އާންމު އިންތިޚާބެއް ބާއްވައި އިންތިޚާބީ ސަރުކާރަކާ ވެރިކަން ހަވާލުކުރާނަން: މިޔަންމާގެ އަސްކަރީ ސަރުކާރު

މިޔަންމާގެ އަސްކަރީ ވެރިޔާ ޖެނެރަލް މިން އަންގް ހިލައިން

ނެބިޑާއޮ (އޮގަސްޓް 01): މިޔަންމާގައި އަލުން އާންމު އިންތިޚާބެއް ބޭއްވުމަށްފަހު އެއިންތިޚާބު ކާމިޔާބުކުރާ ފަރާތަކާ ވެރިކަން ހަވާލުކުރާނެ ކަމަށް އެގައުމުގެ ޑިމިކްރެޓިކް ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލި އަސްކަރީ ސަރުކާރުން އަނެއްކާވެސް ބުނެފިއެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުން މިއަދު ބުނީ ގިނަ ސިޔާސީ ޕާޓީތަކަށް ބައިވެރިވެވޭ އިންތިޚާބެއް ބާއްވާނެކަމަށާ އަސްކަރީ ސަރުކާރުގެ ބޭނުމަކީ އިންސާފުވެރި އަދި ދެފުށްފެންނަ އިންތިޚާބެއް ބާއްވައި އެއިންތިޚާބު ކާމިޔާބުކުރާ ފަރާތަކާ ވެރިކަން ހަވާލުކުރުން ކަމުގައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ އިންތިޚާބީ ސަރުކާރުގެ ވެރިކަން ނިމުމަކަށް ގެނައީ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ގެނައި އަސްކަރީ އިންގިލާބެއްގައެވެ. އިންގިލާބު ގެންނަން ޖެހުނީ އެގައުމުގެ އިސްވެރިޔާ ނުވަތަ ސްޓޭޓް ކައުންސިލާ އަން ސަން ސޫ ކީގެ ޕާޓީން އިންތިޚާބު އޮޅުވާލައި ނަހަމަގޮތުގައި ވެރިކަމުގައި ދެމިއޮތުމަށް މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް ބުނެ އަސްކަރީ ސަރުކާރުން އިންތިލާބު ޖަސްޓިފައި ކޮށްފައިވެއެވެ.

އަސްކަރީ ސަރުކާރުން ކުރިންވަނީ އެއްއަހަރު ތެރޭގައި އަލުން އާންމު އިންތިޚާބެއް ބާއްވައި ޑިމޮކްރަސީ އިއާދަކުރާނެކަމަށް ބުނެފައެވެ. ނަމަވެސް އިންތިޚާބު ބާއްވާނެ ތާރީޚެއް އަދިވެސް ކަނޑައަޅާފައެއް ނުވެއެވެ. އަސްކަރީ އިންގިލާބާއެކު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން މިޔަންމާއާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅު އަޅައި އެގައުމުވަނީ އެކަހެރިކޮށްފައެވެ.

ނަމަވެސް މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އެއްވެސް ފިޔަވަޅެއް އެޅުމުގައި އެމެރިކާއާއި ޔޫރަޕްގެ ބާރުތައްވަނީ ނާކާމިޔާބުވެފައެވެ. މިޔަންމާ ނިސްބަތްވާ އާސިޔާންގެ ގައުމުތަކުންވެސް އެގައުމުގެ ދާޚިލީ މިމައްސަލައިގެ ތެރެއަށް ވަދެފައެއް ނުވެއެވެ.

ޑިމޮކްރަސީ އާ ދެކޮޅަށް މިޔަންމާގެ އަސްކަރީ ވެރިން ގެނައި އިންގިލާބާ ގުޅިގެން އަސްކަރީ ސަރުކާރާ ދެކޮޅަށް އެގައުމުގެ އާންމުން ސުލްހަވެރިކަމާއެކު މުޒާހަރާކޮށް އިޙްތިޖާޖް ކުރުމުން އަސްކަރީ ސަރުކާރުންވަނީ ބާރުގެ ބޭނުންކޮށްގެން އާންމުންގެ ސުލްހަވެރި މުޒާހަރާތައް ރޫޅާލާފައެވެ. ސުލްހަވެރި މުޒާހަރާކުގެ ތެރެއަށް ވަދެގަތް ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންވަނީ ސަރުކާރުގެ އިމާރާތްތަކާއި ކާރުޚާނާ ތަކުގައި ހުޅުޖަހައި ޓެރަރިޒަމްގެ އަމަލުތައްވެސް ފުޅާދާއިރާއެއްގައި ހިންގާފައެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުންވަނީ ހަރުކަށި އަމަލުތައް ހިންގި އެކްޓިވިސްޓުންގެ ގަޔަށް ބަޑިޖަހައި އޭގެތެރެއިން އެތަށް ސަތޭކަބަޔަކު މަރާލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް