ފިލްމު "ހެހެސް"ގެ ޓްރެއިލާ އާންމުންނާ ހަމައަށް!

ހެހެސް ފިލްމް ޕޯސްޓަރު ---

ދިވެހިންގެ ތެރޭގައި މަގުބޫލު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ކުރިޔަށް ގެނެސްދޭން ނިންމާފައިވާ ދިވެހި ފިލްމު "ހެހެސް"ގެ ރަސްމީ ޓްރެއިލާ އާންމުންނާ ހަމައަށް ގެނެސްދީފިއެވެ.

ބުރާސްފަތި ދުވަހު މި ފިލްމުގެ ޓްރެއިލާ އާންމުކުރިއިރު މި ފިލްމު ޕްރޮމޯޓްކުރަނީ "އިން ފަހަނައެޅި އިޝްގް"ގެ ހޭޝްޓެގް އާއެކުގަ އެވެ. މި ފިލްމަކީ ލޯބީގެ ތަފާތު ވާހަކައެއްގެ މަށްޗަށް ބިނާކޮށް އުފައްދާ ސަސްޕެންސް ތްރިލާއެކެވެ.

ޝައުގުވެރި ގިނަ މަންޒަރުތަކެއް މި ފިލްމުގެ ޓްރެއިލާ އިން ފެނިގެންދިޔައިރު ފިލްމު ތަފާތުވާނެ ކަމުގެ ޔަގީންކަން ފިލްމުގެ ޓީމުން ދެއެވެ. ހަތަރު އަންހެނުން ލޯބި ސިފަކުރާގޮތް ޓްރެއިލާ އިން ފެނިގެންދިޔައެވެ.

ރާއްޖޭގެ މަޝްހޫރު އެކްޓަރު އަހްމަދު ނިމާލްގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ މި ފިލްމަކީ ބޮޑު ކާސްޓެއް އެކުލެވިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. "ހެހެސް"ގެ ޕްރޮޑިއުސަރުންނަކީ ބެލުންތެރިންނަށް ކާމިޔާބު ފިލްމު ތަކެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގާއި އަލީ ޝާނީޒް މުހައްމަދެވެ.

މީޑިއާނެޓްގެ މަލްޓި ސްކްރީން އެޕް މެދުވެރިކޮށް މި ފިލްމު ސްޓްރީމްކުރާއިރު ފިލްމު ދައްކާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މި ފިލްމަކީ ކުޅަދާނަ އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ސްކްރީން ޕްލޭއެކެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެސް ޔޫއްޕެ ހިމެނޭ އިރު ދެން އެ ފިލްމުން ފެންނާނީ އަރަމުން އަންނަ ތަރިން ކަމަށްވާ ޝިފާ، އިރުފާނާ އިބްރާހީމް، ލަހުފާ އަދި އަލަށް ތައާރަފްވާ ތަރިއެއް ކަމަށްވާ ވާޝިއާގެ އިތުރުން ނިއުމާ މުހައްމަދުގެ ކުރިޔަށް އޮތް ފިލްމު "ކަޅަކި"އިން މުހިންމު ރޯލަކުން ފެނިގެންދާނެ ޝިޔާއެވެ.

އަދި ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ދެ މޫނު ކަމަށްވާ އިބްރާހިމް ޖިހާދުއާއި އަލީ އާޒިމް (ދޮން އައްޔަ)ވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް