އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ވަރަށް ކިނޮޅަހު ނެރު ފުންކޮށްފި

ނެރުމައްޗަށް ފަސްއެޅި ބަނދުވި ކިނޮޅަހު ނެރު ފުންކޮށްފައި -- ފޮޓޯ/ ކިނޮޅަސް ކައުންސިލް

ރ. ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި ބަންދުވެފައި ވަނިކޮށް އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ވަރަށް ނެރު ފުންކޮށްފިއެވެ.

ކިނޮޅަހު ބަނދަރަށް ދިމާވި މައްސަލަ ހައްލު ކުރުމަށް އެމްޓީސީސީން އެރަށަށް ދިޔައީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެ ކުންފުނިން ބުނީ މިހާރު އެ ނެރުން އޮޑިދޯނި ފަހަރަށް ވަދެ ނުކުމެވޭ ވަރުވާނެ ކަމަށެވެ.

ކިނޮޅަހު ކައުންސިލްގެ ރައީސް އަހްމަދު ހުސައިން 'ސަން' އަށް ވިދާޅުވީ, ބަނދަރުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެންމެ ފުރަތަަމަ ނެރު މައްޗަށް އެރި ވެލި ނެގީ ކަމަށެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ލިބުމަށް ހަމަސް ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ސަރުކާރުން ބަނދަރު ބޮޑު ކުރުމާއެކީގައި ބަނދަރު ރިނޮވޭޝަންގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލު ކޮށްފަ، އެ މަސައްކަތްވެސް މި ބުރުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް ވިދާޅުވެފައި ވަނީ،" އަހުމަދު ހުސައިން ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ބަނދަރު ބޮޑުކޮށް، ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް ކުރެހުންތައް ނިންމައި، އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ދެ ފަހަރަށް އިއުލާނު ކުރި ކަމަށެވެ.

އެގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލުމުން، ބީލަން ހުށަހެޅި އެއްވެސް ފަރާތަކަށް ބީލަން ކާމިޔާބު ނުކުރެވުމުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ އެ މަސައްކަތް ހަވާލު ކުރީއެވެ.

"މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް ހަމަހަށް ވުރެ ގިނަ ދުވަސް ނަގާނެކަމަށް މި ބަލަނީ. އޭރުން މިހާރު އޮތް ބަނދަރު 350ހެއްހާ ފޫޓު ބޮޑުވާނެ،" އަހުމަދު ހުސައިން ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ރިވެޓްމެންޓް ޖެހުމާއި މިހާރު ވޮޑޭ ވެލިގަނޑު ހިމާޔަތް ކުރުން ފަދަ ކަންކަން ވެސް އެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ކިނޮޅަހުގެ ބަނދަރުގެ ނެރު މައްޗަށް ވެލި އަރަން ދިމާވާ ސަބަބު އަހުމަދު ހުސައިން މީގެ ކުރިން "ސަން"އަށް ކިޔައިދެއްވިއެވެ. އެގޮތުން އުތުރު ފަރާތުގައި ބަނދަރު ހެދިއިރު, ހުޅަނގު ފަރާތުގައި ބޮޑު ވެލިގަނޑާއެކު އޮތް ބީޗު ހިފެހެއްޓުމަށް ހުރަހަށް ތޮށިގަނޑެއް ޖެހި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ތޮށިގަނޑު މި ޖެހީ ބަނދަރު ކޮނުނު އިރު ނެގި ގަލުން. ދެން އެ ތޮށިގަނޑު މި ހަލާކުވީ 2012 ވަނަ އަހަރު އިރުވައިގައި ގަދަވިއިރު. އިރުވައި ހަޅައިގެ ތެރޭގައި," އަހްމަދު ހުސައިން ވިދާޅުވިއެވެ.

އޭގެ ފަހުން ޖެހިގެން އައި ހުޅަނގު މޫސުމުގައި ހަލާކުވެފައިވާ ތޮށިގަނޑުގެ ތެރެއިން ވެލިގަނޑު އައިސް ބަނދަރުގައި ޖަހާފައިވާ ހިލަތައް ކަޑައްތު ކުރުމަށްފަހު ނެރުމައްޗަށް އެރި ކަމަށް އަހްމަދު ހުސައިން ވިދާޅުވިއެވެ. އަދި ވެލި ބޭރު ކުރެވޭނެ ގޮތެއް ނެތުމުން މައްސަލަ ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔައީކަން އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު