އީރާނުގެ އާ ހާރިޖީ ވަޒީރަކަށް ކޮންޒަވެޓިވް ފިކުރުގެ ބޭފުޅެއް

އީރާނުގެ އައު ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން

ތެހެރާން (އޮގަސްޓް 12): އީރާނުގެ އާ ހާރިޖީ ވަޒީރަކަށް ޑިޕްލޮމަސީގެ ތަޖުރިބާހުރި ކޮންޒަވެޓިވް ފިކުރުގެ ބޭފުޅެއް ކަމަށްވާ ޙުސައިން އަމީރުޢަބްދުއްލަހްޔާން ހަމަޖައްސަވައިފިއެވެ.

އަމީރު ޢަބްދުއްލަހްޔާން އަކީ އީރާނުގެ ކޮންޒަވެޓިވް ފިކުރުގެ ކުރީގެ ރައީސެއް ކަމަށްވާ އަހްމަދީ ނެޖާދުގެ ވެރިކަމުގައި ހާރިޖީ ވަޒީރުގެ ނައިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ އީރާނުން ބަހްރައިން އަށް ކަނޑައަޅާފައިވާ ސަފީރުކަމުގެ މަގާމާއި އިރާގުގައި ހުންނަ އީރާނުގެ ޑިޕްލޮމެޓިކް މިޝަންގެ ނައިބުކަމުގެ މަގާމުވެސް އަދާ ކުރައްވާފައެވެ.

މިދިޔަ ހަފްތާގައި އީރާނުގެ އާ ރައީސް އިބްރާހީމް ރައީސީ ވަނީ އޭނާގެ ސަރުކާރުގެ ކެބިނެޓަށް ޕާލަމެންޓްގެ ރުހުން ހޯދުމަށް ހުށަހަޅުއްވާފައެވެ. ރައީސީގެ ކެބިނެޓްގައި ހިމެނޭ ބޭފުޅުންނަށް ރުހުން ދިނުމާބެހޭގޮތުން އީރާނުގެ ޕާލަމެންޓުން ބާއްވާ ޖަލްސާ އޮންނާނީ މިމަހުގެ 14 ވާ ހޮނިހިރު ދުވަހުއެވެ.

ރައީސީގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ކޮންޒަވެޓިވް ފިކުރުގެ ބޭފުޅުންގެ ތެރޭގައި ތެލާބެހޭ ވަޒީރު ކަމަށް އައްޔަން ކުރެއްވި ޖަވާދު އޯޖީ އާއި ދާހިލީ ވަޒީރުކަމަށް އައްޔަންކުރެއްވި ރިޓަޔަޑް ޖެނެރަލް އަޙްމަދު ވާޙިދީ ހިމެނިވަޑައިގަންނަވައެވެ. ޖަވާދު އޯޖީ އަކީ ތެލާއި ގޭހުގެ ސިނާއަތާބެހޭ ތަޖްރިބާކާރެކެވެ.

ޖެނެރަލް ވާޙިދީ އަކީ 1990 ގެ އަހަރުތަކުގައި އީރާނުގެ ދިފާއީ ވަޒީރުކަން ކުރައްވާފައިވާ އަސްކަރީ އިސް އޮފިސަރެކެވެ. 1994 ވަނައަހަރު އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އައިރެސްގައި ހުންނަ ޔަހޫދީ ސަގާފީ މަރުކަޒެއްގައި ބޮމެއް ގޮއްވާލި ހާދިސާގެ ފަހަތުގައި އީރާންވާކަމަށް އިސްރާއީލާއި އެމެރިކާ ތުހުމަތު ކޮށްފައިވާއިރު އެކަމުގެ ޒިންމާ އުފުލަންޖެހޭ ކަމަށް އެ ދެގައުމުން ބުނާ އީރާނުގެ މަސްއޫލުވެރިއަކީވެސް ޖެނެރަލް ވާޙިދީއެވެ.

ނަމަވެސް އެހާދިސާއާއި ވާޙިދީއާ ގުޅުންވާކަމުގެ ސާބިތު ހެތްކެއް އިސްރާއީލަށްވެސް އަދި އެމެރިކާއަށްވެސް ދެއްކިފައެއް ނުވެއެވެ.

