ކުނިތަކާއެކު އުކާލި ކަދުރުއޮށްތަކުން ހެދުނީ ބޮޑު ކަދުރު ދަނޑެއް

ތުޅާދޫގައި ހެދިފައިވާ ކަދުރު ރުއްތައް -- ސަން ފޮޓޯ

ހިންގަވާށެވެ. ފާއިތުވެދިޔަ އަހަރުގެ ރަމަޟާން މަހަށް އަޅުގަނޑާއެކު ދަތުރެއް ކުރާށެވެ. ފާއިތުވެދިޔަ އަހަރު އެކަންޏެއް ނޫނެވެ. ފާއިތުވެދިޔަ ހުރިހާ އަހަރެއްގެ ރަމަޟާން މަސް ހަނދާނަށް ގެންނާށެވެ. ކޮންމެ ދުވަހަކު ރޯދަ ވީއްލަން ކާ ތިން އޮށް ކަދުރު މަތިން ހަނދާން ކޮށްލާށެވެ. އެ ތިން އޮށް ނުވަތަ އެއަށްވުރެ ވެސް ގިނަ ކަދުރަށް ކަންތައް ކުރަނީ ކިހިނެއްކަން ހިތަށް ގެންނާށެވެ. ކަދުރު ކާލައިފައި އޮށް އެއްލާލަނީ ކޮންތާކަށް ހެއްޔެވެ. އެކަމަކާ މާބޮޑު ފަރުވާލެއް ނުބަހައްޓަން ދޯއެވެ.

ބައެއް ފަހަރަށް ނޭނގުމެއްގައި ނަމަވެސް ކަދުރު އޮށްތައް އެއްތަނަކަށް އެޅިއްޖެ ނަމަ އެތަނެއްގައި ބޮޑު ކަދުރު ދަނޑެއް ހެދިދާނެ ކަމަށް ޚިޔާލަށް ގެނައިން ހެއްޔެވެ. ރާއްޖޭގެ ރަށަކުން ކަދުރު ރުއްތަކެއް ގިނަ އަދަދަކަށް ފެނުމަކީ ހަމަ ގައިމު ވެސް ހައިރާން ވެދާނެ ކަމެކެވެ. އަދި އެއީ މުޅިން އަލަށް ފެންނަ މަންޒަރެއް ކަމުގައި ވެސް ވެދާނެއެވެ.

ބ. ތުޅާދޫގައި، އެ ރަށު ރައްޔިތުން ކުނި އަޅަމުން ގެންދިޔަ ސަރަހައްދެއްގައި ބޮޑު ކަދުރު ދަނޑެއް މިހާރު ވަނީ ހެދިފައެވެ. އެތަނުގައި ވަނީ އެންމެ ކަދުރު ރުކެއް ނޫނެވެ. ދެތިން ރުކެއް ވެސް ނޫނެވެ. ހައެއްކަ ރުކެއް ވެސް ނޫނެވެ. އެތަނުގައި ގާތްގަނޑަކަށް 200އެއްހާ ކަދުރު ރުއް ހެދިފައިވާ ކަމަށް "ސަން"އާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވިއެވެ.

ތުޅާދޫގައި ކަދުރު ރުއްތައް ހެދިފައިވަނީ ކުރިން ކުނި އަޅަމުން ދިޔަ ސަރަހައްދަށް --- ސަން ފޮޓޯ

އެތަނުގައި ކަދުރު ރުއްތައް ހެދުނު ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ މީގެ ހައެއްކަ އަހަރު ކުރިން އެތަނަކީ ކުނި އަޅަން ބޭނުން ކުރި ތަނެއް ކަމަށެވެ. އެގޮތުން ރަށުގެ ބައެއް ގެތަކާއި ފާރުތައް ތެޅުމަށްފަހު ރައްޔިތުން އެތަނަށް ތެޅި ގަލާއި ކުނި އަޅަމުން ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުގައި އަހަރުތަކެއް ފާއިތުވެ ގޮސް ހަގީގަތުގައި އެތަނަށް ކަދުރު އޮށްތައް އެޅީ ކޮން އަހަރަކު، ކޮން ބައެއްކަން ވެސް މިހާރު މުޅިއަކުން ސާފެއް ނޫނެވެ. ސާފުވާން އޮތް ކަމަކީ އެތަނަށް ރަށުގެ ރައްޔިތުން ގެންދިޔައީ ކުނި އުކަމުން ކަމެވެ.

