އިސްލާމީ ޤަޟާއީ ނިޒާމުގައި ފޮރެންސިކް ހެއްކާއި ޑީއެންއޭ 1

ފޮޓޯ: ގެޓީ އިމޭޖްސް

މިމަޒުމޫނުގެ މަޤްޞަދަކީ އިސްލާމީ ޤަޟާއީ ނިޒާމުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމުގައި ހެކި ޤަބޫލުކުރުމާބެހޭ ޤަވާޢިދުތަކާއި އެޤަވާޢިދުތަކުގެ ތެރެއަށް ޒަމާނީ ހެކިތައް، ޚާއްޞަކޮށް ޑީއެންއޭ ބޭނުންކޮށްގެން ޒިނޭގެ މައްސަލަތައް ސާބިތުކުރުމާމެދު ތަޙްލީލީލީ ނަޒަރަކުން ބަލައި ވަޒަންކުރުމެވެ. ޙައްދު ކަނޑައެޅިފައިވާ ކުށްތައް ޒަމާނީ ހެކިން ސާބިތުކުރެވޭނެތޯ ބެލުމުގައި ޑީއެންއޭ ގެ ޒަރީޢާއިން ކައިވެނިން ބޭރުންލިބޭ ދަރީގެ ނަސަބު ސާބިތުކުރުމުގެ މައްސަލައަށް ސަމާލުކަމެއް ދިނުމާއެކު، ޙައްދު ކަނޑައެޅިފައިވާ ޒިނޭފަދަ މައްސަލަތައް ސާބިތުކުރެވޭނެތޯ ބެލުމެވެ.

މިގޮތުން ޒިނޭގެ ކުށް ސާބިތުކުރުމަށް ކަނޑައެޅިފައިވާ ހެކިތަކަށް ބަލައި ޑީއެންއޭގެ ހެކި ވަޒަން ކުރެވޭނެއެވެ. އިހުގެ އާއި ފަހުގެ ޢިލްމުވެރިންގެ ރައުޔުގެ އަލީގައި ޒަމާނީ ހެކީގެ ވަސީލަތުން ހޯދޭ ހަރުދަނާ ޤާރީނާއާއިމެދު ވާހަކަ ދެއްކުމެވެ. އޮސްޓްރޭލިއަން ޖާނަލް އޮފް އިސްލާމިކް ސްޓަޑީޒްގެ ދިރާސާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ހަރުދަނާ ޤަރީނާ (ސާކަމްޓެންޝިއަލް އެވިޑެންސް) އަކުން ޙައްދު ކަނޑައެޅިފައިވާ ޒިނޭ ފަދަ ކުށެއް ސާބިތު ނުކުރެވޭނެއެވެ. އެހެނީ ޑީއެންއޭ ފަދަ ހަރުދަނާ ޤަރީނާގެ ޒަރީޢާއިން ސާބިތުކުރުމުން ޙައްދުތަކުގައި ޝަރުޢުން ލައްވާފައިވާ މަޤްޞަދުތައް ގެއްލި އެފަދަ ކަންތައްތަކުގެ ތެރެއަށް ވަދެވެއެވެ.

ޙައްދު ކަނޑައެޅިފައިވާ ކުށްތައް ޒަމާނީ ހެކިން ސާބިތު ނުކުރެވުނަސް ޤާނޫނުލްޢުޤޫބާތުގެ ތެރެއިން ތަޢުޒީރީ އަދަބެއް ދެވޭ ޖިނާއީ ކުށެއް ސާބިތުކުރުން މަނައެއް ނުކުރެއެވެ. ޝަރުޢީ ގޮތުން ނަސަބާއި ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ އަސާސްތައް ގެއްލޭފަދަ ގޮތަކަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުން ހުއްދަ ވެގެން ނުވެއެވެ. ނަމަވެސް ގެއްލުންތައް ދުރުކުރުމަށާއި، ޢާއްމު މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ޒަމާނީ ހެކި ބޭނުންކުރުން ހުއްދަވެގެންވެއެވެ. ޑީއެންއޭ ގެ ޒަރީޢާއިން ނަސަބު ސާބިތުކުރުމާއި، މަދަނީ، ޢާއިލީ މައްސަލަތަކާއި ލިޢާނުގެ މައްސަލައަށް މިލިޔުމުގައި އަޅާކިއުމުގެ ނަޒަރުން ބެލިފައިވާނެއެވެ.

