އަކުރަމް ކަމާލުއްދީން ދޭންޖެހޭ ފައިސާގެ މައްސަލަ އަދިވެސް ނުނިމޭ: މުސްތަފާ

މުސްތަފާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސިވިލް ކޯޓަށް އޭނާ ހުށަހަޅާފައިވާ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ދޭން ޖެހޭ ފައިސާގެ މައްސަލަ އަދިވެސް ނުނިމޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ "ސަން" އަށް ވިދާޅުވީ އަކުރަމްގެ ފަރާތުން އޭނާއަށް ލިބެންޖެހޭ ދެ މިލިއަން ރުފިޔާ އެބަހުރިކަމަށެވެ. އަދި މިހާރު އެ މައްސަލަ ސިވިލް ކޯޓުގައި އޮންނަތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ.

އެހެންނަމަވެސް އަދިވެސް އެ މައްސަލައިގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި ވަރަށް ފަހުންވެސް ކިޔަމުން އަންނަނީ ޖުޑިޝަރީ ވަރަށް ރަނގަޅުވެއްޖެޔޭ. އެކަމަކު ޖުޑިޝަރީ އޮތީ ހަމަ ޖާހިލުކޮށް އަދިވެސް. މައްސަލަ ބެލޭގޮތެއް ނުވޭ އަދިވެސް،"

"އެކަމާ އަޅުގަނޑު މިހުރީ ވަރަށް ކަންބޮޑުވެފައި ދެން." މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އެކި ފަހަރު މަތިން ވަކީލުން މެދުވެރިކޮށްގެންވެސް އެ މައްސަލަ ކުރިޔަށް ގެންގޮސް ނިންމުމަށް އެދިފައިވާކަމަށެވެ.

އަދި ކޮންމެ ފަހަރަކުވެސް މައްސަލަ އަވަސްކޮށްދޭނެކަމަށް ބުނާކަމަށް މުސްތަފާ ވިދާޅުވިއެވެ. އެކަމަކު ދުވަހަކުވެސް އެކަން ނުވާކަމަށާއި، މިހާރު އެގޮތަށް އެއް އަހަރު ދުވަސް ވޭތުވެފައިވާކަމަށް ވެސް ވިދާޅުވިއެވެ.

"ހިސާން ގެ ލޯ ފާމަށް އަކުރަމް މައްސަލަ ދީފައިވާކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އެހެންވެ ކަންނޭނގެ ލަސްވެގެން މިއުޅެނީ." އޭނާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވިގޮތުގައި އެފަދަ އިތުރު އެހެން މައްސަލަތަކެއްވެސް އެބަހުއްޓެވެ. ނަމަވެސް މިހާރު އޮތް މައްސަލަ ނުނިމެނީސް އިތުރު މައްސަލައެއް ހުށަހަނާޅާނޭކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މައްސަލަތައް ހުށަހެޅިކަމުގައިވިޔަސް ކުރިއަށް ދާނެކަމުގެ އެއްވެސް ޔަގީން ކަމެއް އޭނާއަށް ނެތުމުންކަމަށް މުސްތަފާ ވިދާޅުވިއެވެ.

comment ކޮމެންޓް