް ޅެންތަކާއި ވާހަކަތަކެކެވެ. ހީނއުޅުނީ އެއް ޖޯކުތަކަކަށެވެ. ދިވެހީންގެ ހިތްތަކާއި ސިކުނޑިތަކަށް އަސަރު ކުރުވީ އެއް މުޙާވަރާތަކަކުންނެވެ. ދިވެހީންނަކީ އެއް ތާރީޚެއްގެ އަހުލުވެރީންނެވެ. ދަރުމަވަންތަ ރަސްގެފާނަކީ މުޅި ދިވެހި ޤައުމުގެ ބައްޕައެވެ. ޣާޒީ ރަދުންނަކީ މުޅި ދިވެހި ޤައުމުގެ މަތިވެރި ބަޠަލެވެ. މި ކަންކަމުގެ މައްޗަށް، ދިވެހީންނަކީ އެއް ނަސްލެއްގެ ބައެކެވެ. އެއް ލެއެއް ހިނގާ ބައެކެވެ.

މި ކަންކަން މިހެން އޮތުމުން، ދިވެހި ޤައުމު އެއްބައިވަންތަ ދައުލަތެއްގެ ގޮތުގައި، އެއް ބަޔަކު އަނެއް ބަޔަކު ދެކެ ލޯބި ވާ ޤައުމެއްގެ ގޮތުގައި އޮންނަތާ އެތައް ޒަމާނެއް ފާއިތު ވެގެން ހިނގައްޖެއެވެ. ނަމަވެސް އަޅުގަނޑުމެން ދިވެހީން ހަނދާން ނައްތައިލައިގެން ނުވާނޭ ޙަޤީޤަތަކީ، އަޅުގަނޑުގެ ޤައުމާއި ޤައުމިއްޔަތާއި ޤައުމީ ވަޙްދަތާއި ދައުލަތަކީ އޭގެ އަމިއްލަ ޒާތުގައި ދެމިއޮންނާނޭ ކަންކަން ނޫންކަމެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ޤައުމާއި ޤައުމިއްޔަތާ މެދު ފިސާރި ފަރުވާތެރި ނުވެއްޖެއްޔާ، އެ ކަންކަން އިސާހިތަކު ނެތިގެން ހިނގައިދާނެއެވެ. އެއިރުން ވާނީ ކިހިނެއްތޯއެވެ؟ ބައެއް ދިވެހީން ޢަރަބި އެނގޭތީ ޢަރަބި ޤައުމަކަށް ހިނގައިދާނެއެވެ. ބައެއް ދިވެހީން އިނގިރޭސި އެނގޭތީ، އޮސްޓްރޭލިއާއަށް ނުވަތަ ނިއު ޒިލޭންޑަށް ހިނގައިދާނެއެވެ. ބައެއް ދިވެހީން އަވަށްޓެރި ސްރީ ލަންކާއަށް ހިނގައިދާނެއެވެ. ބައެއް ދިވެހީން އިންޑިއާއަށް، ބައެއް ދިވެހީން މެލޭޝިޔާއަށް ހިނގައިދާނެއެވެ. މި ތަންތަނަށް ދިވެހީން "ޑަޔަސްޕޯރާ" އެއްގެ ގޮތުގައި ފެތުރިގެން ހިނގައިދާނެއެވެ. ދިވެހި ބިން ވެސް އެއިރުން އަޅުގަނޑުމެންގެ އަތުން އޮންނާނީ ގެއްލިފައެވެ. ލޮބުވެތި މަންމަބިން އެއިރުން އޮންނާނީ އެހެން ބައެއްގެ ބިމަކަށް ވެފައެވެ. އެ ބިމުގައި ބާކީ ތިބިއްޔާ ތިބި މަދު ދިވެހީންކޮޅެއް ވާނީ އެ ބިމުގެ ސާހިބުންގެ އަޅުންނަށެވެ.