އިސްލާާމީ ޤަޟާއީ ނިޒާމުގައި ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް އެކަށައެޅިފައިވާ ހެއްކާއިބެހޭ ޤާނޫނުތަކާއި އުޞޫލުތަކަށް ބަލާއިރު، ޝަރުޢުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކަކީ މިދެންނެވި ޤާނޫނުތަކުގެ ތެރެއިން %10 އަށްވުރެ މަދު ޢަދަދެކެވެ. ބާކީ ހުރި ޤާނޫނުތަކާއި އުޞޫލުތަކަކީ ބަދަލުވަމުންދާ އަދި އިންސާނުން އަމިއްލައަށް ހަދާފައިވާ ޤާނޫނުތަކެވެ. މިއިން އެނގޭ ކަމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ޤަޟާއީ ނިޒާމަކީ، ހުރިހާ ތަފްޞީލުތަކެއް ޝަރުޢުން ކަނޑައެޅުއްވުމުގެ ބަދަލުގައި އެނިޒާމުގެ ޢާއްމު އަސާސްތައް ކަނޑައެޅިފައިވާ ނިޒާމެއް ކަމެވެ. އަދި ޒަމާނާއި، ޙާލަތާއި، ތަނަށް ރިޢާޔަތްކޮށް ޤާނޫނުތަކަށް ބަދަލު ގެނެވޭނެކަމެވެ.

އެހެންކަމުން ފިޤުހު ޢިލްމުވެރިންނާއި ދަންނަބޭކަލުން ޒަމާނާއި މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރިކުރުމަށް ބޭނުންވާ ޙުކުމްތައްވަނީ ނެރެދެއްވާފައެވެ. އެއީ "އިޖްތިހާދު" ގެ ޒަރީޢާ އިންނެވެ. ޑރ. ޔޫސުފުލްޤަރުޟާވީ ވަނީ އިޖްތިހާދުކުރުމަށް ބާރު އަޅުއްވާ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ބާރު އަޅުއްވާފައެވެ. އަދި ޒަމާން ތަރައްޤީވާ ވަރަކަށް މުޖްތަމަޢު ތަރައްޤީކުރުމަށް ބޭނުންވާ އުޞޫލުތައް ޝަރުޢީ ހަމަތަކުގެ މަތިން ކަނޑައެޅުމަށް ބާރުއަޅުއްވާފައެވެ.

ޝަރުޢުގައި ﷲ ގެ ޙައްޤުތަކާއި، އިންސާނުންގެ ޙައްޤުތައް ކަނޑައަޅުއްވާފައިވެއެވެ. ކުށްތަކުގައިވެސް މިދެންނެވި ތަފާތުވެއެވެ. ﷲ ޙަރާމް ކުރައްވާފައިވާ ބޮޑެތި ކުށްތަކަކީ އެކަލާނގެ ޙައްދު ކަނޑައަޅުއްވާފައިވާ ކުށްތަކެކެވެ. މިއިން ކުށަކަށް އަރައިގަނެވިއްޖެނަމަ، މުޅި މުޖްތަމައަށާއި އެންމެހާ ފަރުދުންނަށް މީގެ އަސަރުކުރެއެވެ. އެހެންކަމުން މިފަދަ ކުށްތަކަށް ޙައްދު ކަނޑައަޅުއްވާފައިވަނީ، ޚުދު އެކަލާނގެއެވެ. އެކަމާމެދު ބަޙުސްކޮށް، ކުށް މަޢާފުކޮށް، ބަދަލުކުރުމުގެ ޙައްޤު އެއްވެސްފަރާތަކަށް ލިބިގެންނުވެއެވެ. އަދި ޙައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ޙައްދުތަކާއި އެކުށްތައް ސާބިތުކުރެވޭނެ ހެކިތަކާއި، ހެކީގެ ނިޞާބާއި، މިންގަނޑުތައްވަނީ އެކަލާނގެ ކަނޑައަޅުއްވައި ދެއްވާފައެވެ.

ހައްދުތައް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރެވޭނެ މިންގަނޑަކީ އެއްވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވުމެވެ. މައިގަނޑު ހެއްކަކީ މީހުންގެ ހެކި ބަހެވެ. މީގެ އިތުރުން މީހާގެ އިޢުތިރާފެވެ.

ނަމަވެސް ގިނަ ފިޤުހު ޢިލްމުވެރިންގެ ރައުޔުގައި ހަރުދަނާ ޤަރީނާ އަކީ ޙައްދު ކަނޑައެޅިފައިވާ ކުށްތައް ފިޔަވައި ހުރިހާބާވަތެއްގެ ކުށެއްވެސް ސާބިތުކުރުމަށް ފުދޭނެ ހެއްކެވެ. ދަރި ލައްވާނީ ތަންމައްޗަށެވެ. ކައިވެނިން ބޭރުން ލިބޭ ދަރީގެ ނަސަބު ސާބިތުކުމުގައި ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ގޮތް ނޫން ގޮތަކަށް ޑީއެންއޭ އިން ނަސަބު ސާބިތުކޮށްފިނަމަ، އެމީހެއްގެ ދަރިއެއްކަމަށް ދައުވާނުކުރާ މީހެއްގެ މައްޗަށް ދަރި ސާބިތުވުމުގެ ނަތީޖާއަކީ، މުޖްތަމަޢުން އޭގެ ނޭދެވޭ އަސަރު ފެންނާނެ ނަތީޖާއެކެވެ. އަދި މިއީ ޝައްކެއް އެކުލެވޭ ކަމެއްގެ މައްޗަށް ޢުޤޫބާތްތައް ކަނޑައެޅުމަށް މަގުފަހިވާކަމެކެވެ. އެހެންކަމުން ބައެއް ޢިލްމުވެރިން ދެކިލައްވާގޮތުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމުގައި ބޭނުންކުރެވޭނީ، މީހުންގެ ހެކިބަހާއި އިޢުތިރާފް އެކަންޏެވެ. ޒަމާނީ ޓެކްނޮލޮޖީގެ ޒަރީޢާއިން ހޯދޭ ފޮޓޯ، ވީޑިއޯ، ސީސީޓީވީ ފޫޓޭޖް އެއީ ބަދަލުކުރެވޭ އެއްޗަކަށްވާތީ، މިފަދަ ހެކިވެސް ޙައްދު ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ފުދޭ ހެއްކެއްގެ ގޮތުގައި ޤަބޫލެއް ނުކުރެވޭނެއެވެ. ނަމަވެސް މިފަދަ ވަސީލަތްތައް ބޭނުންކުރަންވީ މީހުންގެ ހެކިބަހުގައި ހުންނަ ތެދު ދޮގު ކަށަވަރު ކުރުމަށްޓަކައެވެ.

އިސްލާމް ދީނުގެ ކުރީ ކޮޅުގައިވެސް ރަސޫލާވަނީ، ޢިލްމާއި ސައިންސްގައި ކުރިއަރާ ދިއުމަށް ބާރުއަޅުއްވާފައެވެ. ދުނިޔެއާއި ދުނިޔެ ވަށައިގެންވާ އެންމެހައި މަޚްލޫޤާތްތައް ހެއްދެވިގެންވާ ގޮތުގެ ޢިލްމީ ދަލީލްތައް ޤުރުއާނުގައި ވާދިރުވެފައިވެއެވެ. އިސްލާމީ ޝަރީޢާތުގެ މަޤްޞަދުތައް ޤާއިމުކޮށް، ޢަދުލު އިންޞާފު ޤާއިމްކުރުމަށްޓަކައި، ޒަމާނީ ކުރިއެރުންތައް ބޭނުންކުރުން އިސްލާމް ދީން ބަލައިގަނެފައިވެއެވެ.

