ގަތަރު އެއާވޭޒްގެ ފްލައިޓެއްގެ ކުޑަދޮރެއް ތަޅައިގެންގޮސްގެން އަނބުރާ އެއާޕޯޓަށް ޖައްސައިފި

ކުޑަދޮރެއް ތަޅައިގެން ގޮސްގެން އަބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ގަތަރު އެއާވޭޒްގެ ފްލައިޓް. -- ސަން/ފޮޓޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދަތުރުކުރަމުންދިޔަ ގަތަރު އެއާވޭޒްގެ މަތިންދާބޯޓެއްގެ ކުޑަދޮރެއް ތަޅައިގެން ގޮސްގެން އެ ފްލައިޓް އަބުރާ އެއާޕޯޓަށް ޖައްސައިފިއެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ކުޑަދޮރު ތަޅައިގެން ގޮސްފައިވަނީ ގަތަރު އެއާވޭސް ގެ QR677 ފްލައިޓްގެއެވެ. އެ ފްލައިޓް އަކީ މިރޭ 19:45 ކަންހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގަތަރުގެ ވެރިރަށް ދޯހާއަށް ދަތުރުކުރަމުންދިޔަ ފްލައިޓެކެވެ.

އެ ފްލައިޓް މިހާރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައެވެ. އެއާޕޯޓް މިވަގުތު އޮތީ އެލާޓްގައިކަމަށް މައުލޫމާތު ލިބިފައިވާއިރު މަތިންދާބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އަދި މިހާރު ބޯޓު ވަކި ސަރަހައްދެއްގައި ބާއްވައިގެން ކަމާބެހޭ ފަރާތްތަކުން އެޓެންޑުކުރަމުންދާކަމަށާއި ބޯޓުން ދަތުރުކުރި އެންމެން ރައްކާތެރިކަމާއެކު ބޯޓުން ފައިބާފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ކުޑަދޮރެއް ތަޅައިގެން ގޮސްގެން އަބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ގަތަރު އެއާވޭޒްގެ ފްލައިޓް. -- ސަން/ފޮޓޯ

މަތިންދާބޯޓު ޓްރެކް ކުރާ ވެބްސައިޓް ފްލައިޓްރާޑާ 24 އިން ދައްކާ ގޮތުގައި އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަބުރާ ޖައްސަން މިސްރާބު ބަދަލުކޮށްލީ ރާއްޖޭގެ ވައިގެ ސަރަހައްދުން ބޭރުވުމަށް ފަހުއެވެ. އެބޯޓަކީ ބޯއިންގް 777 މަރުކާގެ މަތިންދާބޯޓެކެވެ.

މިކަމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މަތިންދާބޯޓުގެ ކުޑަދޮރު ތަޅައިގެންދާން މެދުވެރިވީ ކީއްވެގެންކަމެއް އަދި ސާފެއްނުވެއެވެ.

comment ކޮމެންޓް