މިފަދަ ދުވަހެއް އަތުވެއްޖެ ޙާލަތެއްގައި، ބޭރުގެ އެކިއެކި ޤައުމުތަކަށް ހިޖުރަ ކުރާ ދިވެހީންނަށް ޖެހޭނީ ކޮން ޙާލެއްތޯ ވިސްނައިލަމާ ހިންގަވާށެވެ. އެފަދަ ޤައުމެއްގައި އަޅުގަނޑުމެންނަށް، "އީކުއަލް ސިޓިޒަންސް" ނުވަތަ އެ ތަނެއްގެ ރައްޔިތުންނާ އެއްފަދަ ރައްޔިތުންގެ ގޮތުގައި އުޅުމުގެ ޙަޤީޤީ ފުރުޞަތު ލިބިދާނޭތޯއެވެ؟ މިސާލަކަށް، އިނގިރޭސި ވިލާތަށް ހިޖުރަ ކުރާ ދިހަ ފަނަރަ ހާސް ދިވެހީންނަށް، އިނގިރޭސި ވިލާތުގައި އިނގިރޭސީންނަށް އޮންނަ ރައްޔިތުކަމުގެ މަޤާމާއި ޙައިޘިއްޔަތު ދުވަހަކު ވެސް ލިބިދާނޭތޯއެވެ؟ މިސާލަކަށް، އިނގިރޭސި ވިލާތުގެ ވެރިކަމަށް "ޑޮނާލްޑް ޓްރަމްޕަކު" އައިސްގެން، "ބޭރުން އައިސްގެން މި އުޅޭ ހަންކަޅު ދިވެހީންނަކީ މި ތަނުގައި އެންމެ ބޮޑަށް ކުށުގެ ކަންކަން ކުރާ މީހުންނޭ" ބުނެ، ޓްރަމްޕް އެމެރިކާގައި އޭޝިޔާ އާއި އެފްރިކާ އާއި ލެޓިން އެމެރިކާ ދަރިކޮޅުގެ މީހުންނާ މެދު ހިންގި ޒާތުގެ ކަންތައްގަނޑެއް ހިންގާން އުޅޭ ދުވަހެއް ނާންނާނޭ ކަމުގެ ޔަޤީންކަމެއް އޮންނާނޭތޯއެވެ؟ ނިއު ޒިލޭންޑުގައި ދިވެހި އެތައް ހާސް ބަޔަކު "އަވަށެއް" ހަދައިގެން އުޅެނިކޮށް، ކްރައިސްޓްޗާރޗްގައި ބްރެންޓަން ހެރިސަން ޓެރެންޓް ދިން ޒާތުގެ ޙަމަލަތަކެއް ދީފިއްޔާ، ދިވެހީން ހަދާނީ ކިހިނެއްތޯއެވެ؟ އޮސްޓްރޭލިޔާއަށް ދިވެހީންގެ ޖަމާޢަތެއް ހިޖުރަ ކޮށްގެން އުޅެމުން ދާތާ އަހަރުތަކެއް ފަހުން، ފަރަންސޭސި ވިލާތުގެ އިމޭނުއެލް މެކްރޯން އާއި މަރީން ލެ ޕެން ފަދަ ލީޑަރުންތަކެއް އެ ޤައުމުގެ ވެރިކަމަށް އައިސް، ދިވެހީން ވެސް އިސްލާމް ދީނުގެ ޝިޢާރެއް ފައުޅު ކޮށް، ދަރީންނަށް އިސްލާމް ދީން ކިޔަވައިދީ، ދިވެހި މުސްލިމް އަންހެނުން ބުރުގާ އަޅައިގެން އުޅެގެން ނުވާނެޔޭ ބުނެފިއްޔާ، ހަދާނީ ކިހިނެއްތޯއެވެ؟ މިއިން ޤައުމެއްގެ ވެރިކަމަށް އެޑޮލްފް ހިޓްލަރު ފަދަ މީހަކު އައިސް، އެ ޤައުމެއްގައި އުޅޭ ބޭރު މީހުން މަރައި ހުސް ކުރުމުގެ މަސައްކަތް ފަށައި، ހުރިހައި ދިވެހީން "ކޮންސެންޓްރޭޝަން ކޭންޕުތަކަށް" ލައިގެން އުޅެގެންފާނޭ ދުވަހެއް ނާންނާނޭކަމުގެ ޔަޤީންކަން އޮތީ ކިހައި ވަރަކަށްތޯއެވެ؟ ދުނިޔެއަށް އަންނަ ބަދަލުތަކާއި، ހަރުކަށި ވިސްނުންތައް ހުޅަނގުގެ އެންމެ "ލިބަރަލް" ތަންތަނުގައި ވެސް ޢާއްމު ވަމުން ދާ ދިޔުމާ މެދު ވިސްނާ އިރު، މި ކަންކަމާ މެދު އަޅުގަނޑުމެން ސީރިއަސް ވާކަށް ނުވޭތޯއެވެ؟

އަޅުގަނޑުމެން އަވަހަށް، ލަސް ނުކޮށް، ދެނެގަންނާން ޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އިންސާނީ ކަރާމާތާއި، އަޅުގަނޑުމެންގެ ޢިއްޒަތުއްނަފްސާއި، އަޅުގަނޑުމެންގެ ޝަރަފާއި ޙުރުމަތާ އެކު، މިނިވަން އަދި އުފާވެރި ދިރިއުޅުމެއް، ހަމަހަމަކަމާއި ޢަދުލުއިންޞާފުގެ އަސާސުތަކުގެ މަތީގައި ހޯދޭނޭކަމުގެ ޔަޤީންކަން އޮންނާނޭ ހަމައެކަނި ބިމަކީ، އަޅުގަނޑުމެންގެ އަމިއްލަ ދިވެހި ބިން ކަމެވެ. އަޅުގަނޑުމެންގެ އަމިއްލަ ވަޒަންކަމެވެ. އެހެން ކޮންމެ ބިމެއްގައި، އަޅުގަނޑުމެން ވާނީ ބިދޭސީންނަށެވެ. ބީރައްޓެހީންނަށެވެ. ގިނަ ފަހަރު، ނަފްރަތު ކުރެވޭ، އެއް ފަރާތް ކުރެވޭ، ހަވާސާއަށް ލެވޭ ބީރައްޓެހީން ކަމުގައެވެ. އެހެންކަމުން، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީންގެ މުސްތަޤުބަލް އޮތީ ދިވެހި ޤައުމާއި ޤައުމިއްޔަތު ސަލާމަތް ކޮށް ދެމެހެއްޓުމުގައެވެ. މި ދަންނަވަނީ ދުނިޔޭގެ އެހެން ޤައުމުތަކާ ގުޅުން ކަނޑާ ވާހަކައެއް ނޫނެވެ. އެހެން ޤައުމުތަކާ ވެސް، އަޅުގަނޑުމެންނަށް އިންސާނީ އުޚުއްވަތާއި އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ ގުޅުންތައް ބޭއްވޭނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ އަމިއްލަ ޤައުމު ވާން ވާނީ އަޅުގަނޑުމެންގެ އެންމެ އިސް މަޞްލަޙަތު ކަމުގައެވެ.

ސުވާލަކީ، އަޅުގަނޑުމެންގެ ޤައުމު ސަލާމަތް ކުރުމަށް ޓަކައި ކުރާން ޖެހޭ މަސައްކަތްތައް އަޅުގަނޑުމެންނަށް އެބަ ކުރެވޭތޯ މިއެވެ. އަޅުގަނޑުމެންގެ ޅަދަރީންގެ ތެރެއިން އެތައް ހާސް ދަރީންނަށް މިއަދު ދިވެހި ބަހެއް ނޭނގެއެވެ. އެ ކުދީންގެ މައިންބަފައިންނަށް ދިވެހި ބަސް މުހިއްމު ނުވެގެން، އެ ކުދީންނަށް އެނގޭ ހަމައެކަނި ބަހަކީ އިނގިރޭސި ބަސް ކަމަށް ވެއްޖެއެވެ. އަޅުގަނޑުމެންގެ ދަރީންނަށް ބީރައްޓެހި އެއްޗަކަށް ދިވެހި ކާނާ ވެއްޖެއެވެ. އަޅުގަނޑުމެން ދިވެހީންގެ ހެދުން އެޅުމުގެ އެއް ސަގާފަތް ނެތި ތާރީޚާ އެކުވެގެން ހިނގައްޖެއެވެ. އަޅުގަނޑުމެންގެ ތެރެއިން މާތް ވެގެން ވާ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތަށް ފުރަގަސް ދީ އެ ނިޢުމަތް ސުންނާފަތި ކޮށްލާން އުޅޭ ބަޔަކު ވެސް ފައިދާ ވެއްޖެއެވެ. އަޅުގަނޑުމެންގެ ދަރީންނަކަށް ދިވެހި ޤައުމުގެ ތާރީޚެއް ނޭނގެއެވެ. ދިވެހި ޤައުމެއް ނޭނގެއެވެ. ދިވެހި ޝަޚްޞިއްޔަތުތަކެއް ނޭނގެއެވެ. ދިވެހި ކުދީން ދިވެހި އަދަބިއްޔާތެއް ނުކިޔައެވެ. މި ފަދަ އެތައް ކަމެކެވެ. މި ކަންކަން މި ގޮތުގައި ދަންޏާ، މާދަމާ ދިވެހީންގެ އެއް ބަޔަކާ އަނެއް ބަޔަކާ ދެމެދު އޮންނާނީ ކޮން ގުޅުމެއްތޯއެވެ؟ ޤައުމީ އެއްބައެއްވަންތަކަމާއި ޝަނާކަތީ ވަޙްދަތު ދިވެހީންގެ ތެރޭގައި އޮންނާނޭތޯއެވެ؟ ޝައްކެއް ނެތެވެ. ދިވެހި ޤައުމު މި ދަނީ ހީރަސް ކެނޑުމުން ގަނޑުތައް ވަކިވަކި ވަމުން ދާ ފޮތެއް ފަދައިން ރޫޅެމުންނެވެ. ޤައުމު ސަލާމަތް ކުރުމުގެ އިންޤިލާބީ މަސައްކަތްތަކެއް ނުކުރެވިއްޖެއްޔާ، ދިވެހީން މާދަމާ ތިބޭނީ އެއް ބަޔަކު އެއް ޤައުމެއްގައި، އަނެއް ބަޔަކު އަނެއް ޤައުމެއްގައި، "ދެވަނަ ދަރަޖައިގެ ރައްޔިތުންގެ" ގޮތުގައެވެ. އެ ދުވަސް އައުމުން، ހިތާމަ ކުރުމުގެ ނުވަތަ ރުއިމުގެ ފައިދާއެއް ނުކުރާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް