އެތުލެޓިކްސްގައި އިންޑިއާއަށް ތާރީހީ ދުވަހެއް

އިންޑިއާގެ ނީރާޖް ޗޯޕްރާ--- ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

ޓޯކިޔޯގައި އޮލިމްޕިކްސްގައި އެތުލެޓިކްސްގެ ޖެވެލިން އުކުމުން އިންޑިއާއިން ރަން މެޑަލް ހޯދައިފިއެވެ.

އިއްޔެ ކުރިއަށް ދިޔަ ޖެވެލިން އިވެންޓުގައި 23 އަހަރުގެ ނީރަޖް ޗޯޕްރާ ވަނީ 87.58 ދުރުމިނަކަށް ޖެވެލިން އެއްލާފައެވެ.

ނީރަޖް ހޯދި ރަން މެޑަލް އާއެކު އިންޑިއާއިން މިވަނީ ހަތް މެޑަލް ހޯދާފައެވެ. މިއީ އެގައުމުގެ އެންމެ ކާމިޔާބު އޮލިމްޕިކްސް މުބާރާތެވެ. އިންޑިއާއިން 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސް ނިންމާލީ ހަ މެޑަލްއާއެކުއެވެ.

ނީރާޖް ހޯދި ކާމިޔާބީއާއެކު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯޑީ ވަނީ ނީރާޖް މިހޯދި ކާމިިޔާބީއަކީ އިންޑިއާއިން އަބަދުވެސް ހަނދާން ކުރާނެ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ރަން މެޑަލްއާއެކު ނީރާޖްއަށް ބޮޑެތި އިނާމުތަކެއްވެސް ލިބިގެންދާނެއެވެ. އެގޮތުން އިންޑިއާގެ ސަރުކާރުންނާއި އަމިއްލަ ކުންފުނިތަކުން ބޮޑެތި ފައިސާގެ އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

ނީރާޖް ވަނީ ޖެވެލިން އުކުމުން ސައުތު އޭޝިއަން ގޭމްސް އާއި ކޮމަންވެލްތު ގޭމްސް އަދި އޭޝިއަން ގޭމްސްގައިވެސް ރަން މެޑަލް ހޯދާފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު