ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެ

ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަބުރާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ޔުނައިޓެޑުން ވަނީ ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ބަދަލުވާން ނިންމިކަން އެ ކުލަބުގެ ވެބްސައިޓާއި ޓްވިޓާ މެދުވެރިކޮށް ޔަގީންކޮށްދީފައެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ ފުޓުބޯޅައިގެ ދުނިޔޭގައި ވިދާލި ކުލަބުކަމުގައިވާ ޔުނައިޓެޑަށް އޭނާ ބަދަލުވާން މި ނިންމީ 94 މިލިއަން ޔޫރޯގެ އަގަކަށް ޔުނައިޓެޑު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވިތާ 12 އަހަރު ފަހުންނެވެ. ރޮނާލްޑޯ ވަނީ އެ 12 އަހަރުގެ ތެރޭ ރެއާލްގެ އިތުރުން ޔުވެންޓަސްއަށް ކުޅެދީފައެވެ.

ޔުނައިޓެޑްގެ ވެބްސައިޓްގައި ވަނީ ޔުނައިޓެޑާ ޔުވެންޓަސްއާ ދެމެދު ރޮނާލްޑޯގެ ޓްރާންސްފާއަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ.

ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުންތަކެއް އަބަދުވެސް އެންމެ އުންމީދު ކުރާ އެއްކަމަކީ ރޮނާލްޑޯ އަނބުރާ ޔުނައިޓެޑްއަށް ކުޅުމެވެ. ޔުނައިޓެޑްއިން ރޮނާލްޑޯގެ ޓްރާންސްފާއާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ޔުނައިޓެޑުގެ ހުރިހާ ސަޕޯޓަރުންވެސް އެ ޓްރާންސްފާއާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭނެކަމަށެވެ.

ރޮނާލްޑޯ ޔުނައިޓެޑް އަށް ކުޅުނުއިރު އޭނާ ވަނީ 292 މެޗުގައި 118 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ. ރޮނާލްޑޯގެ ފުރަތަމަ ބެލޮން ޑިއޯ އެވޯޑްވެސް އޭނާ ކާމިޔާބު ކުރީ ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ރޮނާލްޑޯއަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ އެއް ކުޅުންތެރިޔެކެވެ. އޭނާ ވަނީ ފަސް ބެލޮން ޑިއޯއާއި، 30 ޓްރޮފީ އޭނާގެ ކެރިއަރުގައި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ފަސް ޗެމްޕިއަންސް ލީގާއި ދެ ލަލީގާގެ އިތުރުން ޕޯޗުގަލްގެ ގައުމީ ޓީމާއެކު ޔޫރޯ މުބާރާތް އަދި ނޭޝަންސް ލީގުގެ ތަށި ފާހަގަ ކޮށްލެވެއެވެ.

އޭނާ ވަނީ އޭނާގެ ކެރިއަރުގައި 783 ލަނޑު 1،073 މެޗުގައި ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ލިއޮނެލް މެސީއާއެކު ދުނިޔޭގެ ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަދި ފުޓުބޯޅައިގެ ތާރީހުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ.

ރޮނާލްޑޯގެ އެންމެ މޮޅު ކުޅުން ފެނިގެންދިޔަކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ އޭނާ ޔުނައިޓެޑުގައި ހުރި ދުވަސްތަކާއި، ރެއާލް އަށް ބަދަލުވެ ހޭދަކުރި ފުރަތަމަ ފަސްވަރަކަށް ސީޒަނުގައެވެ.

comment ކޮމެންޓް