ފޮރެންސިކް ސައިންސްއަކީ އިސްލާމް ދީން ބަލައިގަނެފައިވާ އެއްޗެއްކަން ދަލީލްކޮށްދޭ ވަރަށް ގިނަ މިސާލުތައް ވެއެވެ. މިގޮތުން ބައެއްފަހަރު މިފަދަ ހެކިތަކަކީ މީހެއްގެ ހެކިބަހަށްވުރެ އިސްކަން ދީފައިވާ ހެއްކެކެވެ. މާއްދީ ހެއްކަކީ އޭގެ ޒާތުގައި ދޮގު ހަދާނެ އެއްޗެއް ނޫނެވެ. އެހެންކަމުން ނަސަބު ސާބިތުކުރުމުގައި "ޤިޔާފާ" ރަސޫލާގެ ޒަމާނުގައިވަނީ ބޭނުންކުރައްވާފައެވެ. މިޒަމާނުގައި ބޭނުންކުރެވޭ ފޮރެންސިކް ހެކީގެ ނަޒަރިއްޔާތުތައް ޞަހާބީން ބޭނުން ކުރެއްވިއެވެ. ޢުމަރުގެފާނުންގެ ޚިލާފަތުގައި އަންހެނަކު ޖިންސީ ކުށުގެ ޝިކާރައަކަށް ވެއްޖެކަމުގެ ޝަކުވާ ހުށަހެޅުއްވިއެވެ. އެކަނބުލޭގެ ހެދުމުގައި ހުރީ އެޢަމަލު ހިންގި މީހާގެ މަނި ކަމަށް ދައުވާކުރިއެވެ. ޢަލީގެ ފާނުން ތުހުމަތު ކުރެވުނު މަނި ހޫނުފެންހުރި އެއްޗަކަށް ލިއެވެ. އިސާހިތަކު ހުދު ކުލައިގެ އެތިއެތި ކޮޅުތަކެއް ފެންގަނޑު ތެރޭގައި އުފެދުނެވެ. ދެން އޭގެ ވަސް ބެލުމަށްފަހު އެއީ ކުކުޅުބިހުގެ ލޮދިކަމަށް ޢަލީގެ ފާނުން ނިއްމެވިއެވެ. އާދެ! އެއީ އިންސާނެއްގެ މަނި ނޫންކަމަށް ކަނޑައެޅުއްވިއެވެ. މިއިޖްރާއަތަކީ، މިޒަމާނުގައި ފޮރެންސިކް ސައިންސް ގައި ޑީއެންއޭ ތަޙްލީލްކުރުމުގައިވެސް ބޭނުންކުރެވޭ އުޞޫލުތަކުގައި އެކުލެވޭފަދަ އިޖްރާއަތެވެ.

އިޖްތިހާދުގެ މައްޗަށް ބިނާވާ ޚަބީރުންގެ ހެކި ބަހަކީ ޤުރުއާނުގައި ނަންގަނެވިފައިވާ ޔޫސުފުގެ ފާނުންގެ ވާހަކައިގައި ބަޔާންވެގެންވާ ވާހަކައެކެވެ. އަދި ޤުރުއާނުގައިވާ މިވާހަކައިގައި ޒަމާނީ ފޮރެންސިކް ތަޙްޤީޤެއް ހިނގާނެ ގޮތާއި، ތަޙްޤީޤުގައި ބޭނުންކުރާނެ އިފްތިރާޟްތަކާއި (ހައިޕޮތެސިސް) ޝަރީޢަތަށް ބޭނުންވާނެ ހެކިތަކާއި އަދި ޙުކުމް ބަޔާން ވެގެންވެއެވެ.

