ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި ރައްޔިތުން ރަށު ބަންދުގައި

ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި ނެރު ބަންދުވެފައި --- ފޮޓޯ: ކައުންސިލް

ރ. ކިނޮޅަސް ނެރުމައްޗަށް ފަސް އެރުމުގެ ސަބަބުން އެ ރަށު ބަނދަރުން އޮޑިދޯނިފަހަރު ނިކުތުމަށް ހުރަސްތަކެއް ދިމާވެ, ރައްޔިތުން ރަށު ބަންދުވެއްޖެއެވެ.

ކިނޮޅަސް ކައުންސިލްގެ ރައީސް އަހްމަދު ހުސައިން 'ސަން' އަށް ވިދާޅުވީ, 2010 ވަނަ އަހަރު ބަނދަރު ހަދައި ނިމިފައިވާއިރު ޖެހިގެން އައި އަހަރުން ފެށިގެން އެ މައްސަލަ ދިމާވަމުން އަންނަ ކަމަށެވެ.

ބަނދަރު ހަދައި ނިމުނު ފަހުން އެތައް ފަހަރަކު އެ މައްސަލަ ދިމާވި ކަން އަހްމަދު ހުސައިން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ކޮންމެ ފަހަރަކުވެސް ނެރުމައްޗަށް ވެލިގަނޑު އެރުމުން އެތަންކޮޅު ސާފުކޮށްލަނީ ކަމަށާއި އެކަމަށް ދާއިމީ ހެއްލެއް ނުގެންނަ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ތަކުލީފްތަކެއް އުފުލަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި ނެރު ބަންދުވެފައި --- ފޮޓޯ: ކައުންސިލް

ބަނދަރުގެ ނެރު މައްޗަށް ވެލި އަރަން ދިމާވާ ސަބަބު ކައުންސިލް ރައީސް ކިޔައިދެއްވި އެވެ. އެގޮތުން އުތުރު ފަރާތުގައި ބަނދަރު ހެދިއިރު, ހުޅަނގު ފަރާތުގައި ބޮޑު ވެލިގަނޑާއެކު އޮތް ބީޗު ހިފެހެއްޓުމަށް ހުރަހަށް ތޮށިގަނޑެއް ޖެހި ކަމަށް އަހްމަދު ހުސައިން ވިދާޅުވިއެވެ.

"އެ ތޮށިގަނޑު މި ޖެހީ ބަނދަރު ކޮނުނު އިރު ނެގި ގަލުން. ދެން އެ ތޮށިގަނޑު މި ހަލާކުވީ 2012 ވަނަ އަހަރު އިރުވައިގައި ގަދަވިއިރު. އިރުވައި ހަޅައިގެ ތެރޭގައި," އަހްމަދު ހުސައިން ވިދާޅުވިއެވެ.

ޖެހިގެން އައި ހުޅަނގު މޫސުމުގައި ހަލާކުވެފައިވާ ތޮށިގަނޑުގެ ތެރެއިން ވެލިގަނޑު އައިސް ބަނދަރުގައި ޖަހާފައިވާ ހިލަތައް ކަޑައްތު ކުރުމަށްފަހު ނެރުމައްޗަށް އެރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރަކު އެ މައްސަލަ ދިމާ ނުވި ނަމަވެސް, އެޅެމުންދާ ވެލި ބޭރު ކުރެވޭނެ ގޮތެއް ނެތުމުން މައްސަލަ ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުން ކަމަށް އަހްމަދު ހުސައިން ވިދާޅުވިއެވެ.

ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި ނެރު ބަންދުވެފައި, ރައްޔިތުން ހިމޭން އިހުތިޖާޖެއްގައި --- ފޮޓޯ: ކައުންސިލް

"ވެލި އެޅުމުން ހައިމާކަކާއި ބާޖެއް ގެނަސްގެން ވެލި މި ނަގަނީ. ގާތްގަނޑަކަށް 80 ބާޖު ވެލި ނެގި," ކައުންސިލް ރައީސް ވިދާޅުވިއެވެ.

އެތަނުން ނަގާ ވެލި, ކޮންމެ ފަހަރަކުވެސް ބަނދަރު ކައިރީގައި ފުންޏަކަށް ޖަހާފައި ބަހައްޓާކަން އަހްމަދު ހުސައިން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ވެލި ވަންނަ މައްސަލަ ހައްލު ކުރުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

"އެކަމުގެ ސަބަބުން ރަށުގެ އެއް ދިމާލުން ގިރުމުގެ މައްސަލަ ވެސް މިހާރު ދިމާވެފައިވަނީ," ކިނޮޅަސް ރައްޔިތަކު ވިދާޅުވިއެވެ.

އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަކަން ފާހަގަކޮށް ކައުންސިލްގެ ރައީސް ވިދާޅުވީ, ކައުންސިލާއި ރައްޔިތުންގެ ހިޔާލު ހޯދައިގެން ފައިނަލް ޑްރޯވިންއެއް މިހާރު ތައްޔާރު ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ތިން ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެ އޮތީ ބަނދަރު އެއްކޮށް ކަހަލަ ގޮތަކަށް ބަންދުވެފައި. ބޮޑެތި އެއްވެސް އުޅަނދަކަށް ވަދެ ނުހެދޭ. އެކަމާ ގުޅިގެން އިއްޔެ ހަވީރު ރައްޔިތުން ވަނީ ހިމޭން އިހްތިޖާޖެއް ވެސް ކޮށްފައި" ކައުންސިލް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް