ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އުޅެވުނީތީ ހިތާމަކުރަން: އަލީ ވަހީދު

ކުރީގެ މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރަން މަސައްކަތްކުރެވުނީތީ މިއަދު އެކަމާ ހިތާމަކުރައްވާކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ އަލީ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމުގައި އޭނާގެ ބައިވެރިވުން ވެސް އޮތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ވެރިކަމުގައި ވެސް ގޯސްތަކެއް ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި ފުރުސަތުގައި ދަންނަވަން، އެ ވެރިކަމުގައި ވެސް ހުރި މައްސަލަތައް. އެކަމަކު މިހާރު އެބަ އެނގޭ ގައުމެއްގެ ރައީސަކާ ހިސާބަކުން ނޫންކަން މައްސަލަތައް މި އުފެދެނީ. އަޅުގަނޑު ރައީސް ޔާމީންގެ ވެރިކަން ރައްޔިތުންގެ އިންތިހާބަކުން ބަދަލުކުރަން މަސައްކަތްކުރިން. މިއަދު އެކަމާ ހިތާމަކުރަން،" އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު އޮތް ވެރިކަން ގެނެވުނީ ރަނގަޅަކަށް ކަމަށްތޯ މިއަދު ހިތަށް އަރާވަޑައިގަންނަވާކަމަށެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދެެން އެކަމަށް،" އަލީ ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވަނީ މިއަދުގެ ސަރުކާރު ގެނެސްގެން ކުރެވުނު ކަމެއް އެބައޮތްތޯ ސުވާލު އުފައްދަވާފައެވެ. އަދި ވެރިކަމަށް ތިން އަހަރު ފުރެން ގާތްވެެފައިވާއިރު އެއްވެސް މަޝްރޫއެއް ހިންގިފައިވޭތޯ ސުވާލު އުފައްދަވާފައެވެ.

"މި ސަރުކާރު އައިސްގެން ހިންގި އެންމެ ބޮޑު މަޝްރޫއަކީ އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެންގެ ނައިބު ރައީސް [އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް] އައިޖީއެމްއެޗް ކައިރީ ހުރި ޓެކްސީ ސްޓޭންޑެއް ހުޅުވުން. ތިން އަހަރު ތެރޭ. ވަރަށް ހިތާމައާއި ލަދުވެތިކަމާއެކު ދަންނަވަން ޖެހެނީ،" އޭނާ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ މި ސަރުކާރުން ވަރަށް ބައިވަރު ވާހަކަދައްކާކަމަށެވެ. ނަމަވެސް އަމަލުން އެކަން ނުފެންނަކަމަށް ވިދާޅުވިއެވެ. އަދި ވެރިކަން ގެނައުމަށްޓަކައި މަސައްކަތްކުރެއްވުމަކީ ހުރިހާކަމަކަށް އެއްބަސްވެގެން ހުރުން ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ އަލީ ވަނީ ވަރަށް ގިނަ ވާހަކަތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ކުށުގެ މައްސަލައާއި ގުޅޭގޮތުން ވެސް އޭނާ ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވާ ގޮތުގައި އެ މައްސަލައަކީ އޭނާ މިނިސްޓަރުކަމުގެ މަގާމުން ދުރުކުރުމަށް ކުރި މަސައްކަތެކެވެ. އަދި އޭނާ ފްރޭމްކޮށްގެން ހިންގާ ޖަރީމާއެއްގެ ގޮތުގައި އެކަން ސިފަކުރެއްވިއެވެ.

comment ކޮމެންޓް