ނަސަބު ސާބިތުކުރުމުގައި ފަހުގެ ބޮޑެތި ޢިލްމުވެރިންގެ ރައުޔުތަކަށް ބަލާއިރު، މުސްލިމު ޢިލްމުވެރިންގެ ބައިނަލްއަޤުވާމީ އިއްތިޙާދުގެ ކުރީގެ ރައީސް ޑރ. ޔޫސުފުލްޤަރްޟާވީ އާއި މިޞްރުގެ ކުރީގެ މުފްތީ ޑރ. ޢަލީ ޖުމުޢާ ވިދާޅުވާގޮތުގައި ނަހަލާލު ދަރީގެ ނަސަބު ސާބިތުކުރުމަށްޓަކައި ޑީއެންއޭ ބޭނުންކުރުން ހުއްދަ ނުވާނެއެވެ. އެއީ ނަސަބު ސާބިތުކުރުމަށް ޝަރުޢު ބާރުއަޅާ މިންވަރަށް އެފަދަ ޢަމަލުތައް ފޮރުވުމަށްވެސް ބާރުއަޅާތީއެވެ. އެއީ މުސްލިމުންގެ ތެރޭގައި މިޖަރީމާ ޢާއްމުވެގެން ދިޔަ ނުދިނުމަށްޓަކައެވެ. މިކަމުގެ ދަލީލަކީ، މާޢިޒު ބުނު މާލިކު ޒިނޭ ކުރިކަމަށް އިޢުތިރާފްވުމުން އިތުރު އެކަލޭގެފާނު ޢަމަލުކުރެއްވި ގޮތެވެ. މީގެ އިތުރުން މިޖަރީމާ ސާބިތުކުރުމަށްޓަކައި ހަތަރު ފިރިހެނުންގެ ހެކިބަސް ބޭނުންވާނެކަމަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވެއެވެ. އެކަން ސާބިތުކުރުމަށް ދެން އޮތީ އެ ދެމީހުންގެ އިޢުތިރާފެވެ.

ޑރ. ޤަރްޟާވީ ވިދާޅުވާ ގޮތުގައި ޒިނޭކުރިކަން ޔަޤީން ނުވާނަމަ، ޙައްދު ޤާއިމެއް ނުކުރެވޭނެއެވެ. ފިޤްހީ ޤަވާއިދެއްގައި ވެއެވެ. "ޙައްދުތައް ޝުބުހާތްތަކުން ދުރުކުރާށެވެ." ނަމަވެސް ފިރިހެނާ ދަރި ނަފީ ކުރާއިރު ނުވަތަ ލިޢާނުގެ ޙާލަތުގައި އަންހެނާ ދަރީގެ ނަސަބު ސާބިތުކުރަން ބޭނުންވާނަމަ، ޑީއެންއޭ އިން ބެލިދާނެއެވެ. މިގޮތުން ޑީއެންއޭ އިން އަންހެނާ ކުށުން ބަރީޢަކަން ކަށަވަރުވެ، ފިރިހެނާގެ ހިތުގެ ޝައްކު ފިލުވާލަ ދެވިދާނެއެވެ. މިގޮތުން ފިރިމީހާ ޑީއެންއޭ ތަޙްލީލްކުރުމަށް ދެކޮޅުހަދާނަމަ، އެއީ އޭނާއާއި ދެކޮޅަށް ލިބިގެންވާ ދަލީލެއްކަމަށްބަލައި، އޭނަގެ ނުރުހުމުގައިވެސް ޑީއެންއޭ ނަގައި ތަޙްލީލްކުރުމަށް އަމުރުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

ޑރ. ޢަލީ ޖުމުޢާ ވިދާޅުވާ ގޮތުގައި ޞައްޙަ ކާވެންޏެއް ކޮށްގެން ލިބިފައިވާ ދަރިއެއްކަމަށް ބުނާނަމަ، އެކަން ސާބިތުކޮށްދޭނެ ވަސީލަތެއްނެތް ޙާލަތުގައި ނުވަތަ ފިރިހެނާ ކައިވެންޏަށް އިންކާރުކުރިއަސް ޑީއެންއޭ ތަޙްލީލްގެ ޒަރީޢާއިން ނަސަބު ސާބިތުކުރެވިދާނެއެވެ. މީގެ އިތުރުން ދަރި ބަލައިގެންފައިވަނިކޮށް ކުއްޖާގެ ބައްޕައާއިމެދު ޖެހޭ މައްސަލަތަކާއި، ކުދިން ހަސްފަތާލުފަދަ ތަންތަނުގައި ނުވަތަ ޓެސްޓް ޓިއުބު ކުދިންތަކެއް އޮޅިގެން އެކުދިންގެ މައިންބަފައިން ހޯދާ ޙާލަތްތަކާއި، ނަސަބު ނޭގޭ މީހެއްގެ މައްސަލައިގައި އަރާރުމެއް އުފެދިގެން އުޅޭ ޙާލަތުގައާއި، ޙާދިސާތަކާއި ކާރިސާތަކުގައި ގެއްލިފައިވާ ފަރާތްތަކުގެ ވަނަވަރާއި ނަސަބު އޮޅުން ފިލުވުމަށްޓަކައި ޑީއެންއޭ ބޭނުންކުރެވިދާނެއެވެ.

