ފެބްރުއަރީގައި ދެއްކި ޕްރޮގްރާމަކާ ގުޅިގެން ޗެނެލް 13 އިން މާފަށް އެދިއްޖެ

ޗެނަލް 13 އޮފީސް-- ސަން ފޮޓޯ އަލީ ނަސީރު

މި އަހަރުގެ ފެބުރުއަރީ 18 ވަނަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނެސްދިން "ހަޖަމް" ޕްރޮގްރާމުގައި ދެއްކި ވާހަކަތަކާ ގުޅިގެން އެ ޗެނަލުން މާފަށް އެދިއްޖެއެވެ.

އެ ޕްރޮގްރާމުގައި ބްރޯޑްކާސްޓު ކުރުމުގެ ޕްރެކްޓިސްއާއި ހިލާފް ކޮންޓެންޓް ގެނެސްދިންކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނު (ބްރޯޑްކޮމް)އިން ކަނޑައަޅައި، މައާފަށް އެދެން އެންގުމާ ގުޅިގެން، ޗެނަލް 13 އިން ވަނީ ރޭ ބެލުންތެރިންގެ ކިބައިން މާފަށް އެދިފައެވެ. ރޭ 20:58 ގައި ޗެނަލް 13 އިން އާންމުކުރި ލިޔުންކޮޅާއި ވީޑިއޯކޮޅުގައި ބެލުންތެރިންގެ ކިބައިން މާފަށް އެދި، އެފަދަ ކަމެއް ތަކުރާރު ނުކުރާނެކަމަށް ބުނެފައިވެއެވެ.

ޗެނަލް 13 އިން މައާފަށް އެދިފައި މިވަނީ، މައާފަށް އެދި ބަޔާނެއް ނެރުމަށާއި، އެއްވެސް ޝަރުތެއް ނެތި މި ބަޔާން 23 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ ކުރިން، އެރޭ 20:00 އާއި 21:00 އާ ދެމެދުގެ ވަގުތެއްގައި ޗެނަލް 13 އިން އާންމުކޮށް ބްރޯޑްކާސްޓްކުރުމަށް ޗެނެލް 13 އަށް ބްރޯޑްކޮމްއިން އަންގާފައި ވަނިކޮށެވެ.

ފެބްރުއަރީ 25 ވަނަ ދުވަހު ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުނު މި ޝަކުވާއަކީ ދިވެހިރާއްޖޭގެ އަދުލު އިންސާފާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދި ޝަރުއީ ދާއިރާއާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ އަދި ހަގީގަތާއި ހިލާފް ވާހަކަތަކެއް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ގެނެސްދީފައިވާ ކަމަށް ބުނެ މި މައްސަލަ ތަހުގީގުކޮށްދެއްވައި، މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅުއަޅުއްވައި ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ ކޮމިޝަނުން އާންމުކުރި މައުލޫމާތުގައި ވާގޮތުން ޗެނަލް 13 އިން ފެބްރުއަރީ 18، 2021ގައި ބްރޯޑްކާސްޓްކޮށްފައިވާ “ހަޖަމް” ޕްރޮގްރާމްގެ މައްސަލައާ ގުޅޭ ކޮންޓެންޓް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ބައެއް ކަންކަމާ ހިލާފު ވެފައިވާ ކަމަށެވެ.

އެހެންކަމުން ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ޗެނަލް 13ގެ ޕްރޮގްރާމްތައް ކުރިމަގުގައި ބައްޓަންކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގައި އިތުރަށް ސަމާލުވުމަށާއި، ކޮމިޝަނުން އަންގާ އެންގުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ޗެނަލް 13އަށް ނަސޭހަތްތެރިވެފައިވެއެވެ.

comment ކޮމެންޓް