ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫގެ 83 ޕަސެންޓު ނިމިއްޖެ

ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ---- ފޮޓޯ/ އެމްޓީސީސީ

ހދ. ނެއްލައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫގެ މަސައްކަތުގެ 83 ޕަސެންޓް ނިންމައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫގެ ދަށުން، މިހާރު ކުރިޔަށްދަނީ އެއްގަމުތޮށި ލުމުގެ މަސައްކަތްކަމަށެވެ. އެގޮތުން މި މަސައްކަތުގެ 97 ޕަސެންޓް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 96 ޕަސެންޓް ވެސް ވަނީ ނިންމާފައެެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ދާނެކަމަށެވެ.

އަދި 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރުން، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

ހަމައެއާއެކު 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއަށް 50.8 މިލިއަން ރުފިޔާ ހަރަދުވެގެން ދާނެއެވެ.

comment ކޮމެންޓް