ޑރ. ޢަލީ ޖުމުޢާ ވިދާޅުވާ ގޮތުގައި ޑީއެންއޭގެ މައްޗަށް ބަރޯސާވެވޭނީ ޔަޤީނާއި ގާތަށް އިތުބާރުހިފޭ ގޮތަށް އޭގެ ނަތީޖާ ދެވޭނެނަމައެވެ. މިމަސައްކަތުގައި މަސައްކަތްކުރާ ފަރާތްތަކާއި، ބޭނުންކުރާ އާލަތްތަކާއި، ސާމާނާއި، ތަނުގައި އެކަށައަޅައި ޤާއިމްކުރަންޖެހޭ މިންގަނޑުތައް ރަނގަޅަށް ޤާއިމްވެ މަސައްކަތަކުރާކަން ޔަޤީންވާންޖެހޭނެއެވެ. ޑީއެންއޭގެ ނަތީޖާއަކީ ޢިލްމީ ގޮތުން ޔަޤީނާއި ގާތަށް ކަށަވަރު ނަތީޖާއެއް ކަމުގައިވިޔަސް އިންސާނާގެ ފުށުންނާއި މެޝިނުގެ ސަބަބުން ހެދޭ ކުށްތައް ހެދުމުގެ އިޙްތިމާލް އަބަދުވެސް އޮވެއެވެ. މިކަމަކީ އަދި މިޠަބީއަތަކީ ދިރާސާތަކާއި ޢަމަލީ ތަޖްރިބާއިން ފެންނަންހުރި ޙަޤީޤަތެކެވެ.

މީހަކާއި އިނދެގެންއިން އަންހެނަކަށް ލިބުނު ދަރިންގެ ނަސަބު ސާބިތުކުރުމުގައި ޖުމްހޫރު ޢިލްމުވެރިންގެ ނަޒަރުގައި ޒިނޭކުރިމީހާއަށް ދަރި ނިސްބަތް ނުކުރެވޭނެއެވެ. މިރައުޔާއި ޚިލާފަށް ރައުޔު ދެއްވާ ބޭފުޅުންގެ ތެރޭގައި އިބްނު ތައިމިޔާއާއި އިބްނުލް ޤައްޔިމު ހިމެނި ވަޑައިގަންނަވައެވެ. ޑރ. މުޙައްމަދު ރައުފަތު އުސްމާނާއި، ޑރ. ޢަބްދުލްމުޢުޠީ ބައްޔޫމީ ބުރަވެ ވަޑައިގަންނަވަނީ މިރައުޔަށެވެ. މިގޮތުން މީހަކާއި ނީދެ އިން އަންހެނާއަށް ލިބުނު ނަހަލާލު ދަރި އޭނައާއެކު ޒިނޭކުރި ފިރިހެނާއަށް ނަސަބު ސާބިތުވުމާއެކު ޒިނޭވެސް ސާބިތުވާނެއެވެ. ނަމަވެސް ޙައްދު ޤާއިމެއް ނުކުރެވޭނެއެވެ. އެހެނީ ޙައްދު ޤާއިމް ކުރެވޭނީ ނައްޞުން ސާބިތުވެފައިވާ ފަދައިން ޒިނޭގެ ކުށް ހެކިބަހުން ނުވަތަ އިޤްރާރުން ސާބިތުވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް