ޝާހިދުގެ "ޖާޒީ" އަށް ވެސް ތާރީޚެއް

ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރު---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރު 39، ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ޖާޒީ" ރިލީޒްކުރާ ތާރީޚް އިއުލާންކޮށްފިއެވެ.

އެކްޓަރު ޝާހިދު އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މި ފިލްމު އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ނިންމާފައިވާ ކަމަށެވެ. މި ފިލްމުވެސް ކޮވިޑް ޕެންޑެމިކްގެ ސަބަބުން ކުރިން އެޅުވޭ ގޮތް މެދުވެރިނުވީއެވެ.

ޝާހިދު އާ މުރްނާލް ތާކޫރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއްކޮށް ނިންމާވެސްލާފައެވެ. ޝޫޓިން ނިންމާލުމަށްފަހު ޝާހިދު ބުނީ މި ފިލްމަކީ އޭނާގެ ހިތާ ކުޅެލި ފިލްމެއްކަމަށާއި މި ފިލްމުގެ މަސައްކަތަކީ މިހާތަނަށް އޭނާއަށް އެންމެ ހިތްހަމަޖެހިގެން ކުރެވުނު އެއް މަސައްކަތް ކަމަށެވެ. އަދި މި ފިލްމުގެ ތަޖުރިބާއަކީ ވަރަށް ސަޅި ތަޖުރިބާއެއް ކަމަށްވެސް ޝާހިދު ވަނީ އޭރު ބުނެފައެވެ.

މި ފިލްމަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ތެެލެގޫ ވާޝަނެއް ވެސް ވަނީ މީގެ ކުރިން ގެނެސްދީފަ އެވެ.

ގޯތަމް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމު ޝާހިދު ކުޅެދޭނީ އެހެން ފިލްމުތައް ކުޅެދޭ އަގަށްވުރެ ކުޑަކޮށެވެ. ތެއްތިރީސް ކުރޯޑު ރުޕީސް އަށް ފިލްމެއް ކުޅެދޭ ޝާހިދު މި ފިލްމު ކުޅެދޭނީ 25 ކުރޯޑު ރުޕީސްއަށެވެ.

comment ކޮމެންޓް