ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެމްއެންޕީއަށް

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން--- ސަން ފޮޓޯ

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅެން ނިންމައިފިއެވެ.

އެމްއެންޕީއާ ގުޅެން ނިންމިކަމް ހާމަކޮށް، ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއެންޕީއަކީ ހުރިހާ އެންމެންނަށްވެސް ހުޅުވިފައިވާ ފުރުސަތުތަކެއް އޮތް ޕާޓީއެއް ކަމަށާއި، ރާއްޖޭގެ ސިޔާސީ މަޝްރަހުގައިވެސް އެމްއެންޕީއަށް މުހިންމު ދައުރެއް އެބަ އޮތް ކަމަަށެވެ.

އެހެންކަމުން އެމްއެންޕީއާ ގުޅެން ނިންމާފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

"އަޅުގަނޑު މިހާރު ނިންމާފައި މިވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީއަށް އަޅުގަނޑު ޖޮއިން ކުރުމަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގަ އެމްއެންޕީއަށް ވަރަށް މުހިންމު ދައުރެއް އެބަ އޮތް. އަދި ހުޅުވިފައިވާ ފުރުސަތުތަކެއް ހުރިހާ ބޭފުޅުންނަށްވެސް އެ ޕާޓީ ތެރޭގަ އެބަ އޮތް،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ އިތުރަށް ވިދާޅުވީ މިހާތަނަށް ލިބިފައިވާ ތައުލީމާއި ތަޖްރިބާގެ އަލީގައި ދިވެހިރާއްޖެއަށް ހިދުމަތްކުރަން ބޭނުންވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ދިވެހި އަންހެނުންގެ ދައުރު ކުރިއަރުވަން ބޭނުންވާ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑަށް ލިބިފައިވާ ތައުލީމާ ތަޖުރިބާގެ ބޭނުންކުރަން އަޅުގަނޑު ބޭނުންވޭ. އެހެންވެ ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމަށް ހާއްސަކޮށް، ބެލެންސް ފޮރިން ޕޮލިސީއެއް ރާއްޖޭގައި އޮތުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް. ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، އަދި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަނަވަސްކަން ހޯދަން އަޅުގަނޑުމެން އެބަ މަސައްކަތް ކުރަންޖެހޭ،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްވެސް މިފަހުން ވަނީ އެމްއެންޕީއާ ގުޅިފައެވެ.

އޭގެ އިތުރުންވެސް ޕާޓީ އުފެދުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމްއެންޕީއަށް ވަނީ ގިނަ އަދަދެއްގެ މެންބަރުން ސޮއިކޮށްފައެވެ. އެގޮތުން މިހާތަނަށް 4،000 އެއްހާ މީހުން އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށް އެމްއެންޕީ އިން ބުނެއެވެ.

comment ކޮމެންޓް