ނާޒިމުގެ މައްޗަށް ތުހުމަތު ކުރާ ތިން މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަމަށް ނިންމައިފި

އެޓޯލްސް މިނިސްޓްރީ އިން ގަތް ދިދަތަކުގެ މައްސަލައާއި ސައުންޓް ސިސްޓަމްގެ މައްސަލާގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލޭވަރުގެ ކަންތައްތަކެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް ގަތް ގައުމީ ދިދައިގެ މައްސަލައިގައި ނާޒިމްގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެ އެވެ.

ފަނަރަ ހާސް ގައުމީ ދިދަ ގަތުމަށް ކުރީގެ އެޓޯލްސް މިނިސްޓްރީން އިއުލާން ކުރުމުން ނަމީރާގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރެ ނަމީރާގެ މުވައްޒަފުން ބޭނުންކޮށްގެން އެހެން ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި އެ ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ކަމަށް ބުނެ ވެސް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ނާޒިމްގެ މައްޗަށް ކޮށްފައިވެ އެވެ.

ދިދަތަކުގެ މައްސަލައިގައި ކުރި އަނެއް ދައުވާގައި ބުނަނީ 15،000 ގައުމީ ދިދަ ގަތުމަށް އެޓޯލްސް މިނިސްޓްރީން ކުރި އިއުލާނަކާ ގުޅިގެން ވުޖޫދުގައި ނެތް ކުންފުނިތަކެއްގެ ނަން ބޭނުންކޮށްގެން އެތަންތަނުގެ ނަމުގައި ނަމީރާގެ މުވައްޒަފުން ބޭނުންކޮށްގެން އެސްޓިމޭޓް ހުށަހަޅައި އެ ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ކަމަށް ބުނެ، ސަރުކާރުގެ 10،000 އަށް ވުރެ ގިނަ ރުފިޔާ އިން މަކަރާއި ހީލަތް ހެދި ކަމަށް ބުނެ ވެސް ނާޒިމްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

ސައުންޑް ސިސްޓްމްގެ މައްސަލައިގައި ދައުވާކޮށްފައި ވަނީ އަތޮޅުތަކުގެ މިސްކިތްތަކަށް ބޭނުންވާ ސައުންޑު ސިސްޓަމްތައް ގަތުމަށް ކުރީގެ އެޓޯލްސް މިނިސްޓްރީން އިއުލާން ނުކުރަނީސް، އިއުލާންކުރި ކަމަށް ދޭހަވާ ގޮތަށް ނާޒިމްގެ ހިއްސާ އޮންނަ ތިން ކުންފުންޏެއްގެ ނަމުގައި، ނޭޒާ އެންޓަޕްރައިޒަސް ގެ މުވައްޒަފުން ބޭނުންކޮށްގެން އެސްޓިމޭޓް ހުށަހަޅައި ކާމިޔާބުކޮށްފައިވާ ކަމަށް ބުނެވެ.

އެ ތިން މައްސަލައިގެ ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ތިން މައްސަކައަކީ ވެސް އެއްބާވަތެއްގެ ތިން މައްސަލަ ކަމަށެވެ.

ގާޒީ ވިދާޅުވީ ދައުވާގެ އަސްލު ބިނާވެފައިވާ ކަންތައް ކޮށްފައި ވަނީ ކުންފުނީގެ މުވައްޒަފުންކަން ތަހުގީގު ބަޔާންތަކުން އެނގެން އޮންނަ ހިނދު، އެފަރާތްތަކުގެ މައްޗަށް ދައުވާކޮށްފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި ދައުލަތުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ މީހުންނަކީ ދައުވާގައި ބުނާ ކަންތައްތައް ސީދާގޮތުންކޮށްފައިވާ މީހުން ކަން ތަހުގީގު ބަޔާންތަކުން އެނގޭތީ އެމީހުން ހެކީންގެ ގޮތުގައި ބަލައި ނުގަތުމަށް ނިންމެވީ ކަމަށެވެ.
އެހެންކަމުން ނާޒިމްގެ މައްޗަށް ތުހުމަތުކުރާ މައްސަލަތަކުގައި ޖިނާއީ ދައުވާއެއް އުފުލޭވަރުގެ ކަންތައްތަކެއް ނެތްކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

"އަހުމަދު ނާޒިމްގެ މައްޗަށް ފަރުދީގޮތުން މި ދައުވާކޮށްފައިވީ ނަމަވެސް، މި މައްސަކައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ޝަރީއަތުން ރިއާޔްތްކުރާ އިރު، މި މައްސަލައާ ގުޅިގެން މ. ނިޔަދުރު، އަހުމަދު ނާޒިމް ކޮށްފައިވާ ކަންތައްތަކަކީ ގާނޫނީ ގޮތުންނާއި ޝަރުއީ ގޮތުން ތަޖުރީމް ކުރެވޭވަރުގެ ކަންތައްތަކެއް ނޫން ކަމަށް ޝަރީއަތުން ކަނޑައަޅައި، މިގޮތުގެމަތިން ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ހުކުމްގައިވެ އެވެ.

މީގެއިތުރުން ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް ގަތް ބަނދަރު ބައްތިތަކުގެ މައްސަލައިގައި ވެސް ނާޒިމްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލޭވަރުގެ ކަންތައްތަކެއް ނެތްކަމަށް މިދިޔަ ހޯމަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.

ނާޒިމްގެ މައްޗަށް ދައުވާ ކުރި ހަތަރު މައްސަލައިގައި ވެސް ދައުލަތުން ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ ނަމީރާގައި ކުރިން ވަޒީފާ އަދާކުރި، މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސަރަނގު އާދަމް މަނިކުގެ ކޮއްކޮ، އަދި ކުރީ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ނާއިބް މއ. ގޮމަށިގޭ، އަހުމަދު އަޝީތު އާއި އއ. މާޅޮސް ލަކީ ސްޓާ، މުހައްމަދު އިރުޝާދު އަދި މ. ދިއްގަރު އާރާސްތު އަހުމަދު ސިރާޖު އެވެ.

ސަންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ މިއަދަކީ މިނިވަން މުސްތަގިއްލު އިތުބާރު ކުރެވޭ ޖުޑީޝަރީއެއް އޮތްކަމުގެ ޔަގީންކަން ލިބިގެންދިޔަ ދުވަހެއް ކަމަށާއި ކުރީގެ ރައީސް ނަޝީދު އާއި އެމްޑީޕީން ވެސް އެކަން ގަބޫލުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހަތަރު މައްސަލައަކީ ވެސް ރައީސް ނަޝީދުގެ ސަރުކާރުން ރާވައިގެން ހެކި އުފައްދައިގެން އުފަންކުރި އެއްވެސް ހަގީގަތެއް ނެތް މައްސަލަތަކެއް ކަމަށެވެ.

"މިއަދަކީ މިނިވަން މުސްތަގިއްލު އިތުބާރު ކުރެވޭ ޖުޑީޝަރީއެއް އޮތްކަމުގެ ޔަގީންކަން ލިބިގެންދިޔަ ދުވަހެއް. ޚާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީން ވެސް މިއަދު ގަބޫލުކުރާނެ ރާއްޖޭގައި މިނިވަން މުސްތަގިއްލު ޖުޑީޝަރީއެއް އޮތްކަމަށް. ސަބަބަކީ އެބޭފުޅުންނަށް ކަނޑައެޅިގެން އެނގިވަޑައިގަންނަވާނެ މި ހަތަރު މައްސަލައަކީ އެބޭފުޅުން ރާވައިގެން ހެކި އުފައްދައިގެން އެބޭފުޅުން އުފަންކުރި ހަތަރު މައްސަލަކަން. މިއީ އެއްވެސް ހަގީގަތެއް ނެތް އަސްލެއް ނެތް މައްސަލަތަކެއްކަން،" ނާޒިމް ވިދާޅުވި އެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު