ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ކިނޮޅަސް ފުރަތަމަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް

ކިނޮޅަސް

ކޮވިޑްގެ ކޭހެއް ފެނި ރ. ކިނޮޅަސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން "ސަން" އަށް ވިދާޅުވީ އެރަށުން ޕޮޒިޓިވްވެފައިވަނީ ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހެއް ކަމަށެވެ.

އޭނާ ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ ޑޮކްޓަރަށް ދައްކައިގެން ބޭސްކުރިތާ ތިން ދުވަސް ފަހުން ވެސް ރަނގަޅުނުމުން ކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

އެރަށުން ފުރަތަމަ ޕޮޒިޓިވްވި މީހަކީ މި ފަހުން ރަށުން ބޭރަށް ދަތުރުކޮށްފައިވާ ފަރާތެއް ނޫން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ ގޮތުގައި 22 މީހަކު ފާހަގަކުރެވުނުއިރު، ކޮންޓެކްޓުންގެ ތެރެއިން ހަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއާއެކު އެރަށުގައި މިވަގުތު އެކްޓިވްކޮށް އުޅެނީ ހަތް ކޭހެވެ.

"މިހާރު ރަށުގައި ޖުމްލަ ހަތް ކޭސް އެކްޓިވްކޮށް އުޅެނީ. ޕޮޒިޓިވްވީ މީހުންގެ ބަލި ހާލަތު ވަރަށް ރަނގަޅަށް މޮނިޓާ ކުރަމުން މި އަންނަނީ. ހައި ރިސްކު މީހެއް އަދި ކުޑަކުއްޖެއް ވެސް ޕޮޒިޓިވްވެފައެއް ނުވޭ." އަހުމަދު ހުސެއިން ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ފަހުން ޕޮޒިޓިވްވި މީހުންގެ 40 އަށް ވުރެ ގިނަ ކޮންޓެކްޓުންގެ ސާމްޕަލް މިހާރު ޓެސްޓުކުރަން ފޮނުވާފައިވާ ކަމަށެވެ.

ކިނޮޅަހުގައި ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތައަށް ވުރެ ގިނަ މީހުން ވެކްސިންގެ ދެ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަކޮށްފައި ކަމަށް އަހުމަދު ވިދާޅުވިއެވެ.

މިއީ ކިނޮޅަސް މޮނިޓަރިންގެ ހާލަތަށް ގެނެވުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު