އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް ކުޅުދުއްފުށީގައި ފަށައިފި

އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް "ގާލްސް ޓު ކޯޑު" ކުޅުދުއްފުށީގައި ފަށައިފި އެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ބާއްވާ އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ބޭއްވީ އަންގާރަ ދުވަހުގެ ރޭ ވާޗުއަލް ކޮށެވެ.

ދިރާގުން ބުނީ އޮންލައިންކޮށް ކުރިއަށްގެންދާ އެ ޕްރޮގްރާމް ކުރިއަށް ދާނީ ދެ މަސް ދުވަހަށް ކަމަށެވެ.

އެ ޕްރޮގްރާމްގައި ކުދިންނަށް އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެ އެވެ. އެ ޕްރޮގްރާމްގެ ތެރެއިން ހިންގޭ ވޯކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖްކުރުމާއި ވެބް ޑިވެލޮޕްމެންޓާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ޓީޗަރުންގެ ގޮތުގައި ދާއިރާގެ ފަންނީ މީހުން ބައިވެރިވާނެ އެވެ.

އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ކޯޕަރޭޓް ސާވިސަސް ޑިރެކްޓާ އާތިފާ އަލީ ވިދާޅުވީ އެ ޕްރޮގްރާމަށް ދިރާގުން އެއްބާރުލުން ދޭން ނިންމި އެންމެ މުހިންމު ސަބަބަކީ، އަންހެނުން ބާރުވެރިކުރުމަކީ އެ ކުންފުނިން ވަކިން ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމަކަށް ވާތީ ކަމަށެވެ.

ހަމައެހެންމެ އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާގައި ބައިވެރިކުރުން އިތުރުކުރުމަށް ހިތްވަރު ދިނުމަކީ ދިރާގުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެއް ކަމަށް ވާތީ ކަމަށެވެ.

މީގެ އިތުރުން މިއީ ގާލްސް ޓު ކޯޑުގެ ތިންވަނަ ސީރީޒްކަން ފާހަގަ ކުރައްވާ، ކޮންމެ އަހަރަކުވެސް ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި އެއީ އެ މަސައްކަތް އިތުރަށް ކުރިއަށް ގެންދަން ލިބޭ ހިތްވަރެއް ކަމަށް އާތިފާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމް ކުޅުދުއްފުށީގައި ބޭއްވުމަށް އެ ރަށުން ލިބުނު ތަރުހީބަށް ވިމެން އިން ޓެކްއިން ވަނީ ޝުކުރުއަދާކޮށްފަ އެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ ހިންދު އަލީ ވިދާޅުވީ ކޯޑިން ފަދަ ޓެކް ހުނަރަކީ މުސްތަގުބަލުގައި ދުނިޔެ ކުރިއަރާ ސްޕީޑްގައި އަހަރުމެންވެސް ފައިހަމަ ކުރުމަށް ބޭނުންވާ މުހިއްމު ހުނަރެއްކަމަށާއި ގާރލްސް ޓު ކޯޑް ޕްރޮގްރާމަކީ ކޯޑިން ދަސްކުރުމަށް އެޅޭ ބިންގަލެއް ކަމަށެވެ.

ގަލްސް ޓު ކޯޑްގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 2019 ވަނަ އަހަރު ފުވައްމުލަކު ސިޓީ ގައެވެ. އަދި މިދިޔަ ޖެނުއަރީ މަހު ދެވަނަ ޕްރޮގްރާމް ކުރިއަށްގެންދިޔައީ ގދ. ތިނަދޫގައެވެ.

comment ކޮމެންޓް