ބަންޓީ އޯރް ބަބްލީ 2 ނޮވެމްބަރު މަހަށް

ފިލްމުން ފެނިގެންދާ ތަރިން---

ޔަޝްރާޖް ފިލްމްސްއިން ގެނެސްދޭ "ބަންޓީ އޯރް ބަބްލީ 2" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ.

ދެހާސް ފަސްވަނަ އަހަރު ރިލީޒްކުރި ފިލްމު "ބަންޓީ އޯރް ބަބްލީ"ގެ ސީކުއަލް ކުރިން ރިލީޒްކުރަން ނިންމީ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގައެވެ. ނަމަވެސް އެ ދުވަސްވަރުވެގެންދިޔައީ އިންޑިއާގައި ކޮވިޑްގެ ދެވަނަ ރާޅެއް އުފެދުނު ދުވަސްވަރަށެވެ. އެހެން ކަމުން ފިލްމު ރިލީޒްކުރާ ތާރީޚު ފަސްކުރީ ފިލްމު އަޅުވާނެ ވަކި ތާރީޚެއް ހާމަނުކޮށެވެ.

ނަމަވެސް އަންނަ މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ސިނަމާތައް ހުޅުވާނެކަން އިއުލާންކުރުމާއެކު އެ ފިލްމު ރިލީޒްކުރާ ތާރީޚު ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރާއިރު ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ހަރަކާތްތެރިވަނީ ސިދާންތު ޗަތުރްވެދީ އާއި ބޮލީވުޑަށް އަލަށް ތައާރަފްވާ ތަރި ޝަރްވަރީ އެވެ. އަދި ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާން އެވެ.

މި ފިލްމުގެ ފުރަތަމަ ބައިގެ ލީޑު ރޯލުން ފެނިގެންދިޔައީ އަބީޝޭކް ބައްޗަން އާއި ރާނީ މުކަރްޖީ އެވެ.

އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ރާނީއާއި ސައިފް ސްކްރީނުން އެކުގައި ފެނިގެންދާ 11 ވަނަ ފިލްމެވެ. މި ދެތަރިން އެކުގައި އެންމެ ފަހުން ކުޅުނު ފިލްމަކީ "ހަމް ތުމް" އާއި "ތާރާ ރަމް ޕަމް" އެވެ.

ބަންޓީ އޯރް ބަބްލީ ވެގެންދާނީ 2019 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "މަރުދާނީ 2" އަށްފަހު ބަތަލާ ރާނީ ފެނިގެންދާ ފިލްމަށެވެ.

comment ކޮމެންޓް