ވީއޭއައިއަށް ބާރުބޮޑުވުމުން ގަމާއި މާފަރު އެއާޕޯޓަށް ފްލައިޓް ޖައްސަން މަޝްވަރާކުރަނީ

ޖުލައި 15، 2020: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ގަތަރު އެއާވޭސްގެ ފްލައިޓެއް ޖައްސަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ފްލައިޓްތަކާއެކު ބާރު ބޮޑުވެ ގިނަ ފްލައިޓްތަކަކަށް ނުޖެއްސި ގިނައިރުވާތީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ފްލައިޓް ޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރަން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ސަން"އަށް ވިދާޅުވީ މިހާރު ފްލައިޓްތަކުގެ ޑިމާންޑް އޮތް މިންވަރާ އަޅާ ބަލާއިރު އެ އެއާޕޯޓުން ދެމުން އަންނަ ހިދުމަތްތަކުގެ ދުވެލި ލަސްކަމަށެވެ. އަދި ޑިމާންޑަށް ހިދުމަތްކުރެވޭ މިންވަރަށް އެ އެއާޕޯޓުގައި ވަސީލަތްތައް ވެސް ނެތްކަމަށެވެ.

"އަޅުގަނޑުމެން މިކަމަށް ހައްލެތް ހޯދަންޖެހޭ އެބަ. ހައްލެތް ހޯދުމަށް ބަލާއިރު އެކަމަށް މިއޮތީ މާފަރު އެއާޕޯޓާއި ގަން އެއާޕޯޓު. އެހެންވީމާ އެ ދެ އެއާޕޯޓު ބޭނުންކުރުމަށް މަޝްވަރާކުރެވޭ އެބަ. މިހާރު މި އޮތް ގޮތުން ބައެއް ފްލައިޓްތަކަށް ނުޖެއްސި ޑިލޭވެ ފަތުރުވެރިންގެ ބުކިންތަކަށް އޭގެ އަސަރުކުރޭ،" މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހުރިހާ އެއާޕޯޓެއް ވީއައިއޭގައި ނުޖައްސާ އެހެން އެއާޕޯޓުތަކުގައި ވެސް ޖެއްސޭނެ ގޮތް ހެދިއްޖެނަމަ ވީއައިއޭއަށް އޮންނަ ޓްރެފިކް ކުޑަކުރެވޭނެކަމަށެވެ.

ހަމައެއާއެކު ވީއައިއޭގައި ޓްރެފިކްގެ މައްސަލައަށް ހައްލެތް ގެނެވޭނީ އެ އެއާޕޯޓުގެ އާ ރަންވޭ ހުޅުވައި އާ ޓާމިނަލްގެ މަސައްކަތް ނިމުމުންކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ "ޕީކް" ސީޒަނުގެ ދުވަސްވަރާ ކައިރިވެފައިވާއިރު އެއާޕޯޓަށް އިތުރަށް ބާރު ބޮޑުވެގެންދާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު އާންމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންމެ ދުވަހަކު ރާއްޖެއަށް އެވްރެޖްކޮށް 4،000އަށް ވުރެ ގިނަ ފަތުރުވެރިން މި ދުވަސްވަރު އަންނަމުންދެއެވެ.

comment ކޮމެންޓް