13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި ޒިހާން އެދުނީ ވަކީލަކާ ނުލާ ކުރިޔަށް ދާން

13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި ދައުވާ ކުރާ ޒިހާން ---

މިދިޔަ ޖޫން މަހު ހުޅުމާލެ ފޭސް ދޭއްގައި މަރާލައިފައި ފޮއްޓަކަށްލުމަށްފަހު އެއްލާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގައި ކޯޓުގެ އަޑުއެހުންތަކުގައި އެ މައްސަލައިގެ ދައުވާ އުފުލާފައިވާ ނ. ލަންދޫ، ބަގީޗާގެ، އިބްރާހީމް ޒިހާން ވަކީލަކާ ނުލާ ކުރިޔަށް ދާން އެދެފިއެވެ.

ކުޑަކުއްޖާ މަރާލި މައްސަލައިގައި ޒިހާންގެ މައްޗަށް ކޮށްފައިވާ 13 ދައުވާގެ އަޑުއެހުން މިއަދު 11:00 ޖެހިއިރު ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންގޮސްފައިވާއިރު މިއަދު ކުރިޔަށް ދިޔައީ އޭނާގޭ ބަންދުގެ މުއްދަތު މުރާޖާ ކުރުމެވެ. ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމުގައި ޒިހާންގެ ފަރާތުން ކުރިޔަށް ދާން ބޭނުންވަނީ ވަކީލަކާ ނުލާ ކަމަށް އެދުމާއެކު އެގޮތުގެ މަތިން ބަންދުގެ މައްސަލައިގެ އަޑުއެހުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޒިހާން ބަންދުގައި ބަހައްޓަން ކުރިންވެސް ނިންމާފައިވީއިރު މިއަދުގެ ބަންދު މުރާޖައާކުރުމުގެ އަޑުއެހުމުގައިވެސް ނިންމާފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. އެ މައްސަލައިގެ ބާވަތުން އެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ޒިހާންގެ މައްޗަށް ކުއްޖާ މަރާލި މައްސަލައިގައި 13 ދައުވާއެއް އުފުލާފައިވެއެވެ. އެ ދައުވާތަކަކީ:

  • ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ.
  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާ.
  • ކުުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ދައުވާ.
  • ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި ކުއްޖާ ގްރޫމްކުރުމުގެ ދައުވާ.
  • ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ.
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ.
  • ޖިނާއީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ.

މި ދައުވާތައް ޒިހާންގެ މައްޗަށް ސާބިތުވެއްޖެނަމަ 100 އެއްހާ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޒިހާންގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށްވެސް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކުރާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.

ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލާފައި އޮއްވައި ހުޅުމާލެ ފޭސް 2ގެ މޫދުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބި އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެކުއްޖާގެ ހަށިގަނޑު ފެނުނު އިރުވެސް ގިނަ ޒަހަމްތަކެއް ވަނީ ވެފައެވެ.

comment ކޮމެންޓް