ރައީސީ ގެ ސަރުކާރުގެ ދިފާއީ ވަޒީރަކަށް އައްޔަން ކޮށްފައިވަނީ އީރާނުގެ އަސްކަރީ އެންމެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ރިޒާ އަޝްތިޔާނީއެވެ. އޭނާއަކީ އީރާނު ސިފައިންގެ ޗީފް އޮފް ސްޓާފްގެ ނައިބު ކަމުގެ މަގާމު ކުރިން އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

އީރާނުގެ އާ ހާރިޖީ ވަޒީރަކަށް ކޮންޒަވެޓިވް ފިކުރުގެ ބޭފުޅަކު އައްޔަން ކުރުމަކީ އެމެރިކާއާއި އީރާނާދެމެދު ކުރިޔަށްދާ ނިއުކްލިއާ އެއްބަސްވުމާބެހޭ މަޝްވަރާތަކުގައި ކުރިއަށްވުރެ ހަރުކަށި ސްޓޭންޑެއް އީރާނުން ނަގާނެކަމެއް ކަމަށް މިމަޝްވަރާތަކުގައި އީރާނުގެ ކުރީގެ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ޑިޕްލޮމެޓަކު ވަނީ ވިދާޅުވެފައެވެ.

އީރާނުގެ އާ ރައީސް އިބްރާހީމް ރައީސީ ވަނީ އެމެރިކާއާއި އީރާނާ ދެމެދު ކުރިޔަށްދާ ނިއުކްލިއާ މަޝްވަރާތަކުގައި ވަރަށް ބޮޑަށް އީރާނުގެ ގައުމީ މަސްލަހަތަށް ރިއާޔަތް ކުރައްވާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މިގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެމެރިކާ ތައްޔާރަށް އޮތަސް އީރާނުގެ ގައުމީ މަސްލަހަތު ތަންނުދޭގޮތަކަށް އެމެރިކާއާއެކު އެއްބަސްވުމަކަށް ނުދާނެކަމަށް ރައީސީ ވިދާޅުވެފައިވެއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަ ހާހަށްވުރެ ގިނަ ފިޔަވަޅުތައް އަޅާފައިވީނަމަވެސް އީރާނުގެ ތެލާއި ގޭސް އެކްސްޕޯޓް ކުރުން އެއްކޮށް ހުއްޓުވުމާއި އީރާނުގެ އިގްތިސާދު އިނދަޖައްސާލުމުގައި އެމެރިކާއަށް ވަނީ ނާކާމިޔާބުވެފައެވެ. އަދި ޗައިނާއަށް ތެލާއި ގޭސް އެކްސްޕޯޓްކޮށްގެން ޑޮލަރާ ނުލައި އީރާން ގެންދަނީ ޗައިނާގެ ކުންފުނިތަކުގެ އެހީގައި އެގައުމުގެ އުމްރާނީ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ގައުމު ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު އޮންނަ ކޯޅުންތަކުގެ ސަބަބުން އެކަމުގެ ފައިދާ ނެގުމުގެ ފުރުސަތު އީރާނަށް ލިބެއެވެ. މިދިޔަ އަހަރު އީރާން ވަނީ ޗައިނާއިން އީރާނުގައި 25 ބިލިޔަން ޑޮލަރުގެ މިންވަރުގެ އުމްރާނީ ތަރައްގީގެ އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ސޮއިކޮށްފައެވެ. އަދި އީރާނުގެ ބައެއް ތެޔޮވަޅުތައް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ޗައިނާގެ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.

އަނެއް ކޮޅުން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކައް ރައްދު ދިނުމުގެ ގޮތުން އީރާން ވަނީ ނިއުކްލިއާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލައި އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ބަލައި ފާސްކުރުމާބެހޭ އެޑިޝަނަލް ޕްރޮޓޮކޯލްގެ ގެ މުއްދަތު ހަމަވުމުން އެޕްރޮޓޮކޯލްގައި އަލުން ސޮއިކުރުމަށްވެސް ދެކޮޅު ހަދާފައެވެ.

މިއާއެކު ކުރިން ފަސް އިންސައްތައަށް ޔޫރޭނިއަމް ފައްކާކުރި އީރާން މިހާރު 60 އިންސައްތައަށް ޔޫރޭނިއަމް ފައްކާކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދާކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން ބުނެ އެއެޖެންސީ ވަނީ އެކަމާއިމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ.

comment ކޮމެންޓް