ސައިފްގެ ދަރިފުޅު އިބްރާހިމް ބޮލީވުޑަށް!

އިބްރާހިމް އަލީ ޚާން---

ބޮލީވުޑްގައި އުފެދުނު އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހިމް އަލީ ޚާން ބޮލީވުޑަށް ނުކުންނަށް އުޅޭކަން ސައިފް ކަށަވަރުކޮށްދީފިއެވެ.

އިބްރާހިމް ބޮލީވުޑަށް ތައާރަފްވާން އުޅޭއިރު މީގެ އަހަރެއް ކުރިން އޭނާގެ ދައްތަ ބަތަލާ ސާރާ އަލީ ޚާން ބުނީ ކޮއްކޮ އިބްރާހިމް ބޮލީވުޑަށް ނުކުތުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. އިބްރާހިމް ބޮލީވުޑަށް ނުކުތުމާއެކު ސާރާގެ އެ ހުވަފެން ފުރިހަމަވެގެންދާނެއެވެ.

އެކްޓަރުގެ ދަރިފުޅު އިބްރާހިމް ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސައިފް ބުނި ނަމަވެސް އެކަމާ ގުޅޭގޮތުން މާ ބޮޑު ތަފްސީލެއް ނުދެއެވެ. ސައިފް ބުނީ އިބްރާހިމް ބޮލީވުޑަށް ނުކުންނާނީ ކަރަންގެ ފިލްމަކުން ކަމަށެވެ.

ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ގިނަ އަދަދެއްގެ ފަންނާނުން ބޮލީވުޑަށް ތައާރަފް ކޮށްދީފައެވެ. އޭގެ ތެރޭގައި މިހާރުގެ ނަން މަޝްހޫރު ތަރިންކަމަށްވާ އާލިއާ ބަޓް، ވަރުން ދަވަން، ސިދާތު މަލްހަތްރާ، ޖާންވީ ކަޕޫރު، އަދި އިޝާން ކައްތުރާ ހިމެނެއެވެ.

ސާރާ އާއި އިބްރާހިމް އަކީ ސައިފް އާއި އެކްޓްރަސް އަމްރިތާ ސިންހް އާ ކައިވެނިކޮށް ލިބުނު ދެދަރިންނެވެ. ސައިފް މިހާރު ކައިވެނިކޮށްގެން އުޅެނީ ބަތަލާ ކަރީނާ ކަޕޫރު އާއެވެ. އެ ދެމަފިރިންނަށް ވެސް ވަނީ ދެ ދަރިން ލިބިފައެވެ.

comment ކޮމެންޓް