ދެކުނު އޭޝިއާގެ ސުލްހައަށްޓަކައި ކަޝްމީރުގެ މައްސަލަ ހައްލު ކުރަން ޖެހޭ: ޕާކިސްތާނުގެ ސަފީރު

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވައިސް އެޑްމިރަލް އަތުހަރު މުހުތާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު -- ފޮޓޯ/ ރައީސް އޮފީސް

ދެކުނު އޭޝިއާ ސަރަހައްދުގައި ސުލްހަ ގާއިމު ކުރުމަށްޓަކައި ކަޝްމީރުގެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުހަރު މުޚުތާރު ވިދާޅުވެއްޖެއެވެ.

ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިއަށް އެގައުމުން ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލި ތާރިހަށް އިއްޔެ ދެ އަހަރު ފުރުމާ ގުޅިގެން، ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަންގައި ވަނީ ހަފްލާއެއް ބާއްވާފައެވެ. އަދި އިންޑިއާއިން "ގާނޫނާ ހިލާފަށް ޖައްމޫ އެންޑް ކަޝްމީރު ހިފުން ކުށްވެރިކޮށް، ކަޝްމީރުގެ ރައްޔިތުންނާ އެކު ޕާކިސްތާން އޮތް ކަމުގެ ޔަގީންކަން" އެ ހަފްލާގައި ދީފައިވެއެވެ.

ހައި ކޮމިޝަނަރު މުޚުތާރު ވިދާޅުވި ގޮތުގައި އިންޑިއާއިން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް ފަހެއް އޮގަސްޓު 2019އިގައި އުވާލީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށެވެ. އަދި "ދެކުނު އޭޝިއާއަށް ސުލްހަ ގެނައުމަށްޓަކައި އދގެ އާއްމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާ އެއްގޮތަށް ކަޝްމީރުގެ މައްސަލަ ހައްލު ކުރަން ޖެހޭ" ކަމަށް ސަފީރު ވިދާޅުވި ކަމަށް ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައިވެއެވެ.

ކަޝްމީރާ ބެހޭ ގޮތުން އދ.އިން ފާސްކޮށްފައިވާ ގަރާރުތަކުގައި ވަނީ ކަޝްމީރުގެ ރައްޔިތުންނަށް އަމިއްލައަށް ގޮތް ނިންމުމުގެ ފުރުސަތު ދިނުމަށްޓަކައި ވޯޓެއް ބާއްވަން ޖެހޭ ކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ހައި ކޮމިޝަންގައި އޮތް ހަފްލާގެ ތެރެއިން. -- ފޮޓޯ/ޕާކިސްތާން އެމްބަސީ

މީގެ އިތުރުން، އިންޑިއާއިން ކަޝްމީރާ ގުޅުން ހުރި ފިޔަވަޅުތައް އަޅަނީ ކަޝްމީރުގެ އާބާދީ އެކުލެވިފައިވާ ގޮތަށް ބަދަލު ގެނެސް، ކަޝްމީރުގެ ރައްޔިތުންނަކީ އެމީހުންގެ ބިމުގައި އަގުލަބިއްޔަތެއް ނެތް ބަޔަކަށް ހެދުމަށް ކަަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިއްޔެ ވިދާޅުވި ވިދާޅުވުން ސަފީރުވެސް ތަކުރާރު ކުރެއްވި އެވެ.

އިންޑިއާއިން މީގެ ދެ އަހަރު ކުރިން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލާ، އެ ސްޓޭޓު ވަނީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ބަހާލާފައެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަދާކް ވަކި ޓެރިޓަރީއަކަށެވެ. އޭގެ ސަބަބުން، ކަޝްމީރުގެ ކަންތައްތަކާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރާއި އަމިއްލަ ގާނޫނު އަސާސީއެއް އެކުލަވާލުމުގެ ބާރު އެ ސަރަހައްދުގެ މީހުންނަށް ވަނީ ގެއްލިފައެވެ.

ޕާކިސްތާނުގެ ހައި ކޮމިޝަންގައި އޮތް ހަފްލާގެ ތެރެއިން. -- ފޮޓޯ/ޕާކިސްތާން އެމްބަސީ

މީގެ އިތުރުން، މިދިޔަ އަހަރު އިންޑިއާއިން ވަނީ އެގައުމުގެ ކޮންމެ މީހަކަށްވެސް ކަޝްމީރުން ބިން ގަތުމަށް ހުއްދަދޭ ގާނޫނަކަށް އަމަލު ކުރަން ފަށާފައެވެ. އޭގެ ކުރިން އެގައުމުގެ ގާނޫނުތަކުގައި އޮތީ ކަޝްމީރުން ބިން ގަނެވޭނީ އެ ސަރަހައްދުގެ ދާއިމީ ރަށްވެހިންނަށް އެކަނި ކަމަށެވެ.

ކަޝްމީރުގެ މުސްލިމުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާއިން އެ ބަދަލު ގެނައީ އެ ސަރަހައްދުގެ އާބާދީގައި މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންގެ ނިސްބަތަށް ބަދަލު ގެނައުމަށްޓަކައެވެ.

comment ކޮމެންޓް