ގެސްޓު ހައުސްތަކާއި ސަފާރީތަކަށް އީޔޫއިން ދެ މިލިއަން ޔޫރޯގެ ހިލޭ އެހީ

އީޔޫއިން ދިން އެހީ ހަވާލު ކުރުމަށް އީޔޫގެ ސަފީރު ޑެނިސް ޗައިބީ އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު ވަނީ އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ކޮވިޑް-19އިގެ ސަބަބުން ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ދެ މިލިއަން ޔޫރޯގެ ހިލޭ އެހީ ދީފިއެވެ.

އެ އެހީ ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު އީޔޫގެ ސަފީރު ޑެނިސް ޗައިބީ އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު ވަނީ ސޮއި ކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުން ބުނިގޮތުގައި އެ އެހީގެ ތެރެއިން 1.4 މިލިއަން ޔޫރޯ (25 މިލިއަން ރުފިޔާ) ހާއްސަ ކުރާނީ ގެސްޓްހައުސްތައް ފަދަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިނުމަށެވެ. އަދި 0.6 މިލިއަން ޔޫރޯ ޚަރަދު ކުރާނީ އެ ވިޔަފާރިތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އެގޮތުން ފަތުރުވެރިކަމުން ލިބޭ ފައިދާ ރާއްޖޭގެ އިގުތިސާދުގެ ތެރޭގައި ހިފެހެއްޓުމަށް ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް، ވިޔަފާރި ހިންގުމާއި ދެމެހެއްޓެނެވި ގޮތެއްގައި ކުނި މެނޭޖު ކުރުމަށް އެހީ ފޯރުކޮށްދޭނެއެވެ.

ސަރުކާރުން ލަފާ ކުރާ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ 600އަށް ވުރެ ގިނަ ވިޔަފާރިއަށް އެ ޕްރޮގްރާމުން އެހީ ފޯރުކޮށްދެވޭނެއެވެ.

އެ އެހީއަށް އެދި ހުށަހަޅާ ވިޔަފާރިތަކުގައި ހުންނަން ޖެހޭ ޝަރުތަކީ ފަތުރުވެރިކަމުގެ ހިދުމަތް އޮޕަރޭޓު ކުރުމުގެ ސައްހަ ލައިސެންސް ޑިސެމްބަރު 2019 ނުވަތަ ޖެނުއަރީ 2020 ނުވަތަ ފެބްރުއަރީ 2020ގައި އޮތުމެވެ. އަދި އެ އެހީ ދިނުމުގައި، 40 އެނދަށް ވުރެ މަދުން އޮޕަރޭޓު ކުރާ ގެސްޓުހައުސްތަކާއި ސަފާރީތަކަށް އިސްކަން ދޭނެ ކަން ސަރުކާރުން ފާހަގަކުރިއެވެ.

comment ކޮމެންޓް