ތުޅާދޫގެ ރަައްޔިތުން ދެކޭ ގޮތުގައި މިއީ ރަށަށް އަންނަ މެހެމާނުން ބަލާލަން ރަނގަޅު މަންޒިލަކަށް ހެދިދާނެއެވެ. އެގޮތުން "ސަން"އާ ވާހަކަ ދައްކަމުން އެ ރަށު ރައްޔިތަކު ބުނީ ކަދުރު ރުކަކީ ރާއްޖެއިން އާންމުކޮށް ފެންނަ އެއްޗެއް ނޫން ކަމުން، އެ ރަށަށް އަންނަ މެހެމާނުންނަށް އެތަން ބަލާލުމަކީ ކުރެވޭ ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށެވެ. އެހެންކަމުން އެ ކަދުރު ރުއްތައް ހަލާކުވެދިޔަ ނުދިނުމަކީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އެދުމެއް ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

މިތަނަށް ތުޅާދޫގެ ގިނަ ރައްޔިތުން ކިޔާ އުޅެނީ ވެސް "ކަދުރު ޕާކު"ގެ ނަމުންނެވެ. އެހެންކަމުން އެތަން ޕާކެއްގެ ގޮތުގައި ތަރައްގީކޮށް ގިނަ ބަޔަކަށް ހިތްފަސޭހަ ކޮށްލަން ދެވޭނެ މާހައުލަކަށް އެތަން ހެދުމަކީ އެ ރައްޔިތުން ބޭނުންވާ ކަމެއްކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ.

ތުޅާދޫގައި ކަދުރު ރުއްތައް ހެދިފައިވާ ސަރަަހައްދުގައި މިހާރު ވަނީ ވިނައާއި ގަސް ފަޅައިފައި -- ސަން ފޮޓޯ

އެ ރަށު ކައުންސިލްގެ ރައީސްއާ ވާހަކަ ދައްކާލެވުމުން އެ ޕާކާ ގުޅިގެން ކައުންސިލްގެ ތަސައްވަރެއް ވެސް އޮތް ކަން އެނގުނެވެ. އެގޮތުން އެތަނަކީ ތުޅާދޫގެ ރައްޔިތުންނަށް އަދި ރަށުން ބޭރުން އަންނަ މެހެމާނުންނަށް ވެސް ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަގުސަދުގައި އެތަނުގައި ޕާކެއް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި އާދިލް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ރީތި ގޮނޑުދޮށަކާއި ރީތި މޫދެއް އޮންނަ ކަމަށާއި ކަދުރު ރުއްތަކާއެކު އެފަދަ ގުދުރަތީ ރީތިކަމެއް އެ ޕާކުގައި ހިމެނުމަކީ އިތުރު ފުރިހަމަކަމެއް ޕާކަށް ގެނުވަދޭނެ ކަމެއް ކަމަށެވެ.

"ހެޔޮއެދޭ ފަރާތަކުން މިހާރު ވެސް ހުށަހަޅުއްވާފައި އޮތީ އެތަނުގައި ޕާކެއް ހެދުމަށް ޚަރަދުގައި ހިފާނެ ކަމަށް. އެތަން ސާފުކުރުމާ ތަރައްގީ ކުރުމުގެ ޚަރަދުގައި ހިފާނެ ކަމަށް ބުނެފަ އޮތީ. ދެން އަޅުގަނޑުމެން ބެލި ބެލުމުގައި މާ ބޮޑު ހަރަދެއް ވެސް އެތަނަކަށް ނުދާނެ." އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ "ކަދުރު ޕާކު" ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް އެބަ ދާ ކަމަށެވެ. އެގޮތުން އެތަނުގައި ވަރަށް ބޮޑަށް ވިނައާއި އެކިކަހަލަ ގަސްތައް ފަޅާފައިވާ ކަމަށާއި އެތަން ނޮޅާ ސާފު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކަކާ މިހާރު ވެސް މަޝްވަރާ ކުރެވެމުންދާ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެ ޕާކު ތަރައްގީ ކުރުމަށް ވެސް ބަޔަކާ ވާހަކަ ދެކެވެމުން ދާ ކަމުގައި އާދިލް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށެއްގައި ކަދުރު ދަނޑެއް އޮތުމަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ބައެއް ރަށްރަށުން ކަދުރު ރުއްތައް ފެނުނަސް ގިނަ ފަހަރަށް ފެންނަނީ ގެއެއްގެ ތެރޭގައި ވަކިން ހުންނަ ކަދުރު ރުކެކެވެ. ނުވަތަ ދެތިން ރުކެކެވެ. އެހެން ނަމަވެސް ތުޅާދޫގައި ނޭނގުމެއްގެ ތެރޭގައި މިވަނީ 200އެއްހާ ކަދުރު ރުއް އެއް ސަރަހައްދެއްގައި ކައިރި ކައިރީގައި ހެދިފައެވެ. އެއީ މިއަދު ތުޅާދޫ ރައްޔިތުން ފަޚުރުވެރިވާ ތުޅާދޫ ކަދުރު ޕާކެވެ.

comment ކޮމެންޓް