ފްލައިން ސްކޫލް ހިންގާނެ ކުންފުނި އުފައްދަން އެމްއެންޔޫ އާއި އައިއޭއެސްއިން އެއްބަސްވުން ހަދައިފި

އައިލޭންޑް އޭވިއޭޝަން އަދި އެމްއެންޔޫ އިން ފްލައިޓް ޓްރެއިނިން ސްކޫލްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/މޯލްޑިވިއަން

އައްޑޫ ސިޓީގައި ފްލައިން ސްކޫލް ހިންގާނެ ކުންފުނި އުފައްދަން ގައުމީ ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ހުސައިން ހަލީމެވެ.

އެ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އާ ފްލައިން ސްކޫލަކީ ޕައިލެޓުންގެ އިތުރުން އޭވިއޭޝަންގެ އެހެން ދާއިރާތަކުން ކުދިން ތަމްރީނުކޮށް މަސައްކަތުގެ މާހައުލަށް ނެރޭނެ ސްކޫލެއް ކަމަށެވެ.

މީގެ އިތުރުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ހުސައިން ހަލީމް ވިދާޅުވީ މި އަހަރުގެ ނިޔަލަށް އެ ސްކޫލުގެ ކިޔެވުން ފެށޭނެ ކަމަށާއި އެ ސްކޫލުގައި ކިޔަވާ ފުރަތަމަ ބެޗުގައި ބައިވެރި ކުރާނީ 30 ކުދިން ކަމަށެވެ.

ހަމައެއާއެކު އެ ސްކޫލްގައި އެންރޯލްވުމަށް ކޮންމެ އަހަރަކު 80 ކުދިންނަށް ފުރުސަތު ދޭނެ ކަމަށާއި ސްކޫލަށް ކުދިން ނަގާއިރު މިހާރު ފްލައިޓް ޓްރެއިނިން ހަދަމުންދާ ކުދިންގެ ތެރެއިން ޓްރެއިނިން ނުނިމޭ ކުދިންނަށް އިސްކަން ދޭނެކަން ހަލީމް ފާހަގަ ކުރެއްވިއެވެ.

ހަމައެހެންމެ، ސްކޫލްގައި ކިޔަވާ ކުދިން އިތުރުވާ ވަރަކަށް އައިލެންޑް އޭވިއޭޝަންގެ އިތުރު އެއަޕޯޓުތަކަށް އެ ސްކޫލްގެ ހިދުމަތް ފުޅާ ކުރާނެ ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.

ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)އިން 2009ގައި ހަވާލުވި އައްޑޫ ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ، ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވޭ ގޮތް ވަނީ ވެފައެވެ. އަދި ސަރުކާރުން ވަނީ އޭއޭއޭގެ ޓްރެއިންގް ހެޑް ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށްފައެވެ.

އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފްލައިން ސްކޫލުގެ ކިޔެވުން ޑިސެމްބަރު މަހު އަލުން ފަށާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓޮޕްއަޕް ލޯންތަކެއް ދޭން ނިންމާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނުން ވަނީ ފްލައިން ސްކޫލް ދެން މެނޭޖު ކުރާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީއަކުން ކަމަށް ބުނެފައެވެ.

comment ކޮމެންޓް