އަޔޫޝްމަން ދެން ކުޅޭނީ އެކްޝަން ރޯލެއް!

އެކްޓަރު އަޔޫޝްމަން ކުރާނާ---

ބޮލީވުޑްގެ ކުޅަދާނަ ފިލްމީތަރި އަޔޫޝްމަން ކުރާނާ އޭނާގެ ފުރަތަމަ އެކްޝަން ރޯލު ފިލްމަށް ސޮއިކޮށްފިއެވެ.

އަނިރުދް އިޔަރު ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ އާނަންދު އެލް ރާއީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެކްޝަން ހީރޯއެއްގެ ރޯލުން އަޔޫޝްމަން މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގެ ޓީޒާކޮޅެއް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. މިއީ އަޔޫޝްމަން އާއެކު އާނަންދު މަސައްކަތްކުރާ ތިން ވަނަ ފަހަރެވެ.

ނަން އަދި ހާމަނުކުރާ މި ފިލްމަށް ސޮއިކުރަމުން އަޔޫޝްމަން ބުނީ ތިންވަނަ ފަހަރަށްވެސް އާނަންދު އާއެކު މަސައްކަތްކޮށްލެވޭތީ ވަރަށް ހިތްހަމަޖެހޭ ކަމަށާއި މި ފިލްމުގެ ސްކްރިޕްޓު އޭނާއަށް ވަރަށް ކަމުދާކަމަށެވެ. ކުޅެލަން ބޭނުންވާ ކަހަލަ ރޯލެއް ލިބުމުން އަވަހަށް ފިލްމު ކުޅެލަން އެއްބަސްވީ ކަމަށްވެސް އަޔޫޝްމަން ބުންޏެވެ. މި ފިލްމަކީ އަންނަ އަހަރު ސްކްރީންތަކުގައި އެޅުވުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

އެކްޓަރު އަޔޫޝްމަންގެ އަތުގައި މިވަގުތު ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ޑޮކްޓަރު ޖީ"، "އަނޭކް" އަދި "ޗަންދީގަރް ކަރޭ އާޝީގީ" ހިމެނެއެވެ. މިހާރު ބޮލީވުޑްގައި އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އަޔޫޝްމަން ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު "ވިކީ ޑޯނާ" އިންނެވެ. އޭނާ ވަނީ މިހާތަނަށް 20 ވަރަކަށް ފިލްމު ކުޅެފައެވެ.

comment ކޮމެންޓް