ޕީޕިއެމް ސަރުކާރުން ވެރިކަން ހިފަހައްޓަން ބޭނުންކުރީ މަސްތުވާތަކެތި: ޔައުގޫބް

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ -- ފޮޓޯ/ މަޖިލިސް

އިދިކޮޅު ޕީޕީއެމުން ވެރިކަން ދަމަހައްޓަން އުކުޅަކަށް ބޭނުންކުރީ މަސްތުވާތަކެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.

ޔައުގޫބް މިހެން ވިދާޅުވީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މުޖުތަމައު ތެރެއަށް ދޫވަމުން އަންނާތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ޔައުގޫބް ވިދާޅުވީ މަސްތުވާތަކެއްޗާ އެންމެ ބޮޑަށް ގުޅުން އޮންނަނީ ޕީޕީއެމްއާއި ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާ ކަމަށެވެ. އެގޮތުން ޔައުގޫބް ވިދާޅުވީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި، ވެރިކަން ކުރަން ފަސޭހައަކަށް ޒުވާނުންނަށް މަސްތުވާތަކެތި ދޭން، ޔާމީން ލަފާ އެރުވި ކަމަށެވެ.

"އެގޮތުގެ މަތިން އެ ދިން އެޑްވައިސްގެ މަތީން ވެރިކަން ކުރަމުން އައިސް މިއަދާ ހަމައަށް މި ކަން މި ޖީލު، މުޅި ޒުވާން ޖީލު ހަލާކުކޮށްލި އެ ފަރާތަކީ މި މައްސަލަ ހުށަހެޅުއްވި އިއްޒަތްތެރި މެންބަރު އެ ފަރާތަކަށް ޓަކައި ޖާމިނު ވާން އެދި، އެ ވިދާޅުވި ކުރީގެ ރައީސް ޔާމީން،" ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބް އިތުރަށް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވެސް ދާންދޫ ދާއިރާގައި މަސްތުވާތަކެތި ހުއްޓުވުމަށް އެދިފައިވާނޭ ކަމަށާއި އެ އިންތިހާބުގައި ދާންދޫ ދާއިރާއަށް ވާދަކުރެއްވި ޕީޕީއެމް މެންބަރުގެ އަތުން ތިން ފަހަރެއްގެ މަތިން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

"މި ސަރުކާރާ އޭރުގެ ސަރުކާރާ ހުރި ތަފާތު. އޭރުގެ ސަރުކާރު، ހާއްސަކޮށް ޕީޕީއެމް ސަރުކާރުގަ އެމީހުންގެ ވިސްނުމަކަށް މި އޮންނަނީ އިންތިހާބެއް ވެސް އަދި އެހެން ކަމެއްގައި ވެސް، ވެރިކަން ހިފަހައްޓަން ވެސް މަސްތުވާތަކެތި ބޭނުންކޮށްގެން ކުރިއަށް ދިއުން،" ޔައުގޫބް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް މި މައްސަލަ ހުށަހަޅައިފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމަށް ހިންގޭ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވޭ މީހުން ތަހުގީގީ މަރުހަލާއާއި ކޯޓު މަރުހަލާގައި މިނިވަން ވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ބޭރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެތި ނެޓްވޯކްތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރުކުރާ މިންވަރު އިތުރުވެ، މަސްތުވާތަކެތީގެ ހަބަކަށް ދިވެހިރާއްޖެ ބަދަލުވެފައިވާ ކަމަށް އެ މައްސަލައިގައިވެއެވެ. އަދި މަސްތުވާތަކެތި އެތެރެކުރާ ބައެއް މީހުންނާ މެދު ފިޔަވަޅު ނާޅައި، އެފަދަ ފަރާތްތައް ކޯޓު މަރުހަލާއިން ދޫ ވާ މައްސަލަ އިސްތިއުނާފު ނުކުރާ ކަމަށްވެސް މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.

comment ކޮމެންޓް