އަދުލު އިންސާފުގެ ވާހަކަ އާއި، ޔާމީނަށް ވަގަށް ގޮވުމާއެކު މަޖިލިސް ތަޅުން ހޫނުވެއްޖެ

މަޖިލީހުގައި މީގެ ކުރިން ގެނައި ސުކޫތުގެ ރެއިން -- ފޮޓޯ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ އެންމެ އަނިޔާވެރި ވެރިޔާ ކަމަށާއި އެއީ ވަގެއް ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވުމާއެކު، މަޖިލީހުގެ ތަޅުން ހޫނުވެ، މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށްފިއެވެ.

ބިންބިމާ ބެހޭ ބިލަށް ގެންނަ އިސްލާހަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނަށް އިއްވި ހުކުމަކީ ބާތިލު ހުކުމެއްކަން، ފަނޑިޔާރުންގެ ލީކުވީ އޯޑިއޯތަކުން ހާމަވެގެންދާ ކަަމަށެވެ.

ރައީސް ޔާމީނަށް ހުކުމް ކުރީ ފަނޑިޔާރުން "ރަހީނުކޮށްގެން" ކަމުން، އެމަނިކުފާނަށް އިއްވި ހުކުމް ބާތިލުކޮށް، ރައީސް ޔާމީނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ފަނޑިޔާރުގެތައް މިނިވަންކުރުމަށް ޝިޔާމް ގޮވާލެއްވިއެވެ.

ޝިޔާމްގެ ވާހަކައިގެ ތެރެއިން ނިޒާމީ މައްސަލަ ނަންގަވައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި އޭނާގެ މައްޗަށް ހުކުމް ކުރީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮއްވައި، ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީނަށް ވުރެ ބޮޑު އަނިޔާވެރިއެެއް ރާއްޖޭގެ ވެރިކަމުން ނުދެކޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އާދެ އަޅުގަނޑު ނުދެކެން ހަމަ ގައިމުވެސް ރައީސް ޔާމީނަށް ވުރެ ބޮޑު އަނިޔާވެރިއެއް. ބޮޑު ވަގެެއް މި ދިވެހިރާއްޖޭގެ ވެރިކަމެއްގަ. އެއްވެސް އިރަކު ވެރިކަމެއް ނުކުރޭ،" ގާސިމް ވިދާޅުވިއެވެ.

އެ މައްސަލައަކީ ނިޒާމީ މައްސަލައެއް ކަމަށް ރިޔާސަތުން ބަލައި ނުގަތުމާއެކު، މަޖިލީހުގައި އަދުލު އިންސާފުގެ ވާހަކަ ދެއްކޭ ނަމަ އޭނައަށް ނުހައްގުން ހުކުމް ކުރި ވާހަކަވެސް ދެއްކެންޖެހޭނެ ކަމަށް ބުނެ ގާސިމް އަޑުގަދަކުރެއްވިއެވެ.

އަދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ގާސިމްގެ ވާހަކަތަކަށް ތާއީދުކޮށް، ރައީސް ޔާމީނުގެ ވެރިކަމުގައި ގާސިމަށް ހުކުމް ކުރީ ނުހައްގުން ކަމަށް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވާފައެވެ.

އެ ދެ މެންބަރުން ރިޔާސަތުން ފުރުސަތު ނުދެނީސް އަޑުގަދަކޮށް ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭގޮތަށް އަޑުގަދަކުރެއްވިއެވެ. އެއާއެކު އިދިކޮޅުގެ ބައެއް މެންބަރުންވެސް ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން، އަޑު އުފުއްލެވިއެވެ.

މަޖިލީހުގެ ތަޅުމުގައި ފުރަތަމަ އަޑުގަދަކުރަން ފެއްޓެވީ ގާސިމްއެވެ. އެއާއެކު ރިޔާސަތަށް މަޖިލިސް ކޮންޓްރޯލް ނުކުރެވި، އޭގެ އިރުކޮޅެއް ފަހުން "ހުސް ވަގުތުކޮޅަކަށް ދިޔުމަށް" މަޖިލިސް ވަނީ ކުޑަ އިރުކޮޅަކަށް މެދުކަނޑާލާފައެވެ.

ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ގާޒީއެއްގެ އޯޑިއޯ އާންމުވުމާ ގުޅިގެން މިއަދުގެ މަޖިލީހަށް ވަނީ މައްސަލައެއްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް މަޖިލީހަށް އެ މައްސަލަ ބަލައިގަނެފައެއް ނުވެއެވެ.

ރައީސް ޔާމީނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް އެންމެ ފަހުވަގުތު ސަސްޕެންޑު ކުރުމަށްފަހު އެ މައްސަލަ ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ.

އެ ބެންޗުގައި ހިމެނުނު ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވެފައިވާއިރު، އެ ތިން ބޭފުޅުންވެސް ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން" ކަމަށް ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯގައި ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް