ހިރިމަރަދޫ ސްކޫލުގެ މައްސަލަތަކަށް ވަގުތީ ހައްލެއް، އާދީއްތަ ދުވަހު ކިޔެވުން ފަށަނީ

ހިރިމަރަދޫ ސްކޫލުގެ އެސެމްބްލީއެއް ތެރެއިން. -- ފޮޓޯ/ހިރިމަރަދޫ ސްކޫލުް

ހދ. ހިރިމަރަދޫ ސުކޫލުގައި ހުރި މައްސަލަތައް ހައްލުކުރާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން އަރުވާފައިވާ ކަމަށާއި، އަންނަ އާދީއްތަ ދުވަހުން ފެށިގެން ސުކޫލަށް ވަގުތީ ގޮތުން ދިވެހި ޕްރިންސިންޕަލަކު ލިބޭނެ ކަމަށް އެޑިއުކޭޝަނުން އަންގާފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ހިރިމަރަދޫ ސުކޫލުގެ މައްސަލަތަށް ގިނަވެ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުންވެސް އެ ރަށު ބެލެނިވެރިން ވަނީ ދަރިވަރުން ސުކޫލަށް ފޮނުވުމަށް ދެކޮޅު ހަދާފައެވެ.

https://sun.mv/155297

އެ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ވަނީ އިއްޔެ ހިރިމަރަދޫއަށް ދަތުރުކޮށްފައެވެ. އެ ދަތުރުގައި އެޑިއުކޭޝަންގެ ފަރާތުން ގިނަ މައްސަލަތަކަށް ހައްލެއް ލިބޭނެކަމުގެ ފެހި ސިގްނަލްއެއް ލިބުނުކަމަށާއި އޭގެ ތެރެއިން ޕްރިނސިޕަލްގެ މައްސަލަވެސް ހިމެނޭކަމަށް ކައުންސިލުން ބުންޏެވެ.

ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު "ސަން" އަށް ވިދާޅުވީ އަންނަ އާދީއްތަ ދުވަހު އެ ރަށު ސުކޫލަށް ދިވެހި ޕްރިންސިޕަލަކު ފޮނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަަމަށެވެ.

"އާދިއްތަ ދުވަހު ދިވެހި ޕްރިނސިޕަލެއް ލިބޭނެކަމަށް ވިދާޅުވީ އެޑިއުކޭޝަނުން،" ވަހީދު ވިދާޅުވިއެވެ.

އެއާއެކު ސުކޫލަށް ދިމާވެފައިވާ އިދާރީ މައްސަލަތަކާއި ބިދޭސީ ޓީޗަރުންގެ މައްސަލަވެސް ހައްލުކުރުމުގެ މަސައްކަތް އެޑިއުކޭޝަންގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށް މުހައްމަދު ވަހީދު ވިދާޅުވިއެވެ.

"އެ ހުރި ކަންކަން ދެން އެބޭފުޅާ ވަޑައިގެން ހައްލުކުރާނެ ކަމަށް ވިދާޅުވީ. އެހެންވީމަ އަންނަ ހަފްތާއިން ފެށިގެން ބެލެނިވެރިން ކުދިން ސުކޫލަށް ފޮނުވާ ގޮތަށް ހަމަޖައްސާފަ އޮތީ،" ވަހީދު ވިދާޅުވިއެވެ.

ވަހީދު އިތުރަށް ވިދާޅުވީ ސުކޫލަށް ދިމާވެފައިވާ މައްސަލަތަކަކީ ބޮޑެތި މައްސަލަތަކެއް ކަމުން އެކަންކަން ހައްލުކުރުމަށް ވަގުތު ނަގާނެ ކަމަށެވެ.

އެހެންނަމަވެސް އެޑިއުކޭޝަންގެ ފަރާތުން ފޮނުވާ އާ ޕްރިންސިޕަލާއެކު ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބި، ތައުލީމު އުނގެނުމަށް ރަނގަޅު މާހައުލެއް ގާއިމުވެގެންދާނެ ކަމުގައި ގަބޫލުކުރާ ކަމަށް މުހައްމަދު ވަހީދު ވިދާޅުވިއެވެ.

"އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލުތައްވެސް ގެންނާނެ. ފޮތްތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްވެސް. މައްސަލަތަކަށް ހައްލު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން ދެއްވާފަ މިނިސްޓްރީން އޮތީ" ވަހީދު ވިދާޅުވިއެވެ.

އެޑިއުކޭޝަންގެ ފަރާތުން މިހާރު ފޮނުވާ ޕްރިންސިޕަލަކީ ވަގުތީ ބޭފުޅެއް ކަމަށާއި، އެބޭފުޅާ މަސައްކަތް ކުރާނީ އެއް މަސް ދުވަހު ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި ދާއިމީ ޕްރިންސިޕަލަކު ނެގުމުގެ މަސައްކަތް ކުރާނެކަން ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް